ޓީސީ ސްޕޯޓްސްގެ ކޯޗަކަށް ޝާޒުލީ ހަމަޖައްސައިފި

ވިކްޓަރީގެ ކޯޗުކަމުން ދުރުކުރި މުހައްމަދު ޝާޒްލީ: އޭނާ ބުނާގޮތުގައި ވިކްޓަރީގެ މެނޭޖްމަންޓުން އެއްބަސްވި ގިނަ ކަންތައްތަކެއް ކޮށްދެވިފައެއް ނުވޭ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ފުޓްބޯޅައިގެ އެންމެ މަތީ ފެންވަރުގެ ކޯޗިން ސަނަދު ކަމަށްވާ ޕްރޯ ޑިޕްލޮމާ ކޯޗިން ސެޓްފިކެޓް ހާސިލްކުރި ފުރަތަމަ ދިވެހި ކޯޗު ކަމަށްވާ މުހައްމަދު ޝާޒްލީ (ޝާޒް) ވޭތުވެ ދިޔަ ސީޒަނުގެ ޗެމްޕިއަން ޓީސީގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.

ކުރީ އަހަރުގެ ބޮޑު ކާމިޔާބީއާ އެކު ޓީސީއިން މި ސީޒަނާއި ކުރިމަތިލީ ބޮޑު އުންމީދެއްގަ އެވެ. އެކަމަކު ސީޒަން ފެށުމުގެ ކުރިން އެ ޓީު ފުރަތަމަ ޑިވިޝަނަށް ގެނެސް ފުޓުބޯޅައިގެ ބާރަކަށް ހަދައިދިން ވިލަރެސްވެރިޔާ މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ އެ ޓީމު ދޫކޮށްލާފަ އެވެ. އެއަށްފަހުން ޓީމާ ހަވާލުވީ މުހައްމަދު އާތިފް (އާތީ) އެވެ. އާތީގެ އިރުޝާދާ އެކު ޓީސީއަށް މި އަހަރުގެ ސީޒަނުގައި އެންމެ އެދެވޭ ކުޅުމެއް ފެނިފައި ނުވާ އިރު އޭނާ ވަނީ ސީޒަނުގެ ކުރީ ކޮޅު ޓީމުން އިސްތިއުފާ ދީފަ އެވެ.

އާތީ އިސްތިއުފާ ދީފައިވަނީ ޓީސީގެ މާލީ ހާލަތު ދަށްވެ ކުޅުންތެރިންނާއި ކޯޗިންގް ސްޓާފުންނަށް ވެސް މުސާރަ ނުދެވޭން ފެށުމުންނެވެ. އަދި ކުޅުންތެރިންނަށް މުސާރަ ރަނގަޅަށް ނުދެވޭ ނަމަ މެޗުތަކުގައި އެކަމުގެ ހިތި ފެންނާނެ ކަމަށް އޭރު އާތީ ވަނީ ބުނެފަ އެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އާތީ ޓީސީގެ ކޯޗުގެ މަގާމުން އިސްތިއުފާ ދިންއިރު، ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އޭގެ ފަހުން ކުޅުނު މެޗުތަކާއި ބަންގްލަދޭޝްގައި އޮތް ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕްގައި ޓީސީން ވާދަކޮށްފައިވަނީ ހެޑް ކޯޗެއް ނެތިއެވެ.

ޓީސީއަށް ނިސްބަތްވާ "ގޯޅިގަނޑު" ގައި ރޭގައި އޮތް ހަފުލާއެއްގައި އެ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވުމަށްފަހު ޝާޒްލީ ބުނީ ޓީސީއާ ހަވާލުވީ އެޓީމު މިހާރު އޮތް ހާލަތު ވަރަށް ރަނގަޅަށް ދެނެގަނެގެން ކަމަށެވެ. އަދި އޭނާގެ ޓާގެޓަކީ އޭއެފްސީ ކަޕްގައި ޓީސީއާއެކު ރަނގަޅު ނަތީޖާއެއް ނެރުން ކަމަށެވެ.

ޝާޒް އަކީ ފުޓްބޯޅައިގެ އެންމެ މަތީ ފެންވަރުގެ ކޯޗިން ސަނަދު ކަމަށްވާ ޕްރޯ ޑިޕްލޮމާ ކޯޗިން ސެޓްފިކެޓް ހާސިލްކުރި ފުރަތަމަ ދިވެހި ކޯޗެވެ. މީގެ ކުރިން ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި ބީޖީއަށް ވެސް ކޯޗުކަން ކޮށްދިން ޝާޒްލީ ވަނީ ސެޕްޓެމްބަރު މަހު ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދިޔަ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުން ރާއްޖެއަށް ލޯ މެޑެއްޔެއްވެސް ހޯދާދީފައެވެ.

އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް އީގައި ޓީސީ ހިމެނިފައިވަނީ އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއާއެކު އެއް ގްރޫޕެއްގައެވެ.

ވާދަވެރި ޓީމުތަކާ އެކު އަންނަ އަހަރުގެ އޭއެފްސީ ކަޕުގައި ކުޅުމަށް ޓީސީން ތައްޔާރުވަމުން އައި ނަމަވެސް ކުލަބުގެ މާލީ ހާލަތު ރަނގަޅުނުކުރެވިއްޖެ ނަމަ އަންނަ ސީޒަނުގައި ޓީސީ ލީގުން ނުފެނިދާނެ ކަމަށް އެ ކުލަބުގެ ޗެއާމަން އަހުމަދު ނާޝިދު (ޑޭވް) މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު ރޭ އޮތް ހަފްލާގައި ވާހަކަ ދައްކަވަމުން ޑޭވް ބުނީ މިހާލަތުން އަރައިގަންނާނެ ކުޑަވެސް ގޮތެއް އޮވެއްޖެނަމަ ޓީސީ އުވާނުލާނެ ކަމަށާއި އެކަމަކު އަދިވެސް ޓީމުގެ ހާލަތު ރަނގަޅު ނުވާ ކަމަށެވެ.

comment ކޮމެންޓް