މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލީ އުސޫލުން ބޭރުން ކަމަށާއި ޖަމިއްޔާގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް އެމްޑީއެންއިން ބުނެފި އެވެ.
އެމްޑީއެންއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ޖަމިއްޔާ އުވާލަން ނިންމީ ޖަމިއްޔާގެ ރަޖިސްޓްރީ ބާތިލު ކުރަން ޔޫތް މިނިސްޓްރިއިން އެންގި އެންގުމަށް ޖަވާބު ދީފައި ނުވާތީ ކަމަށް ބުނި ނަމަވެސް، އެއީ ހަގީގަތާކ ހިލާފު ވާހަކައެއް ކަމަށެވެ.
މިނިސްޓްރީގެ އެ ސިޓީއަށް ނޮވެމްބަރު ހަ ވަނަ ދުވަހު އެ ޖަމްއިއްޔާއިން ޖަވާބުގެ ސިޓީއެއް ފޮނުވާފައިވާނެ ކަމަށް އެމްޑީއެންއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އެ ސިޓީގައި މިނިސްޓްރީގެ ނިންމުމަކީ ޣައިރުގާނޫނީ ނިންމުމެއްގެ ގޮތުގައި އެ ޖަމިއްޔާއިން ދެކޭ ކަމަށާއި އެ ޖަމިއްޔާއިން ގާނޫނާ ހިލާފަށް ކަމެއް ކޮށްފައިވާނަމަ އެކަމަށް ބަޔާން ކޮށްދިނުމުގެ އިތުރުން ރަޖިސްޓްރާގެ ނިންމެވުން އަލުން މުރާޖައާ ކޮށްދިނުމަށް އެދިފައިވާނެ ކަމަށް އެމްޑީއެންއިން ބުނެ އެވެ.
އެ ސިޓީއަށް ޖަވާބެއް ނުލިބި ލަސްވާތީ ނޮވެމްބަރު 10 ވަނަ ދުވަހު އިތުރު ސިޓީއެއް ވެސް ފޮނުވާފައިވާނެ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް އޭގެ ތެރެއިން އެއްވެސް ސިޓީއެއްގެ ޖަވާބު ލިބިފައި ނުވުމުގެ އިތުރުން، ތުހުމުަތުތަކަށް ޖަވާބެއް އެރުވުމުގެ ފުރުސަތު ދައުލަތުގެ އެއްވެސް އިދާރާއަކުން ދީފައި ނުވާ ކަމަށް އެމްޑީއެންއިން ފާހަގަކުރެ އެވެ.
މީގެ އިތުރުން ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން މިހާރު ހިންގަމުންދާ ހަރަކާތްތަކުގައި ހާމަވަމުންދާ ކަންކަމަކީ އެމްޑީއެންއިން 2016 ވަނަ އަހަރު ނެރުނު ރިޕޯޓުގައި ފާހަގަކުރި ކަންތައްތައް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ3އ.
"ކުރިއަށް އޮތް ތާނގައި ވެސް މި ޖަމިއްޔާގެ މި މަސައްކަތް (ހަރުކަށި ފިކުރު ހާމަ ކުރުން) ﷲގެ ވާގިފުޅާއެކު ހުއްޓުމެއް ނެތި ކުރަމުން ގެންދާނަން. މި މައްސަލަތަކާ (ހަރުކަށި ފިކުރުގެ މައްސަލަތަކާ) ބެހޭގޮތުން އާންމު ރައްޔިތުންނަށް ހާމަނުވެ ހުރި މުހިންމު މައުލޫމާތުތަކެއް ހުރުމާއެކު، އަދި އެ ކަންކަމަކީ ރައްޔިތުންނަށް އެނގެން ޖެހޭ ކަންތައްތަކެއް ކަމުގައި މި ޖަމިއްޔާއަށް ގަބޫލު ކުރެވޭތީ، ކުރިއަށް އޮތް ތަނުގައި އެ ކަންތައްތައް ހާމަކުރަމުންދާނެ ވާހަކަ ދަންނަވަން." އެމްޑީއެންއިން ބުނެފައިވެ އެވެ.