ސިވިލް ސާވަންޓުންނަށް އަމާޒުކޮށް ސައިރިކްސްއިން މާސްޓާސް ކޯހެއް އަންނަ އަހަރު ފަށަނީ

ސައިކޮލެޖީ ކޯސް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސައިރިކްސްގެ ރެކްޓާ ޑރ. އަލީ ފަވާޒް ވާހަަކަ ދައްކަވަނީ--- ފޮޓޯ: ސައިރިކްސް

ރާއްޖޭގެ ލީޑިން ކޮލެޖެއް ކަމަށްވާ ސައިރިކްސް ކޮލެޖުން ސިވިލް ސާވެންޓުންނަށް އަމާޒުކޮށް މާސްޓާސް ކޯހެއް އަންނަ އަހަރު ފަށަން ނިންމައިފި އެވެ.

ސައިރިކްސްއިން ފަށަން ނިންމާފައި ވަނީ މާސްޓާސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ކޯހެކެވެ. މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށާ ކޯހެއްވެސް މެ އެވެ.

އެ ކޯހަކީ އެއް އަަހަރު ދުވަހުގެ ކޯހެކެވެ.

ޕަބްލިކް އެޑްމިިނިސްޓްރޭޝަން ކޯހާ ގުޅޭ ގޮތުން ސައިރިކްސް ކޮލެޖްގެ ރެކްޓާ ޑރ. އަލީ ފަވާޒް ޝަރީފް މިއަދު ވިދާޅުވީ އެ ކޯހަކީ އެ ކޮލެޖުން އަމިއްލައަށް ފަރުމާކޮށްފައިވާ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ހިންގާ ފެންވަރުގެ ކޯހެއް ކަމަށެވެ.

"މިއީ މެނޭޖަރުންނާއި މިޑިލް ލެވަލްއިން ފެށިގެން ސީނިއާ ލެވެލްގެ މުވައްޒަފުންނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދޭނެ ކޯހެއް. މީގައި އިންނާނެ ޕަބްލިކް ޕޮލިސީ ހަދާ އިރު ވިސްނަން ޖެހޭ ކަންކަމާއި ސްޓްރެޓެޖިކް ލީޑާޝިޕްއާއި ފައިނޭންސާއި ޕަބްލިކް ސާވިސް މެނޭޖްމަންޓް ފަދަ ދާއިރާތައް." ފަވާޒް ވިދާޅުވި އެވެ.

ފަވާޒް ވިދާޅުވީ އެ ކޯސް ކުރިއަށް ގެންދާނީ ހޮނިހިރު ދުވަހު ކަމަށެވެ.

ކޯހަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ގުޅޭ ދާއިރާއަކުން ބެޗެލާސް ޑިގްރީ ހާސިލްކޮށްފައިވުން ނުވަތަ ހަތް އަހަރު ވަޒީފާގައި އުޅެ ލެވަލް ފަހެއްގެ ޑިޕްލޮމާއެއް ނިންމައި އުމުރުން 25 އަހަރުވުން ހިމެނެ އެވެ. އަދި ވަޒީފާގެ ތަޖުރިބާގައި ހަތް އަހަރު އުޅެ، ޑިޕްލޮމާ ހެދިފަހުން ތިން އަހަރު މަސައްކަތްކޮށްފައިވާންޖެހޭނެ ކަމަށް ވެސް ސައިރިކްސްއިން ބުންޏެވެ.

ކޯހުގެ ފީއަކީ 45،000 ރުފިޔާ އެވެ. އަދި އިންސްޓޯލްމަންޓަށް މަހަކަށް 3750 ރުފިޔާގެ ރޭޓުން ފައިސާ ދެއްކޭނެ ކަމަށް ސައިރިކްސް އިން ބުންޏެވެ.

comment ކޮމެންޓް