މާކެލްގެ ޕާޓީއަށް ދެ ސްޓޭޓް އިންތިހާބެއްގައި ތާރީހީ ނާކާމިޔާބީއެއް

ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް -- ފޮޓޯ: އީޕީއޭ

ބާލިން (މާޗް 15): ޖަރުމަނުގެ ދެ ސްޓޭޓެއްގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުން އެގައުމުގެ ޗާންސެލަރ އެންޖެލާ މާކެލްގެ ޕާޓީ، ކްރިސްޓިއަން ޑިމޮކްރެޓްސް (ސީޑީޔޫ)އަށް ތާރީހީ ނާކާމިޔާބީއަކަ ކުރިމަތިލާން ޖެހިދާނެ ކަމަށް އެގްޒިޓް ޕޯލްތަކުން ދައްކައިފި އެވެ.

ޖަރުމަނުގައި އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ފެޑެރަލް އިންތިހާބުގެ ނަތީޖާ ލަފާ ކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ބެލެވޭ އެ ދެ އިންތިހާބު ބޭއްވީ އިއްޔެ އެވެ. އެއީ އެގައުމުގެ ދެކުނުގައި އޮންނަ ބާޑެން ވޫޓެމްބާގް އާއި ރައިންލަންޑް ފަލްސްގަ އެވެ.

އޭގެ ތެރެއިން ބާޑެން ވޫޓެމްބާގްގައި 31.5 ޕަސެންޓު ވޯޓާ އެކު ކުރި ހޯދީ ގްރީން ޕާޓީންނެވެ. އަދި 2016 ވަނަ އަހަރު 27 ޕަސެންޓު ވޯޓު ކާމިޔާބު ކުރި ސީޑީޔޫއަށް މިފަހަރު ލިބުނީ 23 ޕަސެންޓު ވޯޓު ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓު ކުރި އެވެ.

އޭގެ ސަބަބުން ސީޑީޔޫއަށް ޖޫނިއާ ކޯލިޝަން ޕާޓްނަރެއްގެ މަގާމު ގެއްލި، ގްރީން ޕާޓީން އެހެން ދެ ޕާޓީއެއް ކަމަށްވާ ސޯޝަލް ޑިމޮކްރެޓިމް ޕާޓީ (އެސްޕީޑީ) އާއި ފްރީ ޑިމޮކްރެޓްސް (އެފްޑީޕީ)އާ އެކު ކޯލިޝަން ހެދުން އެކަށީގެންވާ ކަމަށް ޖަރުމަނުގެ ނޫސްތަކުން ރިޕޯޓު ކުރި އެވެ.

މީގެ އިތުރުން ރައިންލަންޑް ފަލްސްގެ އިންތިހާބުގައި 33.5 ޕަސެންޓު ވޯޓާ އެކު ކުރި ހޯދީ އެސްޕީޑީއިންނެވެ. އަދި ސީޑީޔޫއަށް ލިބޭނީ 25.5 ޕަސެންޓު ވޯޓު ކަމަށް ބެލެވޭ އިރު އެސްޕީޑީން ކޯލިޝަން ހަދާނެ ކަމަށް ލަފާ ކުރެވެނީ ގްރީންސް އާއި އެފްޑީޕީއާ އެކު ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އެއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އެ ދެ ސްޓޭޓުން ސީޑީޔޫއަށް ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީ އެވެ.

ސީޑީޔޫގެ ސެކްރެޓަރީ ޖެނެރަލް ޕޯލް ޒީމިއަކް ވިދާޅުވި ގޮތުގައި "ވޯޓުގެ ގޮތުން ބަލާއިރު ރެއަކީ އެ ޕާޓީއަށް ރަނގަޅު ރެއެއް" ނޫނެވެ. އަދި ގްރީންސް ޕާޓީން ވަނީ އެ ދެ އިންތިހާބުން ލިބުނު ކާމިޔާބީ އަކީ ފެޑެރަލް އިންތިހާބަށްދާ އިރު ލިބޭ ކުރިއެރުމެއްގެ ގޮތުގައި ބަލާނެ ކަމަށް ބުނެފަ އެވެ.

ޖަރުމަނުގައި އަންނަ ސެޕްޓެމްބަރުގެ މަހުގެ 26ގައި ބާއްވަން ހަމަޖެހިފައިވާ ފެޑެރަލް އިންތިހާބަށް ފަހު މާކެލް ޗާންސެލަރު ކަމުން އިސްތިއުފާ ދެއްވާ، އެގައުމުން 16 އަހަރަށް ފަހު އާ ޗާންސެލަރަކު ހޮވާނެ އެވެ.

އެ އިންތިހާބުގެ ކުރިން، ސީޑީޔޫއަށް އޮތް ތާއިދު ވަނީ ފާއިތުވި ދުވަސްތަކުގައި ދަށްވެފަ އެވެ. އެގޮތުން މިދިޔަ ޖޫން މަހު ޖަރުމަނުގައި ސީޑީޔޫއަށް އޮތް ތާއިދު 40 ޕަސެންޓަށް އެރި ނަމަވެސް މި މަހު އެ އަދަދު ވަނީ 33 ޕަސެންޓަށް ދަށްވެފަ އެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި ކޮވިޑް-19 ވެކްސިން ޖަހާ ސްޕީޑު ލަސްވުމާއި ބަލިމަޑުކަމުގެ ތެރޭގައި މާސްކު ގަންނަން ސަރުކާރުން ހެދި އެއްބަސްވުންތަކުން ޕާލިމެންޓުގެ ބައެއް މެމްބަރުންނަށް ބޮޑެތި ކޮމިޝަންތައް ލިބުނު ކަމުގެ ތުހުމަތު ފެންމަތިވުން ހިމެނެ އެވެ.

comment ކޮމެންޓް