ދުނިޔޭގެ އެންމެ ޒުވާން ބޮޑުވަޒީރަކަށް ފިންލޭންޑުގެ ސަނާ މަރިން

ފިންލޭންޑުގެ ބޮޑުވަޒީރު ކަމަށް އައްޔަން ކުރަން ނިންމާފައި ވަނީ 34 އަހަރުގެ ސަނާ މަރިން -- ފޮޓޯ: ގެޓީ

ހެލްސިންކީ (ޑިސެމްބަރު 9): ފިންލޭންޑުގެ އާ ބޮޑުވަޒީރު ކަމަށް އައްޔަން ކުރާނީ އެގައުމުގެ ޓްރާންސްޕޯޓު މިނިސްޓަރު ސަނާ މަރިން ކަމަށް އެގައުމުން ނިންމައިފި އެވެ.

އުމުރުން 34 އަހަރުގެ މަރިން މިހަފްތާ ތެރޭ ބޮޑުވަޒީރު ކަމާ ހަވާލުވުމުން އޭނާ ވަނީ ދުނިޔޭގެ އެންމެ ޒުވާން ބޮޑުވަޒީރަށެވެ. އަދި ފިންލޭންޑުގެ ސަރުކާރުގެ ތިން ވަނަ އަންހެން ލީޑަރަށެވެ.

މަރިން ބޮޑުވަޒީރު ކަމަށް އައްޔަން ކުރަން ނިންމާފައި ވަނީ އެމަގާމުގައި މިހާރު ހުންނެވި އަންޓީ ރިނޭ އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވަނީ ދައުލަތުގެ ޕޯސްޓަލް ސާވިސް ކުންފުނީގައި ކުރިއަށްގެންދިޔަ ހަޅުތާލަކާ ގުޅިގެން އަމަލު ކުރެއްވި ގޮތާ މެދު ހިތްހަމަނުޖެހޭ ކަމަށް ސަރުކާރު ކޯލިޝަންގެ ޕާޓީއަކުން ބުނުމުންނެވެ.

ފިންލޭންޑުގައި މިދިޔަ އޭޕްރިލް މަހު ބޭއްވި ޕާލިމެންޓަރީ އިންތިހާބަށް ފަހު ވެރިކަމަށް އައިސްފައިވާ ކޯލިޝަން ސަރުކާރުގައި ހިމެނެނީ ފަސް ޕާޓީއެކެވެ. އަދި އެ ފަސް ޕާޓީގެ ލީޑަރުންނަކީވެސް އަންހެނުންނެވެ.

މިހާރު ދުނިޔޭގެ އެންމެ ޒުވާން ބޮޑުވަޒީރަކީ ނިއު ޒިލޭންޑުގެ ލީޑަރު ޖަސިންދާ އާޑާން އެވެ. އޭނާ 2017 ވަނަ އަހަރު މަގާމާ ހަވާލުވެވަޑައިގެންނެވި އިރު އުމުރުން 37 އަހަރެވެ.

comment ކޮމެންޓް