ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އަންހެނަކަށް އަނެއްކާ ވެސް އެންޖެލާ މާކެލް

ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އަންހެނަކަށް މިއަހަރު ވެސް ހޮވާފައި ވަނީ މާކެލް -- ފޮޓޯ: ރޮއިޓާސް

އެމެރިކާގެ ވިޔަފާރި މެގަޒިން ފޯބްސްއިން ކޮންމެ އަހަރަކު އެކުލަވާލާ 'އެންމެ ނުފޫޒުގަދަ އަންހެނުން'ގެ ލިސްޓުން ޖަރުމަނުގެ ލީޑަރު އެންޖެލާ މާކެލް ނުވަ ވަނަ ފަހަރަށް ކުރި ހޯއްދަވައިފި އެވެ.

ދެހާސް ފަސް ވަނަ އަހަރު ޖަރުމަނުގެ ޗާންސެލަރު ކަމާ ހަވާލުވެވަޑައިގެންނެވި މާކެލް ވަނީ އެގައުމުގެ އިގުތިސާދު ކުރިއަރުވާ، ޔޫރަޕްގެ ޑިފެކްޓޯ ލީޑަރަކަށްވެ ވަޑައިގެންފަ ކަމަށް ފޯބްސްގައިވެ އެވެ. ނަމަވެސް މިވަގުތު މާކެލް ހުންނެވީ ރައްޔިތުންގެ މެދުގައި މަގުބޫލުކަން ކުޑަ ކޯލިޝަން ސަރުކާރެއްގައި އިސްވެ ކަމަށާއި ބްރެކްޒިޓާއި ހިޖުރަކުރުމާ ދެކޮޅު ފިކުރުތައް ޔޫރަޕްގައި ފެތުރުން ފަދަ ގޮންޖެހުންތަކާ އޭނާ ކުރިމަތިލާން ޖެހޭ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ފޯބްސް ލިސްޓުގެ ދެ ވަނަ ހޯއްދަވާފައި ވަނީ ޔޫރަޕިއަން ސެންޓްރަލް ބޭންކުގެ ރައީސް ކްރިސްޓީން ލަގާޑް އެވެ. އޭނާ ވަނީ މީގެ ކުރިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ މެނޭޖިން ޑިރެކްޓަރު ކަން ކުރައްވާ، މިދިޔަ އަހަރު އެމެގަޒިންގެ އެންމެ ނުފޫޒުގަދަ މީހުންގެ ލިސްޓުން 22 ވަނަ ހޯއްދަވާފަ އެވެ.

އެލިސްޓުގައި ދެން ހިމެނޭ މީހުންގެ ތެރޭގައި އެމެރިކާގެ ހައުސް އޮފް ރެޕްޒެންޓޭޓިވްސްގެ ފުރަތަމަ އަންހެން ރައީސް ނޭންސީ ޕެލޯސީ (ތިން ވަނަ) އާއި އެގައުމުގެ ބިލިއަނަރު ޓީވީ ތަރި އޯޕްރާ ވިންފްރީ (20 ވަނަ) އާއި 16 އަހަރުގެ އެކްޓިވިސްޓު ގްރެޓާ ތުންބާގް (100 ވަނަ) ހިމެނެ އެވެ.

comment ކޮމެންޓް