ރައީސް ސޯލިހު ހުރިހާ މިނިސްޓްރީ ތަކަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެޑިއުކޭޝަން މިނިސްޓްރީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން --

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކަށް ވަޑައިގަތުމަށް ނިންމަވައި އެ މަސައްކަތް ފައްޓަވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މިނިސްޓްރީތަކަށް ވަޑައިގަތުމަށް ރައީސް ސޯލިހު ނިންމެވީ ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން މިނިސްޓްރީތަކުގެ މަސައްކަތް ކުރިޔަށްދާ މިންވަރު ބައްލަވައިލެއްވުމަށާއި، މުވައްޒަފުންނާ ބައްދަލުކޮށްލެއްވުމަށެވެ. އެގޮތުން މިއަދު ރައީސް ސޯލިހު ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް ޒިޔާރަތް ކުރައްވައިފަ އެވެ.

އެ ޒިޔާރަތުގައި އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންކަމުގެ ނަތީޖާ ފެންނަނީ ސިވިލް ސަރވިސްގެ މުވައްޒަފުން ކުރާ މަސައްކަތުން ކަމަށެވެ. އަދި، ސަރުކާރުގެ ވައުދުތައް ތަންފީޒުކުރެއްވުމުގައި އެންމެ މުހިންމު އެއް ދައުރެއް އަދާކުރަނީ ސިވިލް ސަރވިސްގެ މުވައްޒަފުންކަމުގައި ވިދާޅުވެ ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް އެދެވޭ ބަދަލު ތަކެއް ގެނައުމަށް ސަރުކާރުން ކުރެވޭނީ ކޮންކަހަލަ މަސައްކަތްތަކެއްތޯ ބައްލަވަމުން އަންނަކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ފާއިތުވި އަހަރު ރަނގަޅު ނަތީޖާއެއް ނެރުނު ކަމުގައި ވިދާޅުވެ، ކުރިޔަށް އޮތް އަހަރު ވަރަށް ގިނަ މަސައްކަތްކުރަން ހުރިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ސަރުކާރަށް އެއް އަހަރު ފުރުނީ ފާއިތުވި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

comment ކޮމެންޓް