އަތިރިމަތިން ވެލިނަގައި ފޮރުވާފައި ހުއްޓާ ފުލުހުން ހޯދައިފި

ފޮރުވާފައި ހުރި ވެލިބަސްތާތައް ފުލުހުން ހޯދައިފައި-- ފޮޓޯ: ފުލުހުން

އައްޑޫ ސިޓީގެ ހިތަދޫގެ އަތިރިމަތިން ގަވާއިދާ ހިލާފަށް ވެލިނަގައި ފޮރުވާފައި ހުރި ވެލިބަސްތާތަކެއް ފުލުހުން ހޯދައިފި އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ މިއަދު ހެނދުނު 6:00 އެހާކަންހާއިރު ހިތަދޫގެ ޕޮލިސް ސްޓޭޝަނުން ރަށުތެރޭގައި ޕެޓްރޯލްކުރަމުން ދިޔައިރު ފޮލެންޑް ސަރަހައްދު އަތިރިމަތިން ވެލިނަގާ ފޮރުވާފައި ހުއްޓާ ފެނުނު ކަމަށެވެ.

އެ ސަރަހައްދު ބަލައި ފާސްކުރިއިރު 122 ވެލި ބަސްތާ ފޮރުވާފައި ހުއްޓާ ފެނުނު ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުނުކުރާ ކަމަށާއި އެ މައްސަލަ މިހާރު އިތުރަށް ތަހްގީގްކުރަމުންދާ ކަަމަށް ފުލުހުން ބުންޏެވެ.

ގޮނޑުދޮށާއި މޫދުގެ ސަރަހައްދުތަކުން ވެލި ނެގުމަކީ ރާއްޖޭގައި މަނާކަމެކެވެ. އަދި ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ބޭނުމަށް ފަޅުތަކުން ވެލި ނެގުމަށް ރިސޯޓްތަކަށް ދީފައިވާ އިސްތިސްނާ މިހާރު ވަނީ އުވާލައިފަ އެވެ.

comment ކޮމެންޓް