އޮސްކާގެ އެންމެ މޮޅު ފިލްމަށް ޝަރުތު ހަމަވާ 344 ފިލްމެއް

އޮސްކާސްގެ މޮޅު ފިލްމަށް ޝަރުތު ހަމަވާ ފިލްމެއް ކަމަށްވާ "އެޑް އެސްޓްރާ"ގެ މަންޒަރެއް --- ފޮޓޯ : އިންޓަސްކޯޕް

ފިލްމީ ދާއިރާއިން ލިބޭނެ އެންމެ ބޮޑު އަދި ޝަރަފުވެރި އެވޯޑް ކަމަށްވާ އޮސްކާސްގެ އެންމެ މޮޅު ފިލްމުގެ އެވޯޑަށް ޝަރުތު ހަމަވާ 344 ފިލްމު އަޅުވާފައިވާ ކަމަށް އެކެޑެމީ އޮފް މޯޝަން ޕިކްޗާ އާޓްސް އެންޑް ސައިންސް އިން އާންމުކޮށްފި އެވެ.

އަންނަ އަހަރުގެ ފެބްރުއަރީގެ އަށް ވަނަ ދުވަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮސްކާއަށް ތައްޔާރުވުމުގެ ގޮތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޖަޖުންގެ ކޮމިޓީން ދަނީ ނޯމިނޭޝަން އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

ފިލްމުތައް ޝޯޓްލިސްޓުކުރުމުގެ ކުރީން އޮސްކާގެ އެންމެ ބޮޑު އެވޯޑަށް ޝަރުތުހަމަވާ ފިލްމުތަކުގެ ލިސްޓު ހާމަކޮށްފައިވަނީ ރޭގައެވެ.

އެންމެ މޮޅު ފިލްމަށް ޝަރުތުހަމަވާ ފިލްމުތަކުގެ ތެރޭގައި ސައިންސް ފިކްޝަން ފިލްމުތަކާއި އެނިމޭޝަން އަދި ޑްރާމާ ހިމެނެއެވެ.

އޮސްކާސްގެ އެންމެ މޮޅު ފިލްމަށް ޝަރުތު ހަމަވުމަށްޓަކައި ގިނަ ކަންތައްތަކެއް ފުރިހަމަ ވާން ޖެހެއެވެ. އެގޮތުން އެ ފިލްމަކީ ލޮސް އެންޖެލެސްގެ ކޮމާޝަލް ތިއޭޓަރެއްގައި މިމަހުގެ 31ގެ ކުރީން އަޅުވާ ފިލްމަކަށް ވާން ޖެހޭނެއެވެ. އަދި އެ ފިލްމު އެންމެ މަދުވެގެންވެސް ޖެހި ޖެހިގެން ހަތް ދުވަހު އަޅުވާފައި ހުންނަން ޖެހޭނެ އެވެ.

އެކެޑެމީއިން ބުނާގޮތުގައި އެންމެ މޮޅު ފިލްމަށް ވާދަކުރުމަށް އެ ފިލްމުގެ ދިގުމިން 40 މިނެޓަށްވުރެ ކުރުވެގެން ނުވާނެއެވެ.

އޮސްކާގެ ރަސްމީ ނޯމިނޭޝަންތައް އިއުލާނު ކުރާނީ އަންނަ މަހުގެ 13ގައެވެ.

comment ކޮމެންޓް