ސާކްގެ ނިންމުންތަކުން ނަތީޖާ ނެރެވެންޖެހޭ: ރައީސް

ރައީސް ސޯލިހް ސައުތު އޭޝިއަން ސްޕީކާސް ސަމިޓްގައި -- ފޮޓޯ/ ރައީސް އޮފީސް

ދެކުނު އޭޝިއާގެ ގައުމުތައް ތަމްސީލުކުރާ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ނިންމުންތަކުން މިހާރަށްވުރެ ބޮޑަށް ނަތީޖާ ނެރުމަށް މަސައްކަތް ކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"ސާކް ޗާޓަރު ޑޭ" ގެ މުނާސަބަތުގައ ތަހުނިޔާ ދަންނަވައި ރައީސް ސޯލިހު ފޮނުވި މެސެޖްގައި ވިދާޅުވީ، ސާކް އުފެއްދިތާ މިއަދަށް 35 އަހަރު ފުރިގެންދާއިރު، ސާކުގެ ޗާޓަރުގައި ފާހަގަކޮށްފައިވާ މުހިންމު ދާއިރާތަކުން ގައުމުތަކުން މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ސާކްގެ ނިންމުންތައް ނިންމުމުގެ މަރުހަލާ މިހާރަށްވުރެ ބޮޑަށް އަމާޒުތައް ކަނޑައެޅިގެން ހަރަދުކުޑަގޮތްތަކުގެ ބޭނުން ހިފައިގެން ވީހާވެސް ބޮޑަށް ނަތީޖާ ނެރެވޭ ގޮތަށް ސާކްގެ ހުރިހާ ގައުމަކުންވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ސާކްގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް ގައުމުތަކުގެ މެދުގައި ގުޅުންތައް އިތުރުކޮށް ފަންނީ ގޮތުން އެއްބާރުލުން އިތުރުކުރަންޖެހޭކަން ރައީސް ސޯލިހްގެ މެސެޖްގައި ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ސައުތު އޭޝިއަން އިކޮނޮމިކް ޔޫނިއަންގެ ސަބަބުން ސާކް ގްއުމުތަކުގެ މެދުގައި އިގްތިސާދީ ކަންކަން ކުރިއެރުމަށް އޮތް ހުރަސްތައް ނައްތާލެވި މުޅި ސަރަހައްދުގެ އިގްތިސާދު ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަންވެސް ރައީސް ވިދާޅުވިއެވެ.

ސާކް އުފެއްދުމުގެ ތަސައްވުރު ގެންނެވި ބޭފުޅުންގެ އެ މުހިންމު ވިސްނުން ފުޅު ފާހަގަކުރައްވައި ރައީސް ވަނީ ވަކިން ހާއްސަގޮތެއްގައި ސާކް އުފެއްދުމުގައި ހިމެނިވަޑައިގެންނެވި އެއްފަރާތްކަމުގައިވާ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް، ސަރަހައްދީ ތަރައްޤީއަށް ކުރެއްވި މަސައްކަތްފުޅު ފާހަގަކުރެއްވާފައިވެއެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް ދިވެހި ސަރުކާރުން ސާކް ގައުމުތަކުގެ މެދުގައި ގުޅުންބަދަހިކޮށް ސަރަހައްދީ ތަރައްގީ ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ރާއްޖެއިން ސާކްގެ މިނިސްޓާސް އޮފް އެޑިއުކޭޝަން އަދި ހަޔާ އެޑިއުކޭޝަންގެ ތިންވަނަ ބައްދަލުވުމާއި އާޓިސްޓް ކޭމްޕާއި ކުރެހުންތައް ދައްކާލުމުގެ މައުރަޒާއި، ދެކުނު އޭޝިއާ ސަރަހައްދުގެ އިސްނެގުމާއެކު ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއިބެހޭ ގަވަނިންގް ބޯޑުގެ ބައްދަލުވުން މިއަހަރުގެ ތެރޭގައި ބާއްވާފައިވާކަން ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.

ސާކްއަށް 35 އަހަރު މިއަދު ފުރުނުއިރު، މިހާޓަނަށް 18 ސާކް ސަމިޓެއް ވަނީ ބާއްވާފައެވެ. ނަމަވެސް ސެޕްޓެމްބަރި 2016 ގައި ޖައްމޫ އެންޑް ކަޝްމީރުގައި ޕާކިސްތާނަށް ނިސްބަތްވާ ޓެރަރިސްޓް ގްރޫޕަކުން ދިން ހަމަލާއަކާ ގުޅިގެން، އެ އަހަރުގެ ނޮވެމްބަރު މަހު ޕާކިސްތާނުގައި ބާއްވަން އޮތް ސާކް ސަމިޓު ފަސް ގައުމަކުން ބޯއިކޮޓްކުރިއެވެ.

ނޮވެމްބަރު، 2016 ގައި ބޭއްވުމަށް ތާވަލް ކުރި އެ ސަމިޓް ފަސްކޮށްފައި ވަނީ އިންޑިއާ، ބަންގުލަދޭޝް، ބޫޓާން އަދި އަފްޣާނިސްތާނުން ސަމިޓް ބޮއިކޮޓްކުރުމާ ގުޅިގެންނެވެ. އެފަހުން އަދި ސާކް ސަމިޓެއް ބާއްވާފައި ނުވެއެވެ.

http://www.sun.mv/80069

comment ކޮމެންޓް