2020 ގައި މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމުގެ އިޝާރާތެއް މަހާތީރު ދެއްވައިފި

މަހާތީރު ގަތަރުގައި ވާހަކަ ދައްކަވަނީ

ދައުޙާ (ޑިސެމްބަރު 15) : 2020 ގެ ފަހުންވެސް ބޮޑުވަޒީރުކަމުގައި ދެމިހުންނަވާނެ ކަމުގެ އިޝާރާތެއް މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރު ބިން މުހައްމަދު ދެއްވައިފިއެވެ.

ގަތަރުގައި ބޭއްވި "ދައުޙާ ފޯރަމް" ގައި ވާހަކަ ދައްކަވަމުން މަހާތީރު ވިދާޅުވީ ކުރިން ރަވާފައިއޮތީ 2020 ގައި ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ކަމަށާ ނަމަވެސް ގައުމުގެ ހާލަތު އޮތްގޮތުން ބޮޑެތި ކަންތައްތަކެއް ހައްލުކުރަން ބޭނުންވާތީ އިސްތިއުފާ ދެއްވުން ފަސްކުރަންޖެހިދާނެ ކަމުގައެވެ.

މަހާތީރު ވިދާޅުވީ 2020 ވަނަ އަހަރު މަގާމުން އިސްތިއުފާ ދެއްވަން އޭނާ ވައުދުވެވަޑައިގެންނެވިކަން ހަނދުމަފުޅު އެބަހުރިކަމަށާ ނަމަވެސް މެލޭޝިޔާގެ ކުރީގެ ސަރުކާރުން ކޮށްފައިވާ ބައެއް ގޯސްކަންތައްތައް ރަނގަނޅުކޮށް ގައުމުގެ އިގްތިސާދު ހަމައަކަށް އެޅުވުމަށްޓަކައި އިސްތިއުފާ ފަސްކުރަން ޖެހިދާނެކަމުގައެވެ. ނަމަވެސް އެއީ ކޮންކަންތައްތަކެއްކަން މަހާތީރު ހާމަކުރައްވާފައެއް ނުވެއެވެ.

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު އަބްދުއްރައްޒާގް ގެ ވެރިކަމުގައި ކޮރަޕްޝަނާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ބޮޑެތި ކަންތައްތަކެއް ހިންގާފައިވާތީ މިދިޔަ އަހަރު ބޭއްވި އިންތިޚާބުގައި ނަޖީބު ބަލިކުރުމަށްޓަކައި މެލޭޝިއާގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން މަހާތީރު އިސްކޮށް ހުންނަވައިގެން އިދިކޮޅު ކޯލިޝަނުންވަނީ ނަޖީބު ބަލިކޮށް އިންތިޚާބު ކާމިޔާބުކޮށްފައެވެ.

ނަޖީބު ވައްޓާލުމަށްޓަކައި 2018 ވަނައަހަރު އޭރުގެ އިދިކޮޅު ލީޑަރު އަދި މަހާތީރުގެ ކުރީގެ ރަހްމަތްތެރިއާ އަންވަރު އިބްރާހީމްގެ ޕާޓީއާ މަހާތީރު ކޯލިޝަން ހެއްދެވީ އިންތިޚާބު ކާމިޔާބުކުރެވިއްޖެނަމަ 2020 ގައި ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވައި އަންވަރު އިބްރާހީމް އާ ބޮޑުވަޒީރުކަން ހަވާލުކުރާ ގޮތަށެވެ.

މަހާތީރުގެ މިހާރުގެ އުމުރުފުޅަކީ 94 އަހަރެވެ. އަންވަރު ގެ ޕާޓީއާއި އޭނާއާ ގުޅިފައިވާ ކުދި ޕާޓީތައް މަސައްކަތްކޮށްގެން ކުރިން މެލޭޝިޔާގެ އިންތިޚާބު ކާމިޔާބު ކުރެވިފައި ނުވާއިރު އަންވަރުގެ ޕާޓީ ހިމެނޭ ކޯލިޝަނަށް އިންތިޚާބު ކާމިޔާބު ކުރެވުނީ މަހާތީރު އެކޯލިޝަން އާ ގުޅިވަޑައިގެން ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށް އަންވަރު ގަބޫލުކުރައްވައެވެ.

1981 އިން 2003 ކަށް މެލޭޝިޔާގެ ބޮޑުވަޒީރުކަން ކުރެއްވި މަހާތީރަކީ އެގައުމުގެ ރައްޔިތުންގެ މެދުގައި އަދިވެސް އެންމެ މަގްބޫލު ލީޑަރެވެ. މެލޭޝިއާ ބިނާކުރައްވައި ތަރައްގީ ކޮށްދެއްވީ މަހާތީރު ކަމުން މެލޭޝިޔާގައި މަހާތީރު ސިފަކުރެވެނީ ތަރައްގީގެ ބާނީގެ ގޮތުގައެވެ. އަދި މަހާތީރަކީ ކޮރަޕްޝަނުގެ ތުހުމަތުވެސް ކުރެވިފައިނުވާ ބޭފުޅެކެވެ.

2003 ގައި މަހާތީރު މަގާމުން އިސްތިއުފާ ދެއްވައި އޭނާގެ ނައިބު އަހްމަދު އަބްދުﷲ ބަދަވީ އާ ބޮޑުވަޒީރުކަން ހަވާލުކުރެއްވީ 2003 ވަނަ އަހަރުއެވެ. ބަދަވީ އަށްފަހު ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ ނަޖީބު އަބްދުއްރައްޒާގް އެވެ. އަބްދުއްރައްޒާގް ގެ މައްޗަށްވަނީ 700 މިލިޔަން ޑޮލަރަށް ޚިޔާނާތްތެރިވެ ވަޑައިގެންނެވިކަމުގެ ތުހުމަތު ކުރެވިފައެވެ. އަދި އެމައްސަލައިގެ ޝަރީއަތްވެސް ދަނީ ހިނގަމުންނެވެ.

2020 ގައި މަގާމުން އިސްތިއުފާ ނުދެއްވައިފިނަމަ މަހާތީރު އިސްކޮށް ހުންނަވައިގެން މެލޭޝިޔާގައި ވެރިކަންކުރާ ކޯލިޝަންގައި މައްސަލަތަކެއް އުފެދުމުގެ ފުރުސަތު އޮތްކަން ނުވަތަ ނޫންކަން އަދި ސާފުވެފައެއް ނުވެއެވެ.

މަހާތީރުގެ ބަޔާނަށް އަންވަރުގެ ފަރާތުން ރައްދު ދީފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް