މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ރ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ. މެޓުން ބުނީ މި ސަރަހައްދުތަކުގެ ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. ވިލާ ގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަސް ލަފާކޮށްފައިވާއިރު، ކަނޑު ވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އުތުރާއި މެދުތެރޭގެ ކަނޑުތައް އިތުރަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.
މި ސަރަހައްދުތަކުން ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރެއެވެ.
މިހާރު ކުރަމުންދާ ވިއްސާރާގައި މާލޭގެ އިތުރުން ގިނަ ރަށްރަށުގައި ފެންބޮޑުވެ ގެއްލުންތަކެއް ވެފައިވެއެވެ. ވައި ގަދަވުމުގެ ސަބަބުން ޅ. ނައިފަރު ކައުންސިލްގެ ފުރާޅު އެއްލާލާފައިވައިރު މާލޭގެ މަގުތަކުގައި ހުރި ބައެއް ބިލަބޯޑުތައް ވެއްޓުން ފަދަ ހާދިސާތައް ވަނީ ހިނގައިފައެވެ.
ހުކުރު ހޮނިހިރުވެސް ވިއްސާރަވާނެ
މެޓުން ބުނީ މިއަދަށްވުރެ މާދަމާ ވިއްސާރައިގެ އަސަރު ކުޑަވި ނަމަވެސް ދޭތެރެ ދޭތެރެއިން ރާއްޖޭގެ ހުރިހާ ހިސާބަކަށޤވެސް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ހޮނިހިރު ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށާއި ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަވަޔާއެކު ވިއްސާރަ ކުރާނެ ކަމަށްލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.
މެޓުން ވަނީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރާ ވިއްސާރައަކީ މި ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފްއެއްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށް މެޓުން ބުންޏެވެ.