ޒުވާނުންގެ ދުވަހަކީ އޮކްޓޫބަރު 22 ކަމުގައި ރައީސް ކަނޑައަޅުއްވައިފި

ގައުމީ ޓީމު ކުޅޭ މެޗެއް ބަލަން ދަނޑަށް ވަދެ ތިބި ޒުވާނުންތަކެއް--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ، ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ކޮންމެ އަހަރެންގެ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަކީ ޒުވާނުންގެ ދުވަސް ކަމުގައި ކަނޑައެޅުއްވީ އެކަމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހު، ރައީސް އެރުވި ލަފާފުޅުގެ މައްޗަށް ރިއާޔަތް ކުރެއްވުމަށްފަހު ކަމަށެވެ.

އޮކްޓޫބަރު 22 އަކީ މީގެ 12 އަހަރު ކުރިން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ 185 ވަނަ ޖަލްސާއިން، އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް އިންތިހާބުތަކުގައްޔާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ހައްގާއި، އިންތިހާބުތަކުގައި، އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގާއި، އެ މީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއެކު އިހްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް، ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގު ލިބިދިނުމުގެ މާއްދާ ފާސްކުރެއްވި ތާރީހީ ދުވަހެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ވޯޓު ދިނުމުގެ ހައްގާއި، އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގަކީ ޒުވާނުންނަށް ލިބިފައިވާ ވަރަށް މުހިންމު ހައްގެއްކަން ވަނީ ފާހަގަކުރައްވައިފައެވެ.

އަދި އެކަން އެހެން އޮތުމާއެކު، ޒުވާނުންގެ ދުވަސް ފާހަގަކުރުން އެންމެ އެކަށީގެންވާ ދުވަހަކީ، ރައްޔިތުންގެ ހާއްސަ މަޖިލީހުން ގާނޫނުއަސާސީގެ އެ މާއްދާ ފާސްކުރެއްވި ދުވަސް ކަމަށާއި، އޭރު އެގޮތަށް ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްވެގެންދިޔައީ، ހާއްސަ މަޖިލީހުގެ މެންބަރުން ވެވަޑައިގެންނެވި ގުރުބާނީއާއި، ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކުގައިވެސް ދޫނުދެއްވައި ކުރެއްވި ބުރަ މަސައްކަތްތަކުގެ ނަތީޖާގެ ސަބަބުންކަން މެންބަރުން ފާހަގަކުރެއްވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

މީގެކުރިން ޒުވާނުންގެ ދުވަސް ފާހަގަކުރަމުން ގެންދިޔަ ތާރީހު އެކި ފަހަރުމަތިން ވަނީ ބަދަލުކޮށްފައެވެ. އެގޮތުން، އެންމެ ފުރަތަމަ ގައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކޮށްފައި ވަނީ 1992 ވަނަ އަހަރުގެ މާޗު މަހުގެ ފުރަތަމަ ދުވަހުއެވެ.

އޭގެފަހުން ދުނިޔޭގެ ޒުވާނުންގެ ދުވަސް ކަމަށްވާ އޮގަސްޓު މަހުގެ 12 ވަނަ ދުވަސް އެއީ ރާއްޖޭގެ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ދިޔައެވެ. އަދި ފަހުން މި ދުވަސް ފާހަގަކުރަމުން އައިސްފައި ވަނީ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ރައީސް އޮފީހުން ބުނީ 2020 ވަނަ އަހަރުން ފެށިގެން ޒުވާނުންގެ ދުވަހަކީ، އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަސް ކަމަށް ރައީސް ނިންމެވުމާ ގުޅިގެން، އަންނަ އަހަރު އެ ދުވަސް ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގަން ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް