ރައީސް ނަޝީދު މޯދީއާ ބައްދަލުކުރައްވައިފި

މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ/ ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ވަފުދަކާ އެކު މިހާރު ރައީސް ނަޝީދު ހުންނެވީ އިންޑިއާއަށް ވަޑައިގެންނެވެ. އެ ވަފުދުގައި ރައީސް ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި، މަޖިލިހުގެ އަމީން އާންމު ފާތުމަތު ނިއުޝާ އާއި ކައުންސިލަ ޖެނެރަލް ފާތުމަތު ފިލްޒާގެ އިތުރުން ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

އެ ދަތުފުޅުގެ ތެރެއިން މިއަދު ރައީސް ނަޝީދު ވަނީ އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވައިފަ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައި ވަނީ، ސަރަހައްދީ އަދި އެހެނިހެން ބައިނަލްއަގުވާމީ މައްސަލަތަކާއި މޫސުމަށް އަންނަ ބަދަލާއި ޕެރިސް ލަނޑުދަނޑިތަކާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކާއި އިއާދަކުރަނިވި ހަކަތަ އަދި މުރަކަ ފަރުތައް ހިމާޔަތް ކުރުމާ ބެހޭ ގޮތުންނެވެ.

އަންގާރަ ދުވަހު އެމަނިކުފާނު ވަނީ އިންޑިއާގެ ނައިބު ރައީސް ވެންކައިއާ ނައިޑޫއާ ވެސް ބައްދަލުކުރައްވައިފަ އެވެ. އިންޑިއާގެ ނޫސްތަކުން ބުނި ގޮތުގައި، އެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ރާއްޖެއިން ޗައިނާގެ ލޯންގެ ދަންތުރައިން ސަލާމަތްވާން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފަ އެވެ.

އޭގެ އިތުރުން، އެ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެ، ލޮކް ސަބާއާ އެކު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާ ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި ވަނީ ސޮއިކޮށްފަ އެވެ.

މަޖިލީހުގެ ވަފުދު އިންޑިއާއަށް ދިޔައީ މިދިޔަ އާދީއްތަ ދުވަހު އެވެ. ވަފުދު އަނބުރާ ރާއްޖެއަށް އައުމަށް ފުރާނީ މިއަދު އެވެ.

comment ކޮމެންޓް