ކުޅިވަރުތައް ތަފާތު ކުރުމެއްނެތި ހުރިހާ ކުޅިވަރަކަށް ވެސް ސަރުކާރުން އެހީވާނެ ކަމަށް ވިދާޅުވެ އެ ޔަގީންކަން ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުޅިވަރުގެ އާއިލާއަށް ޔަގީންކަން ދެއްވައިފި އެވެ.
ރައީސް އެހެން ވިދާޅުވެފައިވަނީ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއަށް ފުރަތަމަ ފަހަރަށް ރަން މެޑަލެއް ހޯދާ ދިން ދުވުންތެރިޔާ ހަސަން ސާއިދު އާއި ލޯ މެޑަލް ހޯދި ޓީޓީ ޓީމަށް މަރުހާބާ ދެންނެވުމުގެ ގޮތުން ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ނޭޕާލްގައި މިއަދު ނިމުނު ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވުމަށްފަހު ސާއިދު އާއި ޓީޓީ ޓީމް މާލެ އައުމުން އިއްޒުއްދީން ފާލަން ސަރަހައްދުން އެތްލީޓުންނަށް މަރުހަބާ ދެންނެވީ ރައީސް އެވެ. އަދި ރައީސް އަރިހުގައި ރަތް ދޫލާގައި އެ ކުޅުންތެރިން އައީ ރައީސް އޮފީހަށެވެ.
ސާއިދު އާއި ޓީޓީ ޓީމްގެ އިތުރުން އަންހެން ފުޓްބޯޅަ ޓީމާއި އަންހެން ބާސްކެޓްބޯޅަ ޓީމުން ވެސް ވަނީ ލޯ މެޑަލް ހޯދާފަ އެވެ. ރައީސް ވަނީ ކާމިޔާބީ ހޯއްދެވި ޓީމްތަކާއި ކުޅުންތެރިންނަށް މަރުހަބާ ދަންނަވާފަ އެވެ. އަދި ކާމިޔާބެއް ނުހޯދުނު ނަމަވެސް ހިތްވަރު އެލުވައިނުލައި ގަދަ އަޅައި މަސައްކަތް ކުރުމަށް ރައީސް ވަނީ ހިތްވަރު ވެސް ދެއްވާފަ އެވެ.
ރައީސް ވިދާޅުވީ ކުޅުވަރަށް މި ސަރުކާރުން އެހީވަނީ 'ކުޅޭ ކުޅޭ' ކަމެއްގޮތުގައި ނޫން ކަމަށާއި އެކަމަށް އެހީތެރިވަނީ ޒުވާނުންނާއި ގައުމަށް ފައިދާ ހުރިކަމަކަށް ވާތީ ކަމަށެވެ. އެގޮތުން ބޭރުގައި ދިވެހި ގައުމު އިސްތިހާރު ވުމުގެ އިތުރުން ހުރިހާ ރައްޔިތުން އެކަތިގަނޑަކަށް ހަދާ އެއްޗަކީ ވެސް ކުޅިވަރުކަން ރައީސް ފާހަގަކުރެއްވި އެވެ.
"އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް ތިބޭފުޅުންނަށް އަޅުގަނޑު ޔަގީންކޮށް އަރުވަނީ ސަރުކާރުން ވެދޭ އެހީތަކާއި ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ހުރިހާ ކުޅިވަރަކަށް ތަފާތުކުރުމެއް ނެތި އަޅުގަނޑުމެން ދޭނެ ވާހަކަ،" ރައީސް ވިދާޅުވި އެވެ.
ފަހަކަށް އައިސް ކުޅިވަރުތަކުގައި އަންހެން އެތުލީޓުން ކުރިއެރުންތައް ހޯދަމުން އަންނަ ކަން ފާހަގަކޮށް ރައީސް ވިދާޅުވީ ޖިންސެއް ތަފާތު ކުރުމެއްނެތި ހުރިހާ އެތުލީޓުންނަށް ވެސް އެހީވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
"ކުރިއަށް އޮތް މުބާރާތްތަކުގައި މިއަށް ވުރުން ރަނގަޅު ކާމިޔާބީއެއް ހޯދުމަށްޓަކައި ސަރުކާރުން ކޮށްދޭން ޖެހޭ ހުރިހާ މަސައްކަތްތަކެއް އަޅުގަނޑުމެން ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
ކާމިޔާބީއެއް ހޯދުމަށްޓަކައި ބޮޑު ގައުމަކަށް ވާން ނުޖެހޭނެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރާއްޖެ އިން މި ހޯދި ކާމިޔާބީއިން އެކަން މިއަދު ޔަގީން ވެގެން ދާ ކަމަށެވެ. އަދި ވިދާޅުވީ، ކާމިޔާބީއާ ހަމައަށް ވާސިލްވުމަށް ބޭނުންވަނީ ރަނގަޅު ޕްލޭނެއް އޮވެގެން ތަމްރީންތައް ފުރިހަމަ ކުރުން ކަމަށެވެ. އެގޮތުން އެކަށީގެންވާ ވަސީލަތްތައް ރާއްޖޭގައި ނެތްކަން ފާހަގަކޮށް ރައީސް ވިދާޅުވީ، އެކަންކަން ފުރިހަމަ ކުރުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.