މިނިމަމް ވޭޖުން ލޮޅުން އަރާނެ، އެކަމަކު ރައްޔިތުން އެގޮތް ބޭނުން: ފައްޔާޒް

(އައިއެލްއޯ)އަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި މިނިސްޓަރު ފައްޔާޒް ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: އަހުމަދު އަވުޝަން

މިނިމަމްވޭޖުން ރާއްޖޭގެ އިގްތިސާދަށް ލޮޅުން އަރާނެކަމަށާއި އެހެން ނަމަވެސް އެއީ ރައްޔިތުން ބޭނުންވާގޮތްކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ)އަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި އާޓް ގެެލެރީގައި ކުރިއަށް ދިޔަ ހަފްލާގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ރިޔާސީ އިންތިހާބާ ދިމާކޮށް ވީ އެންމު މުހިންމު އެއް ވައުދަކީ މިނިމަމްވޭޖް ކަނޑައެޅުން ކަަމަށެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގައި އައިއެލްއޯއިން ވެދިން އެހީތެރިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އައިއެލްއޯއިން އެކަމާ ގުޅޭގޮތުން ކުރި ދިރާސާ ރިޕޯޓާއި ސެލެރީސް އެންޑ ވޭޖާސްް އެޑްވައިޒަރީވެސް ބޯޑުގެ ކޮންކްލޫޝަންސްވެސް މިހާރު އިކޮނޮމިކް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިނިމަމްވޭޖް ކަނޑައެޅުމުގައި މިހާތަނަށް ކުރެވުނީ ވަރަށް އުނދަގޫ އަދި ބުރަ މަސައްކަތެއް ކަމަށާއި މިނިމަމް ވޭޖް ކަނޑައެޅިގެންދާއިރު ރާއްޖެއަށް ކޮންމެވެސް އަސަރުތަކެއް ކުރާނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ އިގްތިސާދަށް ކޮންމެވެސް ކަހަލަ ލޮޅުންތަކެއް އަރާނެ. އެއީކީ ޝައްކެއް އޮތް ކަމެއް ނޫން. އެހެންނަމަވެސް ވޭތުވެދިޔަ ދުވަސްތަކުގައި މިކަންކަން ކުރެވިފައި ނެތުމުގެ ސަބަބުން އަޅުގަނޑުމެން މިޖެހެނީ ތަންކޮޅެއް ކުރުކޮށްލާފައި އެކަންކަންކުރަން. ދިވެހި ރައްޔިތުން އެކަންކަން ބޭނުންވޭ. އަދި އަޅުގަނޑުމެންގެ މުސްތަގްބަލް ބިނާވެފައިމިއޮތީ ދުނިޔޭގެ އެހެން ގައުމުތަކާ އެއްގޮތަށް އަޅުގަނޑުމެންވެސް އެމަގުން ހިނގައިގެން" ފައްޔާޒް ވިދާޅުވިއެވެ.

(އައިއެލްއޯ)އަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފްލާގެ ތެރެއިން--- ސަން ފޮޓޯ: އަހުމަދު އަވުޝަން

ފައްޔާޒް ވިދާޅުވީ ހުރިހާ ބޭފުޅުން ބޭނުންވާ ގޮތަށް ކަންކަން ނުކުރެވޭނެކަމަށާއި އަދި މިނިމަމްވޭޖް ކަނޑައަޅަން އެކުލަވާލި ބޯޑަށް އެއްވެސް ނުފޫޒެއް ފޯރައިފައިނުވާނެ ކަމަށެވެ. އަދި އޭގައި ސަރުކާރުން އޭގައި ކުޅުނު ރޯލަކީ ޗެއާޕާސަންގެ ދައުރު ކަމަށާއި އެގޮތުން އެއަށް ބޭނުންވާ ދިރާސާތައްކުުރުމާއި މެދުވެރިއެއްގެ ގޮތަށް މަސައްކަތްކުރުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"މި ރިޕޯޓްތައް ވަރަށް އަވަހަށް ދިރާސާކޮށް ކެބިނެޓަށް ހުށަހެޅި ކެބިނެޓްގެ ލަފަޔާ އެއްކޮށް އަޅުގަނޑުމެން އެ ރިޕޯޓްތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނަން. "

ފައްޔާޒް ވިދާޅުވީ މިނިމަމް ވޭޖުން އަޅުގަނޑުމެންގެ މުޅި އިގްތިސާދަށާއި އަދި އިޖުތިމާއީ ފޭރާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށާއި އެހެންކަމުން ރަައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ރައްޔިތުންގެ ބަހެއް ހިމަނާފަ މެނުވީ އެއަށް ނިންމުމެއް ނުނިންމަން ނިންމާފައިވާ ކަމަށެވެ. އަދި އުއްމީދަކީ އަންނަ މަޖިލީހުގެ ފުރަތަމަ ސެޝަންގައި މިނިމަމްވޭޖް ކަނޑައެޅިގެންދިޔުންކަމަށް އޭނާ ވިދާޅުވިއެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަށް ބޭނުންވާ ގާނޫނު އެކުލަވާލުމަށް ބިލު ޑްރާފްޓު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ވަނީ ފަށައިފައެވެ.

comment ކޮމެންޓް