ހަނގުރާމަވެރިޔާގެ ވީޑިއޯއާ ގުޅިގެން އިމްރާންގެ ރައްދެއް

ޖޫން 12، 2019: ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ވިޔަސް ދިވެހިރާއްޖޭގެ ސަލާމަތަށް ބުރޫ އަރާ ގޮތަށް ވާހަކަ ދެއްކުމަކީ ސަރުކާރުން ދޫކޮށްލާނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން އެހެން ވިދާޅުވެފައިވާ އިރު، ސީރިއާގައި ހުރި ދިވެހި ހަނގުރާމަވެރިއަކު ދިވެހި ބަހުން ދިން އިންޓަވިއުއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި އިމްރާން ވިދާޅުވެފައި ވަނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރި ކަމަށް ބުރޫ އަރާގޮތަށް ދުނިޔޭގެ އެއްވެސް ހިސާބެއްގައި ދިވެހިން މަސައްކަތް ކުރުމަކީ ސަރުކާރުން އަޅާނުލާ ދޫކޮށްލާނެ ކަމެއް ނޫން ކަމަށެވެ.

ޓެރަރިޒަމްގެ ނުރައްކަލުން ގައުމު ސަލާމަތް ކުރަން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އެމެރިކާއަށް އުފަން، ބިލާލް އަބްދުލްކަރީމް ނަމަކަށް ކިޔާ މީހެއްގެ ވީޑިއޯ ޗެނަލެއް ކަމަށްވާ "އޮން ދަ ގްރައުންޑް ނިއުސް"އަށް ދިން އިންޓަވިއުއެއްގައި ދިވެހި ހަނގުރާމަވެރިޔާ ވަނީ އޭނާ ހަނގުރާމައަށް ދިޔަ ސަބަބުތައް ކިޔައިދީފަ އެވެ. އޭނާ ވަނީ ރާއްޖޭގައި ބަޔަކު އަޑީގައި ތިބެގެން ދީން ފޮހެލަން މަސައްކަތް ކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ރާއްޖޭގައި ޓެރަރިސްޓު ޖަމާއަތްތަކަށް ހިތްވަރުދީ ވާހަކަ ދެއްކުމަކީ ވެސް ކުށެކެވެ.

comment ކޮމެންޓް