މަސްވެރިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރަންޖެހޭނީ މަސްވެރިން ކުރާ މަސައްކަތުގެ ހަމަ އަގު މަސްވެރި އާއިލާތަކަށް ލިބޭނެ ހަރުދަނާ މެކޭނިޒަމެއް ގާއިމް ކޮށްގެންކަމަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން ބުނެފި އެވެ.
މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅުވައިގެން އެމްޑީއޭ އިން ނެރުނު ބަޔާނުގައި ބުނީ ގައުމީ ނަޒަރުން މަސްވެރިކަން މިނެކިރަން ޖެހޭނީ އެހެން އެއްވެސް ސިނާއަތަކަށްވުރެ ބޮޑަށް އިސްކަން ދީގެން ކަމަށެވެ.
"މަސްވެރިން ކުރާ މަސައްކަތް ވަޒަންކުރާނަމަ، މަސްވެރިން އެ ކުރައްވާ މަސައްކަތުގެ ހަމައަގު އެ ލޮބުވެތި އާއިލާތަކަށް އެ ލޮބުވެތި އާއިލާތަކަށް ލިބެނެ ހަރުދަނާ މެކޭނިޒަމްއެއް ހާމަކަން ބޮޑުގޮތެއްގައި ފެންނަން އޮތުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމުގައި އަޅުގަނޑުމެން ދެކެމެވެ،" އެމްޑީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި ބުނީ މަސްވެރިން ކުރާ މަސައްކަތަކީ ރިސްކުބޮޑު މަސައްކަތެއް ކަމަށާއި މަސްވެރިން އެ މަސައްކަތްކުރަނީ އެހެން ސިނާއަތްތަކުގެ ހަށިހެޔޮކޮށް ވަރުގަދަކުރުމަށް ކަމަށެވެ.
މަސްވެރިން ކުރާ މަސައްކަތުގެ އަގު، ބަހުންނާއި އަމަލުން ވަޒަން ކުރުމަށް ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.
އެމްޑީއޭގެ ބަޔާނުގައި ބުނީ ރާއްޖޭގެ އިގްތިސާދުގައި މަސްވެރިކަމަކީ މުހިއްމު ސިނާއަތެއް ކަމަށާއި މަސްވެރިކަން މިއަދު ތަރައްގީވެ ޒަމާނީ ކުރިއެރުންތަކާއެކު މި މަސައްކަތުގައި ދެމިތިބި ޒުވާނުން ކުރާ މަސައްކަތަށް ތައުރީފު ހައްގު ކަމަށެވެ.