ނަޝީދު ޗައިނާއަށް: ބަދަލެއް ނުލިބޭ ކޮންކްރީޓަކީ ތަރައްގީގެ އެހީއެއް ނޫން!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީް، ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ މަޖިލިސް

ބަދަލެއް ނުލިބޭ ކޮންކްރީޓަކީ ތަރައްގީ ނޫންކަމަށް ވިދާޅުވެ، ޗައިނާއިން ރާއްޖެއިން ދީފައިވާ ލޯނު އެހީތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ފާޑުވިދާޅުވެއްޖެއެވެ.

މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ، ލޮކް ސަބާގެ ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ތަރައްގީއަކީ ކޮންކްރީޓު ކަމަށް ޗައިނާއިން ގަބޫލުކުރާ ކަމަށާއި ނަމަވެސް އެކަމާ ދިވެހިން އެއްބަސް ނުވާކަމަށެވެ.

ރާއްޖެއަށް ތަރައްގީ ގެނެސްދިނުމުގެ ނަމުގައި ބޮޑެތި ލޯނުތަކެއް ދީގެން ޗައިނާއިން ރާއްޖެ ބޮޑު ދަރަނީގެ ދަންތުރައެއްގައި ޖައްސާފައިވާކަމަށް އެމަނިކުފާނު ވިދާޅުވާ ވާހަކަ މިއަދުވެސް ތަކުރާރު ކުރެއްވިއެވެ.

"އެއްވެސް ކަހަލަ ބަދަލެއް ނުލިބޭ ކޮންކްރީޓަކީ ތަރައްގީގެ އެހީއެއް ނޫން. ތަރައްގީ ވާނީ މީހާ. އެއީ އިމާރަތްތަކާ ކޮންކްރީޓެއް ނޫން. ޗައިނާއިން ގަބޫލުކުރަނީ ތަރައްގީއަކީ ކޮންކްރީޓުކަމަށް. އެކަމަކު އަޅުގަނޑުމެން އެގޮތް ގަބޫލެއް ނުކުރަން. ދިވެހިން ބޭނުންވަނީ ރަނގަޅު ދިރިއުޅުމެއް. ރަނގަޅު އާމްދަނީއެއް. ތާހިރު ދިރިއުޅުމެއް. ބައެއް ފަހަރު ރަށުގެ ކައިރީގައި އޮންނަ ހައިވޭ ވަނީ އުނދަގުލަކަށް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިއަދު ވިދާޅުވީ އެއްވެސް ކަހަލަ މަންޒިލެއް ނެތް މަގުތަކަކާއި "ކަނެކްޓު ނުވާ" ބުރިޖުތަކެއް ހެދުމުން ނުވަތަ ފަޅަށް އޮންނަ އެއާޕޯޓެއް ހެދުމުން ތަރައްގީ ނުލިބޭނެ ކަމަށެވެ.

ޗައިނާ އާމެދު އެމަނިކުފާނު ހިތްޕުޅުގައި އެއްވެސް ކަހަލަ ދެކޮޅުވެރިކަމެއް ނެތް ނަމަވެސް ތަރައްގީއަށް ވެދޭ އެހީގެ ގޮތުގައި ޗައިނާއިން ދީފައިވާ އެހީ ގޯސްކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެހެންވެ ޗައިނާއިން ޖެހޭނެ ލޯނުތައް ރީސްޓްރަކްޗާކުރަން. ލޯނުގެ އަސްލު އަގަށް އެ ދަށްކުރަން ޖެހޭނެ،" ނަޝީދު ވިދާޅުވިއެވެ.

އިންޑިއާއިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ރާއްޖެއަށް ދީފައިވާކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އިންޑިއާއަށް އެ ފައިސާ ހަރަދުކުރާނެ ކަންކަމާއި، ހަރަދު ކުރާނެ ގޮތް އެނގޭ ކަމަށެވެ.

ނަމަވެސް ރައީސް ޔާމީން ސަރުކާރުގައި މަޝްރޫއުތައް ދޫކުރަމުން ދިޔައީ އެގޮތަށް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ޔާމީން ސަރުކާރުގައި ޗައިނާއިން އެންމެ ފުރަތަމަވެސް ރައްޔިތުންގެ މަޖިލިސް "ގަނެލީ" ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޭ މަޝްރޫއުތައް ހަވާލުކުރީ ޗައިނާގެ ކުންފުނިތަކާ ކަމަށެވެ.

ނަޝީދު ވިދާޅުވީ މަޝްރޫއުތަކުގެ އަގު ބޮޑުކުރަމުން ގޮސް ބިޒްނަސް ޕްލޭން ފެއިލްވާ ހިސާބުން، ދެން އެ މަޝްރޫއަށް ދޫކުރި ލޯނު ނުދެއްކޭނެ ކަމަށެވެ. އެގޮތުން ޗައިނާއިން ރާއްޖެއަށް ދިން ލޯނުން ރާއްޖޭގައި ކުރިއަށް ގެންދިޔަ ބޮޑެތި މަޝްރޫއުތަކުން ގާއިމުވި ހަރު މުދަލަކީ އެ ލޯނުތަކާ ނުބައްދަލު މުދާ ކަމަށެވެ.

"ދަރަނި މާ ބޮޑަށްވެސް ބޮޑު. ލޯނުން ގާއިމުކުރި ހަރު މުދަލަށް ވުރެ ހަތަރު ގުނަ، ފަސް ގުނަ ބޮޑު ދަރަނި. މިއީ ދަރަނީގެ ދަންތުރައެއް،" ނަޝީދު ވިދާޅުވިއެވެ.

ޗައިނާއިން ރާއްޖެއަށް ދިން ލޯނު އެހީތަކާ އެއްވަރަށް އިންޑިއާއިން އެހީތެރިކަން ވެވޭނެތޯ ގިނަ ބަޔަކު ސުވާލުކުރަމުން އަންނަ ވާހަކައަށް އިޝާރާތްކުރައްވާ ނަޝީދު ވިދާޅުވީ ރާއްޖެއަށް އެހާ ބޮޑެތި އަދަދުތަކުން ފައިސާ ބޭނުން ނުވާކަމަށާއި ނަތީޖާ ނުނުކުންނަ ކަންކަމަށް ފައިސާ ހަރަދުކުރުމަކީ ތަރައްގީއެއް ނޫން ކަމަށެވެ. އަދި ފައިސާއަކީ ހުރިހާ އެއްޗެއް ނޫންކަމަށާއި އެތައް އަހަރަކަށް ދެމިގެންދާ ގުޅުމާއި އިހުތިރާމެއް ފައިސާއިން ނުގަނެވޭނެކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ލޯކް ސަބާގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން ---

ނަޝީދު ވަނީ ރާއްޖޭގައި ޗައިނާގެ ކުންފުނިތަކުން ހިންގި އަދި ހިންގަމުންދާ މަޝްރޫއުތަކަށް ނަގާފައިވާ ލޯނުތަކަށް ދިވެހި ސަރުކާރުން 3.4 ބިލިއަން ޑޮލަރު ދައްކަން ޖެހިފައިވާ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. ނަމަވެސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ޗައިނާ ސަފީރު ވިދާޅުވީ ދަރަނީގެ އަދަދަކީ 1.52 ބިލިއަން ޑޮލަރު ކަމަށެެވެ.

ލޮކް ސަބާ ޓީވީއަށް ދެއްވި އިންޓަވިއުގައި ރައީސް ނަޝީދު ވަނީ ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުން ގެންގުޅުނު ޚާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ. އެގޮތުން ޗައިނާއަށް އިސްކަންދީ، އެ ގުޅުން ބަދަހިކުރަން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބުނުވިކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެކަމަކު އެކަމެއް ނުވި. ހަމަ އެކަނި ވީ ކަމަކީ ދިވެހިރާއްޖެ ބޮޑު ދަރަނީގެ ދަންތުރައެއްގައި ޖެހުން. ދެން އެ ދަރަނިން ސަލާމަތް ނުވެވުން. ޗައިނާއިން ދިން ފައިސާއިން ކޮންކްރީޓަށް ހޭދަކޮށްގެންވެސް ވެރިކަން ނުދެމެހެއްޓުނު. ރައްޔިތުންނަށް ބަސް ބުނަން ލިބުނު ހިސާބުން، ރައްޔިތުންވެސް ބުނީ ކަންކަން ހިނގަމުން ދިޔަ ގޮތާމެދު ހިތްހަމަނުޖެހޭ ކަމަށް،" ނިމިދިޔަ ރިޔާސީ އިންތިހާބަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އޭރުގެ ސަރުކާރުން ނަގަމުން ދިޔަ ބޮޑެތި ލޯނުތަކުގެ އިތުރުން ރައްޔިތުން ދެން އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ ސަރުކާރުން އިންޑިއާ މެދު ކަންތައް ކުރަމުން ދިޔަ ގޮތާމެދު ކަމަށެވެ.

ނަޝީދު ވިދާޅުވީ އެންމެ ގިނަ ދިވެހިން ތައުލީމު ހާސިލުކުރުމަށްވެސް އަދި ސިއްހީ ފަރުވާއަށްވެސް ދަތުރުކުރަނީ އިންޑިއާއަށް ކަމަށެވެ. ހަމައެއާއެކު އިންޑިއާއަކީ ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާ ކަމަށް ވާއިރު، އިންޑިއާއާއެކު އަބަދުވެސް ރަނގަޅު ގުޅުމެއް ބޭއްވުން މުހިންމު ކަމަށެވެ.

"އިންޑިއާއާއެކު ރަނގަޅު ގުޅުމެއް ނެތް ނަމަ އެކަމުން ކުރާ އަސަރު މާ ބޮޑުވާނެ. ޗައިނާއާއެކު ހަގީގަތުގައި ނެތް އެކަހަލަ އެއްވެސް ކަމެއް. ޗައިނާ ފިލްމުތަކެއް ދިވެހިން ނުބަލާ. މަދު ދިވެއްސެއް ނޫނީ ޗައިނާގެ ޔުނިވާސިޓީތަކަކަށް ނުދޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހާރު އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ ތިރީގެ، ލޮކް ސަބާއާއެކު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ދަތުރުފުޅާ ގުޅޭގޮތުން ނަޝީދު ވިދާޅުވީ ލޮކް ސަބާގެ މަސައްކަތްތައް ބައްލަވާލައްވާފައިވާ ކަމަށާއި، އެއް ބިލިއަން މީހުން ރަމްޒުކޮށްދޭން މަޖިލީހުގައި ތިއްބަވާ މެމްބަރުންގެ ނިންމަވާ ނިންމުންތައް ސަރުކާރުން ތަންފީޒުކުރަމުން ގެންދަނީ ވަރަށް ފުރިހަމައަށް ކަމަށެވެ.

ނަޝީދު ވިދާޅުވީ އެއީ ވެރިކަން ހިންގުމުގެ ވަރަށް ފުރިހަމަ ނިޒާމެއް ކަމަށާއި، އެ މަންޒަރު ފެންނާނީ ހަމައެކަނި އިންޑިއާއިން ކަމަށްވުމުން ދިވެހިންވެސް އަދި އިތުރު ގައުމުތަކުންވެސް އިންޑިއާގެ ވެރިކަމުގެ ނިޒާމު ނަމޫނާއަކަށް ބަލަން ޖެހޭކަމަށެވެ. އަދި އެ ނިޒާމު ނަކަލުކުރުމުގެ ޝައުގުވެރިކަން ރައީސް ނަޝީދު ފާޅުކުރެއްވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖެއާ އިންޑިއާގެ ގުޅުމަށް ހީނަރުކަމެއް އައުމަށްފަހު މިހާރު އަނެއްކާވެސް ގުޅުން ރަނގަޅުވަމުން އަންނަ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ.

comment ކޮމެންޓް