ވައިޓް އައިލެންޑް އަނެއްކާ ވެސް ގޮވަނީ، މީހުން ހޯދުން މަޑުޖައްސާލައިފި

ނިއު ޒިލެންޑުގެ ވައިޓް އައިލެންޑް ފަރުބަދަ ގޮވައި، ފަސް މީހަކު ވަނީ މަރުވެފަ -- ފޮޓޯ: އޭއެފްޕީ

ވެލިންޓަން (ޑިސެމްބަރު 11): ނިއު ޒިލެންޑުގައި މިދިޔަ ހޯމަ ދުވަހު ގޮވި ވައިޓް އައިލެންޑް ފަރުބަދަ ކައިރިން މީހުން ހޯދަން އެސަރަހައްދަށް ދިޔުން އަދިވެސް މާ ނުރައްކާތެރި ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

ނިއު ޒިލެންޑުގެ ނޯތު އައިލެންޑާ 48 ކިލޯމީޓަރު ދުރުގައި އޮންނަ ވައިޓް އައިލެންޑު ފަރުބަދަ ގޮވީ، އެތަން ބަލާލުމަށް 47 ފަތުރުވެރިން ގޮސް ތިއްބަ އެވެ.

ނިއު ޒިލެންޑުގެ ފުލުހުންނާއި ސިފައިން ކުރިއަށްގެންދިޔަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި އެދުވަހު ވަނީ 39 މީހުން ވައިޓް އައިލެންޑުން ބާލުވާފަ އެވެ. ނަމަވެސް އޭގެ ތެރެއިން ހަ މީހަކު މަރުވެ، 25 މީހުންނަށް ވަނީ ސީރިއަސް އަނިޔާތައް ލިބިފަ އެވެ. އަދި ބާކީ އަށް މީހުން ވައިޓް އައިލެންޑުން ދިރި ތިއްބާ ފެނުމުގެ އުއްމީދެއް ނެތް ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

ނިއު ޒިލެންޑުގެ ވައިޓް އައިލެންޑް ފަރުބަދަ -- ފޮޓޯ: އޭއެފްޕީ

އެ ފަރުބަދަ ކައިރިން މީހުން ސަލާމަތް ކުރުމަށް ނިއު ޒިލެންޑުގެ ސާޗް އެންޑް ރެސްކިއު ޓީމްތަކުން މިއަދު ތައްޔާރުވެގެން ތިބި ނަމަވެސް، ޖިއޮލޮޖިކަލް އޭޖެންސީ ޖިއޯނެޓުން ވަނީ މިއަދު ފަތިހު 4:00 އިން ފެށިގެން ފަރުބަދަ ކައިރިން އިތުރު ގުޑުންތައް ފާހަގަ ކުރެވިފައިވާ ކަމަށް ބުނެފަ އެވެ. އަދި ކުރިއަށް އޮތް 24 ގަޑި އިރުތެރޭ ފަރުބަދަ އަނެއްކާވެސް ގޮވުން އެކަށީގެންވާ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން ޕޮލިސް މިނިސްޓަރު ސްޓުއާޓް ނަޝް ވަނީ ވައިޓް އައިލެންޑުގައި މިހާރު ނުރައްކާތެރި މިންވަރަކަށް ވިހަ ގޭހާއި އަޅި ފެތުރިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެތަނަށް މީހުންނަށް ދެވޭ ވަރަށް ހާލަތު ރަނގަޅު ވަންދެން ފުލުހުންގެ އޮޕަރޭޝަން ކުރިއަށްނުގެންދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ވައިޓް އައިލެންޑް ފަރުބަދަ ވަނީ 2016 ވަނަ އަހަރުވެސް ގޮވާފަ އެވެ. ނަމަވެސް ފާއިތުވި އަހަރުތަކުގައި އެފަރުބަދަ ގޮވުމުގެ ސަބަބުން މީހަކަށް އަނިޔާވެފައި ނުވެ އެވެ.

comment ކޮމެންޓް