ޔުވެންޓަސް މޮޅުވި އިރު ރޮނާލްޑޯއަށް ރެކޯޑެއް

ޔުވެންޓަސްގެ ތަރި ރޮނާލްޑޯ ރޭ ޔުޑިނީސްއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލު ޖެހުމަށް ފަހު --- ފޮޓޯ// އޭޕީ

އިޓާލިއަން ލީގުގައި ރޭ ޔުޑިނީސް އަތުން ޔުވެންޓަސް މޮޅުވި އިރު އެ ޓީމުގެ ފޯވާޑް ކްރިސްޓީނިއޯ ރޮނާލްޑޯ ރެކޯޑެއް ހަދައިފި އެވެ.

ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުގައި، މިވަގުތު އުނދަގޫ ހާލަތެއްގައި އޮތް ޔުޑިނީސް އަތުން ކުރި ހޯދީ 1-3ގެ ނަތީޖާ އަކުންނެވެ. މި މޮޅާ އެކު ޔުވެންޓަސް ވަނީ ކުޅުނު 16 މެޗުން ލިބުނު 39 ޕޮއިންޓާ އެކު އެއްވަނައަށް ޖެހިލައިފަ އެވެ. ދެވަނާގައި އޮތް އިންޓަ މިލާނަށް ވެސް 39 ޕޮއިންޓް ލިބިފައިވާ އިރު އެ ޓީމަށް ރޭ ފިއޮރެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެގެން އެއްވަނައަށް އެރުމުގެ ފުރުސަތު އޮތެވެ.

ރޭގެ މެޗަށް ޔުވެންޓަސްއިން ނުކުތީ ވަރުގަދަ ސްކޮޑަކާ އެކު އެވެ. ގިނަ ދުވަސްތަކަކަށް ފަހު ޔުވެންޓަސްގެ މަގުބޫލު ޓްރިއޯ، ޕައޮލޯ ޑިބާލާއާއި ގޮންޒާލޯ ހިގުއައިން އަދި ރޮނާލްޑޯ ފުރަތަމަ އެގާރައިގައި ހިމަނައިގެން އެ މެޗު ފެށި އިރު އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މެޗު ފެށިގެން ނުވަ ވަނަ މިނަޓުގައި ޔުވެންޓަސްއަށް ލީޑު ނަގައިދިނީ ރޮނާލްޑޯ އެވެ. ޔުވެންޓަސް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް ގޯލު ޖެހި ރޮނާލްޑޯގެ ދެވަނަ ލަނޑު 37 ވަނަ މިނަޓުގައި ޖެހި އިރު ހެޓްރިކް ހަދަން ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ޖެހުނީ ދަނޑީގަ އެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ދެ ގޯލާ އެކު އޭނާ ވަނީ ވިދިވިދިގެން 15 ސީޒަނުގައި 10 ލީގު ގޯލު ހަމަކުރި ހަމައެކަނި ކުޅުންތެރިޔާއަށް ވެފަ އެވެ. މީގެ 15 ސީޒަން ކުރިން އިނގިރޭސި ވިލާތުގެ ޔުވެންޓަސްގައި ކުޅުނު އިރު ރޮނާލްޑޯ ފެށި ރެކޯޑް މި ސީޒަނުގައި ވެސް އޭނާ ދަމަހައްޓަމުން އަންނަ އިރު އޭނާއާއި އެންމެ ގާތުން ވާދަކުރަމުން އަންނަ މެސީއަށް ވިދިވިދިގެން 10 ގޯލު ހަމަކުރެވުނީ 13 ސީޒަނުގަ އެވެ.

ޔުވެންޓަސްއިން ރޭގެ މެޗުގައި ޖެހި ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އެވެ. ޔުޑިނީސްއިން މެޗުގައި ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިނާސޯ ޕުސެޓޯ އެވެ.

comment ކޮމެންޓް