ދުނިޔެއިން ގުޅިގެން މަސައްކަތް ކުރާ ނަމަ ބަލިމަޑުކަމުން އަވަހަށް އަރައިގަނެވޭނެ: މާކެލް

ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް -- ފޮޓޯ: ސްކައި ނިއުސް

ބާލިން (މެއި 19): ދުނިޔޭގައި މިހާރު ފެތުރިފައިވާ ކޮރޯނާވައިރަސް ބަލިމަޑުކަމާ ދެކޮޅަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުން ބަލިމަޑުކަމުން އަވަހަށް އަރައިގަނެވޭނެ ކަމަށް ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ބައްދަލުވުމެއްގައި ވީޑިއޯ މެދުވެރިކޮށް ބައިވެރިވެވަޑައިގަންނަވަމުން މާކެލް ވިދާޅުވި ގޮތުގައި އެއްވެސް ގައުމަކަށް އަމިއްލައަށް ކޮރޯނާވައިރަހާ ކުރިމަތިނުލެވޭނެ އެވެ. ނަމަވެސް ދުނިޔޭގެ ގައުމުތަކުން އެއްކޮށް މަސައްކަތް ކުރާ ނަމަ ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

"އަޅުގަނޑަށް ޔަގީން އަޅުގަނޑުމެންނަށް ބަލިމަޑުކަމުން އަރައިގަނެވޭނެކަން. އަދި ބައިނަލްއަގުވާމީ ފެންވަރުގައި އަޅުގަނޑުމެން އެއްކޮށް މަސައްކަތް ކުރާ ވަރަކަށް، އެ އަމާޒަށް ވާސިލުވުން އަވަސް ވާނެ،" މާކެލް ވިދާޅުވި އެވެ.

މީގެ އިތުރުން މާކެލް ވަނީ ޑަބްލިޔުއެޗްއޯއަކީ ކަމާ ގުޅުން ހުރި ދުނިޔޭގެ މައި އިދާރާ ކަމުން، އެޖަމްއިއްޔާގެ މަސައްކަތްތައް އިތުރަށް ރަނގަޅު ކުރެވޭނެ ގޮތްތައްވެސް ހޯދަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އޭނާ އެފަދައިން ވިދާޅުވީ، ކޮރޯނާވައިރަސް ބަލިމަޑުކަމާ ގުޅިގެން ޑަބްލިޔުއެޗްއޯއިން އަމަލު ކުރި ގޮތާ ބެހޭ މިނިވަން ތަހުގީގެއް ކުރިއަށްގެންދަން އެޖަމްއިއްޔާއިން އެއްބަސްވި ފަހުންނެވެ.

ޑަބްލިޔުއެޗްއޯއިން އެފަދައިން ނިންމީ މެމްބަރު ގައުމުތަކުގެ އެދުމުގެ މަތިންނެވެ.

ކޮރޯނާވައިރަސް ބަލިމަޑުކަން ފެތުރިގެން ދިޔަ ގޮތާ ގުޅިގެން ބައެއް ގައުމުތަކުން ވަނީ ޑަބްލިޔުއެޗްއޯއަަށް ފާޑު ކިޔާފަ އެވެ. އެގޮތުން އެމެރިކާއިން ވަނީ އެޖަމްއިއްޔާއިން ވައިރަހާ ބެހޭ މައުލޫމާތު ހޯދުމާއި ދެފުށް ފެންނަ ގޮތަކަށް އަމަލު ކުރުމުގައި ފެއިލްވެފައިވާ ކަމަށް އިއްޔެ ބުނެފަ އެވެ.

މީގެ އިތުރުން ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވަނީ އެގައުމުން ކޮންމެ އަހަރަކު ޑަބްލިޔުއެޗްއޯއަށްދޭ 450 މިލިއަން ޑޮލަރު، 40 މިލިއަން ޑޮލަރަށް ކުޑަ ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވެފަ އެވެ.

ދުނިޔޭގައި މިހާތަނަށް 4.7 މިލިއަން މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު، 1.7 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 318،000އަށް އަރާފަ އެވެ.

comment ކޮމެންޓް