ކުޅިވަރުތަކުގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލާނަން: ރައީސް

ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި އެ ޖަމިއްޔާގެ އެތުލީޓުންނާ ރައީސް ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

އެކި ކުޅިވަރުތަކުގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލައި، ކުޅިވަރުގެ ދާއިރާގައި ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މިއަހަރުގެ ތެރޭގައި ބައިނަލްއަގްވާމީ އެކި މުބާރާތްތަކުގައި ރަން ވަނަތައް ހާސިލުކޮށްފައިވާ އެ އެސޯސިއޭޝަނުގެ އެތުލީޓުންނާ އިއްޔެ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް އޮފީހުގައި އިއްޔެ ހަވީރު ކުރިއަށް ދިޔަ ބައްދަލުވުމުގައި ރައީސް ވަނީ އެ އެސޯސިއޭޝަންގެ އެތުލީޓުން ފާއިތުވި އަހަރުގެ ތެރޭގައި ހޯދާފައިވާ ރަން ވަނަތަކާއި ތަފާތު ކާމިޔާބީތައް ފާހަގަކުރައްވާ، އެތުލީޓުންނަށް މަރުހަބާ ވިދާޅުވެފަ އެވެ.

އެކި ކުޅިވަރުތަކުގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމުގެ އިތުރުން ބޮޑީބިލްޑިން ދާއިރާގެ ކުރިއެރުމަށް ހުރި ގޮންޖެހުންތަކާއި، އެސޯސިއޭޝަނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލު ކުރައްވަން، ކަމާއިބެހޭ ވުޒާރާ އާއި ގުޅިވަޑައިގެން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބޮޑީބިލްޑިން އެސޯސިއޭޝަންގެ އިސް ބޭފުޅުންވަނީ، ފާއިތުވި އެއް އަހަރުގެ ތެރޭގައި ކުޅިވަރު ތަރައްގީ ކުރެއްވުމުގައި ސަރުކާރުން ގެންގުޅެފައިވާ ހަމަހަމަ އުސޫލުތަކަށް މަރުހަބާ ވިދާޅުވެ، އަދި ވަކީން ހާއްސަކޮށް ބޮޑީބިލްޑިންގެ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް ސަރުކާރުން އިސްނަންގައިގެން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

އެގޮތުން އެ ބޭފުޅުން އަލިއަޅުއްވާލެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި، އެ ކުޅިވަރު ކުރިއެރުވުމަށް މާލީ ގޮތުން ސަރުކާރުން ވަމުން ގެންދާ އެހީތެރިކަމާއި، އެތުލީޓުންގެ ތަމްރީނުތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ހިމެނެ އެވެ.

މީގެ އިތުރުން، އެސޯސިއޭޝަންގެ އިސްބޭފުޅުންވަނީ، ކުޅިވަރު އިތުރަށް ތަރައްގީ ކުރުމަށް ހުރި ގޮންޖެހުންތަކާއި ދަތިތަކުގެ މައުލޫމާތުވެސް ރައީސް އާ ހިއްސާ ކުރައްވައިފަ އެވެ.

ކުރިއަށް އޮތް ތަނުގައި، ބޮޑީބިލްޑިންގެ ދާއިރާއިން ރާއްޖެއަށް ރީތި ނަން ހޯދައިދިނުމުގެ އަޒުމުގައި މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އެ ބޭފުޅުން ރައީސަށް ދެއްވި އެވެ.

މީގެ އިތުރުން، އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގެ ތައްޔާރީތައް ކުރިއަށްދާ ގޮތުގެ މައުލޫމާތުވެސް އެ ބޭފުޅުން ރައީސާ ހިއްސާކުރެއްވި އެވެ.

މި ބައްދަލުވުމުގައި، އެ ޖަމިއްޔާގެ ފަރާތުންވަނީ އެ ދާއިރާގެ ކުރިއެރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް ވޯލްޑް ބޮޑީބިލްޑިންގް އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަނުން ރައީސަށް އަރުވާފައިވާ "ޑަބްލިޔުބީޕީއެފް ޑިސްޓިންގުއިޝްޑް ސާވިސް އެވޯޑް" އެމަނިކުފާނާ ހަވާލުކުރައްވާފަ އެވެ.

އެ އެވޯޑް ރައީސްގެ އަތްޕުޅަށް އަރުވާފައިވަނީ އޭޝިއަން ބޮޑީބިލްޑިންގް އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަންގެ އެގްޒެކެޓިވް ވައިސް ޕްރެޑިޒެންޓް އިބްރާހީމް ހަމީދާއި، ސައުތު އޭޝިއަން ބޮޑީބިލްޑިންގް އެންޑް ފިޓްނަސް ފެޑެރޭޝަންގެ އެގްޒެކެޓިވް މެމްބަރު އަލީ ރިފާއު އެވެ. މިއީ، މި އެވޯޑް އޭޝިއާގެ ގައުމެއްގެ ރައީސަކަށް ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް