ބިޑުނުކޮށް މަސައްކަތް ހަވާލުކުރެވޭ މާއްދާ އުވާލަން އޭސީސީން ހުށަހަޅައިފި

އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒުމޫސާ

މާލިއްޔަތު ގަވައިދަށް 2017 ވަނަ އަހަރު ގެނައި އިސްލާހުގައި ބިޑުނުކޮށް މަޝްރޫއު ދިނުމާ ގުޅޭ ގޮތުން އޮތް މާއްދާ އުވާލައި، އެ މާއްދާގައި ހިމެނޭ މަފްހޫމުތައް ހިމެނޭ ގޮތަށް މާލިއްޔަތު ގަވައިދަށް ބަދަލުގެނައުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކަމާ ގުޅުންހުރި މުއައްސަސާތަކަށް ލަފާދީފިއެވެ.

މާލިއްޔަތު ގަވައިދަށް އޭރު ގެނައި އިސްލާހުން އާންމުކޮށް ބީލަމަށް ހުޅުވާނުލައި މަސައްކަތް ހަވާލުކުރެވޭނެ ހާލަތްތަކެއް ވަނީ ބަޔާން ކޮށްފައެވެ. އަދި އެ ބާރު ފިނޭންސް މިނިސްޓަރަށާއި ނޭޝަލް ޓެންޑާ ބޯޑު އަދި ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާކަމަށް އެ ގަވައިދުގައި ބުނެއެވެ.

އޭސީސީން ވަނީ މާލިއްޔަތު ގަވައިދުގެ ބިޑަކާ ނުލާ މަޝްރޫއުތައް ދިނުމާ ގުޅޭ ގޮތުން އޮތް 10.27 ވަނަ މާއްދާ ގެނައި އިސްލާހުގެ ކޮރަޕްޝަން ރިސްކް އެނަލިސިސްއެއް ހަދާފައެވެ. އަދި އެ އެނަލިސިސް އިން ފާހަގަވި ކަންތައް އޭސީސީން ވަނީ މީޑިއާއާތަކާ ހިއްސާ ކުރައްވާފައެވެ.

ބިޑުކުރުމަކާނުލައި ސަރުކާރު ހިއްސާ އޮންނަ ކުންފުންޏަކާ މަސައްކަތް ހަވާލުކުރުމާއި، ދައުލަތުގެ އިންވެސްޓްމަންޓް މަޝްރޫއުތައް ކުރިޔަށް ގެންދިއުމާއި، ބޭރުގެ ގައުމެއްގެ އެހީގައި މަޝްރޫއުތައް ހިންގުމާއި، ކޮންސެޝަނަލް ލޯނެއްގެ ދަށުން މަޝްރޫއުތައް ހިންގުމާއި، އަންސޮލިސިޓެޑް ޕްރޮޕޯސަލްތަކުގެ ދަށުން މަސައްކަތްކުރުމަށް ހާއްސަ މާއްދާތައް ވަކިވަކިން އެކުލަވާލަން ކަމާ ގުޅުންހުރި މުއައްސަސާތަކަށް ލަފާ ދެއްވާ ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ، އިސްލާހުތައް މިހާރު އޮތް ގޮތުން ވަރަށް ބޮޑަށް ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް ފެންނަ ކަމަށެވެ. އަދި ވަކި ބަޔަކަށް މަންފާ ހޯދުމަށް އެ އިސްލާހުތަކުގެ ބޭނުން ނާޖާއިޒު ގޮތުގައި އިދާރާތަކުން ހިފަމުންދާ ކަމަށެވެ.

އެގޮތުން، އެ އިސްލާހުގެ ދަށުން ބައެއް މަސައްކަތްތައް ހަވާލު ކުރެވޭ ކުންފުނީގެ އަސްލީ މަސައްކަތުގެތެރޭގައި ހިމެނޭ ބާވަތުގެ މަސައްކަތެއްތޯ ބެލުމަކާނުލައި، ހަވާލުކުރެވޭ މަސައްކަތް އެ ކުންފުންޏަށް ނުކުރެވުމުގެ ސަބަބުން، އެ ކުންފުނިތަކުން އެ މަސައްކަތް ތިންވަނަ ފަރާތަކަށް ހަވާލުކުރާކަން ފާހަގަވާ ކަމަށެވެ. އަދި އެގޮތަށް ތިން ވަނަ ފަރާތަކާ ހަވާލު ކުރަނީ އާންމުކޮށް ބީލަށް ހުޅުވާ ނުލައި، ޕްރޮކުއުމަޓް އުސޫލުތަކާ ހިލާފަށް ވަކި ބަޔަކަށް ފައިދާ ހޯދައި ދިނުމަށް ކަމަށް އޭސީސީން ބުނެއެވެ.

"އެ މަސައްކަތް ހަވާލުކުރެވޭ [ސަރުކާރު] ކުންފުނީގައި އެ މަސައްކަތް ކުރުމުގެ ވަސީލަތްތަކާއި ގާބިލުކަން ނެތުމުގެ ސަބަބުން، ދައުލަތުން އެ ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވާ އަގަށްވުރެ ކުޑައަގެއްގައި އެ މަސައްކަތް ތިންވަނަ ފަރާތަކާ ހަވާލުކޮށްގެން ކުރުވާފައިވުމުން، އެ މަސައްކަތަށް ހަރަދުކޮށްފައިވާ ވަރަށްވުރެ ކުޑަ އަގެއްގައި އެ މަސައްކަތްކުރުވޭނެކަން އެނގެއެވެ" އޭސީސީން ބުނެފައިވެއެވެ.

އޭސީސީން ބުނީ، ދައުލަތުގެ އިދާރާއަކުން މާލިއްޔަތުގެ ގަވާއިދަށް އަމަލުކުރަން ބޭނުންނުވާ ކޮންމެ ހާލަތެއްގައި ކޯޕަރޭޓިވް ސޮސައިޓީއަކާ އެ މަސައްކަތް ހަވާލުކޮށްގެން ކުރުވުމުގެ ފުރުސަތު މިހާރުގެ ގައިވައިދުގެ ދަށުން އޮންނަ ކަމަށެވެ.

"އެ ކޯޕަރޭޓިވް ސޮސައިޓީއަކީ ދައުލަތުގެ މަސްލަހަތު އޮތް ކޯޕަރޭޓިވް ސޮސައިޓީއެއްތޯ ބަލާނެ މިންގަނޑެއް މާލިއްޔަތުގެ ގަވާއިދުން އެނގެންނެތްކަމާއި އަދި އެކަން އެނގެން އޮތްނަމަވެސް، ކޯޕަރޭޓިވް ސޮސައިޓީއަކާ ދައުލަތުގެ މަޝްރޫއުތައް ހަވާލުކުރުމުގެ ސަބަބުން ވާދަވެރި ބީލަމެއްގެ ފުރުސަތު ގެއްލި، މާކެޓް ރޭޓަށްވުރެ ބޮޑުކޮށް ދައުލަތަށް،" ގެއްލުންވާ ގޮތަށް އެ މަސައްކަތެއް އެވޯޑުކުރާ ކަމަށް އޭސީސީން ބުނެއެވެ.

އެހެންކަމުން، ދައުލަތުން ކުރިއާލައި ރާވައިގެން ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ބޮޑެތި މަޝްރޫއުތައް އާންމުކޮށް ބީލަމަށް ހުޅުވާނުލައި ދޫކުރަންޖެހިއްޖެ ހާލަތެއްގައި ދޫކުރަންވާނީ، ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށްކަމަށް ބަޔާންކުރާ މާއްދާއެއް ގަވާއިދުގައި ހިމެނުމަށް އޭސީސީން ލަފާ ދެއްވިއެވެ.

އޭސީސީން ބުނީ، ސަރުކާރު ކުންފުންޏަކާ މަސައްކަތް ހަވާލުކުރަންވާނީ ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން އެ ކުންފުނީގެ އަސްލީ މަސައްކަތްތަކުގެ ތެރޭގައި އެ މަސައްކަތް ހިމެނޭތޯ ބެލުމަށްފަހު ކަމަށެވެ. އަދި ދައުލަތުގެ ކުންފުނިން ތިންވަނަ ފަރާތަކަށް އެކަން ހަވާލު ނުކުރެވޭ ގޮތަށް ގަވައިދަށް އިސްލާހު ގެނައުމަށްވެސް އޭސީސީން ލަފާދެއްވައެވެ.

މިހާރު އޮތް މާލިއްޔަތު ގަވައިދުގައިވާ ގޮތުން، ބޭރުގައުމެއްގެ އެހީގައި ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ނުވަތަ ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކުރެވުމުގެ ފުރުސަތު އޮވެއެވެ.

ގަވައިދުގެ އެ އިސްލާހާ ގުޅޭގޮތުން، އޭސީސީން ބުނީ އެއީ ރާއްޖެ ސޮއިކޮށްފައިވާ ބައެއް މުއާހަދާތަކާ ފުށުއަރާ ކަމެއް ކަމަށެވެ. އަދި ދައުލަތުން ތަކެއްޗާއި ހިދުމަތް ހޯދުމުގައި އަގުތައް އިންތިހާއަށް ބޮޑުވެ ހާމަކަން ގެއްލި އަދި ވާދަވެރިކަންނެތި، ކޮރަޕްޝަނަށް މަގުފަހިވާނެކަމެއްކަން ފާހަގަކުރެވޭ ކަމަށެވެ.

އޭސީސީން ބުނީ، މަޝްރޫއުއެއް ހިންގަނީ ލޯނެއް ނަގައިގެން ކަމަށްވާހާލަތުގައި، އަދި އެ މަޝްރޫއުގެ ލޯނު އެގްރީމެންޓުގައި އެ ލޯނު ދޭ ޤައުމެއްގެ، އެ މަޝްރޫއެއްގެ ސިނާއަތުގެ މަސައްކަތްކުރާ ފަރާތްތަކަށް ހުޅުވާލައިގެން އެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ޝަރުޠުކޮށްފައިވާނަމަ، އެ ހާލަތުގައި އެ މަޝްރޫޢެއް ކުރިއަށް ގެންދިޔުމަށް ހަވާލުކުރެވޭ ފަރާތަކީ މާލީގޮތުންނާއި ފަންނީގޮތުން އެ މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް އެކަށީގެންވާ ފަރާތެއްކަމާއި، އަދި މަޝްރޫއު ކުރިއަށް ގެންދާ އަގަކީ ދައުލަތަށް ފައިދާހުރި ހަމައަގުކަން ކަށަވަރުކުރަންވާނެ ކަމަށެވެ.

އެހެންކަމުން އެކަންތައްތަކަށް ރިއާޔަތްކޮށް، އޭސީސީން އެދިފައިވަނީ، މާލިއްޔަތު ގަވައިދުގެ 10.27 މާއްދާ އުވާލައި، އެ މާއްދާގައި ހިމެނޭ މަފްހޫމުތައް ހިމެނޭ ގޮތަށް އެ ގަވައިދަށް އިސްލާހު ގެނައުމަށެވެ.

ގަވައިދު އިސްލާހުކުރާއިރު ރިއާޔަތްކުރުމަށް ލަފާ ދެއްވި އިތުރު ކަންތައްތައް:

  • ބީލަންކުރުމުގައި ވާދަވެރި، ދެފުށްފެންނަ، ހާމަކަންބޮޑު، ޖަވާބުދާރީ ކުރެވޭނެ ގޮތްތައް ހިމެނުން.
  • ދައުލަތަށް އެންމެ ފައިދާހުރި އަދި އެންމެ ގެއްލުންކުޑަ ގޮތް އިހުތިޔާރުކުރުން.
  • ބާޒާރުގައި އެ ކަމަކަށް އެ ދުވަސްވަރަކު އޮންނަ އަގަށް ރިއާޔަތްކުރުމާއި ހަމައަގުގައި މަޝްރޫޢު ހަވާލުކުރުން.
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގެއްލުން ނުވާނެ ގޮތަށް ބީލަންކުރުން.
  • ރިޝްވަތުގެ އަމަލުތައް ހިންގުމަށް ފުރުސަތު ނުލިބޭނެ އަދި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނުހޯދޭނެކަން ކަށަވަރުކުރުން.
comment ކޮމެންޓް