ރޭގެ އެކްސިޑެންޓުގައި އަނިޔާވި ދެމީހުންވެސް މިއަދު މާލެ ގެންނަނީ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ފޮޓޯ: ކޭއޯ

ރޭ ހދ. ވައިކަރަދޫގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެމީހުންވެސް މިއަދު މާލެ ފޮނުވާލާނެ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

ރޭ ގެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުުން 48 އަހަރުގެ ފިރިހެނަކަށާއި 20 އަހަރުގެ ފިރިހެނަކަށެވެ. އެތަނުން 48 އ ަހަރުގެ މީހާގެ ސިކުނޑިއަށް ލޭއެޅިފައިވާއިރު އޭނާގެ ހާލު ކްރިޓިކަލް އެވެ. އޭނާ އަށް ފަރުވާ ދެމުންދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ.

އެކްސިޑެންޓުގައި އަނިޔާވި ދެވަނަ މީހާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

"މިއަދު 3:30 ގައި ކުޅުދުއްފުށީ މަގުން ޗާޓަރު ފްލައިޓެއްގައި ދެމީހުންވެސް މާލެ ފޮނުވާލުމަށް މަސައްކަތް ކުރަމުންދަނީ،" ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވިއެވެ.

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނީ ދެ ސައިކަލުގައި ތިބި ދެ މީހުންގެ އަތުގައިވެސް ލައިސަންސް ނެތް ކަމަށެވެ. ވައިކަރަދޫ ގައި އެކްސިޑެންޓެއް ވެފައިވާއިރު އެރަށަކީ ފުލުހުން ނުތިބޭ ރަށެއް ކަމަށާއި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް