އިންޑިއާއެކު ވި އެއްބަސްވުމުގައި ސިއްރުކުރާނެ ކަމެއް ނެތް: އީސީ

ދެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުގެ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: އީސީ

ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނާ އިންޑިއާގެ އިލެކްޝަންސް ކޮމިޝަނާއެކު ސޮއިކޮށްފައިވާ އެމްއޯޔޫގައި ސިއްރުކުރަންޖެހޭ ކަމެއް ނޯންނާނެ ކަމަށް އީސީގެ ނައިބު ރައީސް އަހްމަދު އަކްރަމް ވިދާޅުވެއްޖެ އެވެ.

ނިއުދިއްލީގައި ހުންނަ ހައިދަރުއާބާދު ހައުސްގައި މި މަހުގެ 13 ވަނަ ދުވަހު އޮތް ދެގައުމުގެ ހަ ވަނަ ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގައި ދެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ސޮއިކޮށްފައި ވަނީ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުން ތަމްރީން ކުރުމުގެ އެއްބަސްވުމެއްގައެވެ.

އެއްބަސްވުމުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އަކްރަމް އެވެ.

އެ އެއްބަސްވުމާ ގުޅިގެން އިދިކޮޅުން ތުހުމަތުތަކެއް ކުރަމުން އަންނާތީ އަކްރަމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ އެއްބަސްވުމުގައި ސިއްރުކުރަންޖެހޭ ކަމެއް ނެތް ކަމަށާއި އެއީ ދެ ކޮމިޝަނަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ކަމަށެވެ.

އިދިކޮޅުން ބުނަމުން އަންނަނީ އެއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު އޮޅުވާލަން ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ.

އިންޑިއާ އިން އަންނަނީ 2011 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފުން ތަމްރީން ކުރަމުންނެވެ.

އަދި މިހާރު ސޮއިކުރި އެއްބަސްވުމާއި އެކު އެ ތަމްރީންތަކުގެ އަދަދު އިތުރުވެ އެކަމުގެ ފައިދާ ރާއްޖެއަށް ކުރާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. ހަމައެއާއެކު ދެ ގައުމުގެ އިންތިހާބުތަކުގެ ތަޖުރިބާ ހިއްސާކުރުމަށް ވެސް އެއްބަސްވުމުގައި ވަނީ ހިމަނައިފައެވެ.

އަކްރަމް ވަނީ އިންތިހާބުތަކަކީ ދެފުށް ފެންނަ އިންސާފުވެރި އިންތިހާބުތަކަކަށް ވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

comment ކޮމެންޓް