އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަވާ ފަދަ ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ޝާއިއުކުރި، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ސަރުކާރުން މިއަދު އުވާލައި އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.
ޖަމްއިއްޔާ ޖަމާއަތްތަކުގެ ބެލެނިވެރި ފަރާތް، ޔޫތް މިނިސްޓްރީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްޑީއެން އުވާލާފައިވަނީ އެ ޖަމްއިއްޔާ އާއި ގުޅޭ މައްސަލަތައް ނިންމުމަށް ދިން 45 ދުވަސް ތެރޭ އެ ޖަމްއިއްޔާގެ ފަރާތުން މިނިސްޓްރީ އަށް އެއްވެސް އެއްޗެއް އަންގާފައި ނުވާތީ ޖަމްއިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރާއަށް ލިބޭ ބާރުގެ ދަށުން ކަމަށެވެ.
އެމްޑީއެންގެ ރަޖިސްޓްރީ ވަގުތީ ގޮތުން ބާތިލްކޮށް މުދަލާއި ދަރަނީގެ ކަންކަން ހަމަޖެއްސުމަށް ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން ދޭން ޖެހޭ 45 ދުވަސް އެ ޖަމްއިއްޔާއަށް ދިނީ މިދިޔަ ނޮވެމްބަރު ފަސް ވަނަ ދުވަހު އެވެ.
އެ ޖަމްއިއްޔާ އުވާލަން ނިންމީ ޖަމިއްޔާތަކުގެ ގާނޫނުގެ 19 ވަނަ މާއްދާގެ (ހ) އާއި (ށ)އާ ހަވާލާދީ އެ ގާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ނެވެ.
އެމްޑީއެންއިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓުގައި ދީނާ ހިލާފު ވާހަކަތަކެއް ހުރި މައްސަލަ ހޫނުވެ ގިނަ ބަޔަކު ވަނީ އެ ޖަމިއްޔާ އުވާލައި، އެ ޖަމިއްޔާގެ މައްސަލަ ބަލަން މީގެ ކުރިން ގޮވާލައިފަ އެވެ.
އެމްޑީއެންގެ "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓަކީ ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި އެ ޖަމިއްޔާއިން ކުރި ދިރާސާއެއްގެ މައްޗަށް ނެރުނު ރިޕޯޓެކެވެ. އެ ރިޕޯޓު ޝާއިއު ކުރީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.
ދީނީ އިލްމުވެރިންގެ އެހީތެރިކަމާ އެކު ފުލުހުން އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ބުނެފައި ވަނީ، ދީނީ އިލްމުވެރިންނާ ހަވާލުކޮށްގެން ފުލުހުންގެ އިދާރާއިން ހެދި އެ ރިޕޯޓްގެ އެސެސްމަންޓުން ވެސް އެމްޑީއެންގެ ރިޕޯޓުގައި ދީނާ ހިލާފު ވާހަކަތަކެއް ހުރިކަން ހާމަވި ކަމަށެވެ. އެހެންވެ، ފުލުހުން ޔޫތް މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެނަ އެވެ.
ރިޕޯޓު ލިޔުމުގައި އުޅުނު އެމްޑީއެންގެ އިސްވެރިން ކަމަށްވާ، ޝަހިންދާ އިސްމާއީލާއި ޑރ. އަޒްރާ ނަސީމް ރާއްޖެއިން ބޭރުގައި ދިރިއުޅުނު ނަމަވެސް، އެ މީހުން ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވި އެވެ. ނަމަވެސް ރާއްޖޭގައި ރައްކާތެރި ކަމެއް ނެތް ކަމަށް ބުނެ އެ މީހުން ވަނީ ފުލުހަށް ހާޒިރުވެ ބަޔާން ދިނުމަށް ދެކޮޅު ހަދައިފަ އެވެ.
ރަޖިސްޓްރޭޝަން އުވާލަން ނިންމި ނިންމުމާ ގުޅޭ ގޮތުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މީގެކުރިން ވިދާޅުވީ، ދީނަށާއި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ނޫން ކަމަށެވެ.
އެމްޑީއެން އުވާލަން ސަރުކާރުން ނިންމި ނިންމުން އަނބުރާ ގެންދަން ބޭރުގެ ބައެއް ގައުމުތަކާއި ޖަމްއިއްޔާ ޖަމާއަތްތަކުން ގޮވާލާފައިވެ އެވެ.