2/2/20 ގައި ކައިވެނި ކޮށްދޭނެކަން ކޯޓުން ހާމަކޮށްފި

އޮގަސްޓް 31، 2018: މާލެއާއި ހުޅުލެ ގުޅާލާ ބުރިޖު (ސިނަމާލެ ބުރިޖު) މަތީ ކުރެވުނު ކައިވެނި ޕާޓީތަކުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރު އަންނަ އެންމެ ރީތި އެއް ތާރީހު ކަމަށްވާ 2/2/20 ގައި ކައިވެނި ކުރަން ބޭނުން މީހުންނަށް އެ ތާރީހުގައި ކައިވެނި ކުރެވޭނެކަން ފެމެލީ ކޯޓުން ހާމަކޮށްފި އެވެ.

ފެމެލީ ކޯޓުން މިއަދު ވަނީ އަންނަ އަހަރު އެ ކޯޓުން ކައިވެނި ކޮށް ނުދޭނެ ދުވަސްތައް އާންމުކޮށްފައެވެ. އެ ދުވަސްތަކުގެ ތެރޭގައި 2/2/20 ވަނަ ދުވަހެއް ނުހިމެނެ އެވެ.

ހޮނިހިރު ދުވަހަކު ކައިވެނިކޮށް ނުދޭނެ ކަމަށް ކޯޓުން ބުންޏެވެ.

ރަމަޟާން މަހުގެ ފުރަތަމަ ދުވަހާ ގުޅިގެން އޭޕްރީލް 23 އަދި 24 ވަނަ ދުވަހުވެސް ކައިވެނި ކޮށް ނުދޭން ނިންމާފައިވާއިރު ފިތުރު އީދާ ގުޅިގެން މެއި 24 އިން 29 އަށް އެއްވެސް ދުވަހަކު ކައިވެނި ކޮށް ނުދޭން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން މިނިވަން ދުވަސް ޗުއްޓީއާ ގުޅިގެން ޖުލައި 26 އަދި 27 ގައިވެސް ކައިވެނި ކޮށް ނުދޭނެ ކަމަށާއި އަލްހާ އީދާ ގުޅިގެން އޮގަސްޓް ދޭތް އަދި ތިންވަނަ ދުވަހު ކައިވެނި ކޮށް ނުދޭންވެސް ވަނީ ނިންމަައިފަ އެވެ.

އަންނަ އަހަރު ކޯޓުގައި ކައިވެނިކޮށްދޭނީ ރަސްމީ ގަޑީގައި، ހެނދުނު 10: އާއި 11:30 އާއި ދެމެދު އަދި މެންދުރުފަހު 13:00 އާއި 13:30 އާއި ދެމެދު ކަމަށާއި ނުރަސްމީ ގަޑީގައި ކައިވެނިކޮށްދޭނީ ހަވީރު 16:00 އާއި 21:30 އާއި ދެމެދު ކަމަށް ކޯޓުގެ އިއުލާނުގައި ބުނެފައިވެއެވެ.

އަދި ނުރަސްމީ ގަޑީގައި ކޯޓުން ބޭރުގައި ކައިވެނިކޮށްދޭނީ 16:00 އާއި 22:00 އާއި ދެމެދު ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

ކޯޓުން ބުނީ ކައިވެނިކުރުމުގެ ކަންކަން ކޯޓުން މުޅިން ހަމަޖެހި ނިމުމުގެކުރިން، ވަކި ދުވަހަކަށް ކާވެންޏަށް ތައްޔާރުވުމުގެ ގޮތުން ކުރާ ހަރަދަށް ކޯޓުން ޒިންނާ ނުވާނެ ކަމަށެވެ.

comment ކޮމެންޓް