ހަރުކަށި ފިކުރާ ދެކޮޅު މަސައްކަތަކީ ދީނާ ދެކޮޅު ކަމެއް ނޫން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ "ވިއަވަތި ރާއްޖެ" މަހާސިންތާގައި -- ފޮޓޯ/ ރައީސް އޮފީސް

ހަރުކަށި ފިކުރުގެ ދެކޮޅަށް ކުރާ މަސައްކަތަކީ އިސްލާމްދީނާ ދެކޮޅަށް ކުރާ މަސައްކަތެއް ނޫން ކަމަށް ހޯމް މިނިސްޓަރި އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކައުންސިލަރުންނަށް އަމާޒުކޮށް ރައީސް އޮފީހުން ބޭއްވި "ވިއަވަތި ރާއްޖެ" ނިންމުމުގެ ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ ހަރުކަށި ފިކުރުގެ ވާހަކަ ދައްކަން ޖެހެނީ އެ މައްސަލައަކީ ހަމައެކަނި ރާއްޖޭގެ ބޯޑަރަށް ނުފެތި ވަށައިގެންވާ ގައުމުތަކާއި އަދި މުޅި ދުނިޔެއާ ގުޅިފައިވާ މައްސަލައަކަށް ވާތީ ކަމަށެވެ.

އަޅުގަނޑުމެންގެ ވަށައިގެންވާ ގައުމުތަކާއި މުޅިދުނިޔެއަށްވެސް އެ ފިކުުރުގެ ބިރު ބޮޑުވެފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

"އެހެންވެ އެވާހަކަ ނުދައްކާ ސިއްރުކޮށްގެން ފޮރުވައިގެން ތިބުމަކީ ރާއްޖެއަށް ދިވެހިނަށް މުޅިދުނިޔެއަށް ސަލާމަތްއޮތް ކަމަކަށް ނުވާތީ. މިއަދު އަޅުގަނޑުމެން މި ދައްކާ ވާހަކައަކީ އިސްލާމްދީނާ ދެކޮޅަށް ދައްކާ ވާހަކައެއް ނޫން. ނުވަތަ އިސްލާމްދީނުގެ ދިފާއުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ދައްކާ ވާހަކައެއްވެސް ނޫން. އަޅުގަނޑުމެން މިދައްކާ ވާހަކައަކީ ހައްގަކާ ނުލައި މީހުން މަރާލުމުގެ މަސައްކަތް ނުވަތަ މީހުން މަރާލާފަދަ ކަންކަން ކުރާ މީހުންނަށް ދެކޮޅަށް ދައްކާ ވާހަކައެއް،" އިމްރާން ވިދާޅުވި އެވެ.

ދީނުގެ ނަމުގައި އެއްވެސް މީހަކު އަނެކަކަށް ގެއްލުމެއް ދީ އަނެކާގެ މުދާ ފޭރޭތަން ބަލަން ނޯވެވޭނެކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

އެފަދަ ހާދިސާތަކުން މުޖުތަމައުއަށް އަރާ ލޮޅުންތަކާއި އަދި ލިބޭ ގެއްލުންތަކުން ސަލާމަތްވާން މުޅި މުޖުތަމައު އެކުގައި މަސައްކަތް ކުރަން ޖެހޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ފުލުހުންނާއި އެންސީޓީއޭ އާއި އަދި ކައުންސިލްތަކާއި ރައްޔިތުން ގުޅިގެން ހަރުކަށި ފިކުރުގެ މައްސަލަ ހައްލުކުރުމަށް މިހާރު މަސައްކަތް ފަށައިފައިވާ ކަމަށެވެ.

ދާދިފަހުން ސީރިއާގައި ދިވެއްސަކު ދިން އިންޓަވިއުއެއް ފެންމަތިވި މައްސަލައިގައިވެސް އިމްރާންވަނީ އެފަދަ ކަންކަމަށް ރައްދު ދެއްވައިފަ އެވެ. އެކަމާ ގުޅޭގޮތުން އިމްރާން ވިދާޅުވީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމަށް ބުރޫ އަރާގޮތަށް ދުނިޔޭގެ އެއްވެސް ހިސާބެއްގައި ދިވެހިން މަސައްކަތް ކުރުމަކީ ސަރުކާރުން އަޅާނުލާ ދޫކޮށްލާނެ ކަމެއް ނޫން ކަމަށެވެ.

https://sun.mv/128816

ޓެރަރިޒަމްގެ ނުރައްކަލުން ގައުމު ސަލާމަތް ކުރަން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

comment ކޮމެންޓް