ސައުތު އޭޝިއަން ގޭމްސް: މޮޅު ކުޅުމަކާ އެކު ބީޗް ވޮލީގެ ފިރިހެން ދެ ޕެއާ ކުއާޓާއަށް

ސައުތު އޭޝިއަން ގޭމްސް/ ބީޗް ވޮލީ: ރާއްޖޭގެ ދެ ޕެއާ --- ފޮޓޯ// އެމްއޯސީ

ނޭޕާލް، ޕޮކަހަރާ: ނޭޕާލްގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ބީޗް ވޮލީ އިވެންޓުން ރާއްޖޭގެ މުހައްމަދު ޒަޔާން، އަހުމަދު މުހައްމަދު (ކޯކޭ)ގެ ޕެއާ އަދި އާދަމް ނަސީމް (އެޑަމް) އާއި މުހައްމަދު އަލީ (ޑެންޒޯ) ގެ ޕެއާ ވެސް ކުއާރޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ސަރަހައްދީ އެންމެ ބޮޑު މުބާރާތް، ސައުތް އޭޝިއަން ގޭމްސްގައި މުޅިން އަލަށް ބައިވެރިވި ބޯޗް ވޮލީ އިވެންޓުގައި ރާއްޖެއިން މިފަހަރު ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން ރާއްޖެއިން ބައިވެރިވި ދެ ޕެއާ ވެސް ވަނީ މިއަދު ހަވީރު ކުޅޭ ކުއާރޓާއަށް ދަތުރު ކޮށްފަ އެވެ.

ގޭމްސްގެ ކުއާރޓާއަށް ކޯކޭއާއި ޒަޔާންގެ ޕެއާ ދަތުރު ކުރީ ގުރޫޕުގެ ހަތަރުވަނައިގެ ގޮތުގަ އެވެ. މުބާރާތުގެ ފޯމެޓުގައި ވާގޮތުން ގުރޫޕުގެ އެންމެ ރަނގަޅު ހަތަރު ޓީމު ކުއާޓާއަށް ދަތުރު ކުރާނެ އެވެ. ކޯކޭއާ ޒަޔާންގެ ޕެއާ ވަނީ ބަންގާޅުގެ ޕެއާ އަތުން ސީދާ ދެ ސެޓުން މޮޅުވެފަ އެވެ. އެ ގުރޫޕުގެ ބަންގާޅު އެއްވެސް މެޗަކުން މޮޅު ނުވުމުން ރާއްޖޭގެ ޕެއާއަށް ވަނީ ކުއާރޓާގެ ޖާގައެއް ލިބިފަ އެވެ.

އެޑަމް އާއި ޑެންޒޯގެ ޕެއާ ކުއާރޓާއަށް ދަތުރު ކުރީ މިއަދު ކުޅުނު މެޗުގައި މުބާރާތް ކުރިއަށްދާ ނޭޕާލާ ވާދަކޮށް 1-2 އިން މެޗު ކާމިޔާބު ކޮށްގެންނެވެ. ގުރޫޕުގެ ތިންވަނައިގެ ގޮތުގައި ރާއްޖޭގެ މި ޕެއާ ކުއާޓާއަށް ދަތުރު ކުރީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކޮށްގެންނެވެ. ފުރަތަމަ މެޗުގައި ބަންގާޅު އަތުން 1-2 އިން ބަލިވި އިރު ދެވަނަ މެޗުގައި ޕާކިސްތާނާ ވާދަކޮށް ދެ ސެޓުން ވަނީ މޮޅުވެފަ އެވެ. ތިން ވަނަ މެޗުން ބަލިވީ ލަންކާ އަތުންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ސެޓު ފެށިގެން ޑެންޒޯއާއި އެޑަމްގެ ޕެއާއިން ވަނީ ރަނގަޅު ލީޑެއް ނަގާފަ އެވެ. ނަމަވެސް މެޗުގެ 16 ވަނަ ޕޮއިންޓާ ހަމައިން ލީޑު ގެއްލި ނޭޕާލްގެ ރާޖޫއާއި ސަންޖޫ ޝާހް ވަނީ އެއްވަރު ކޮށްފަ އެވެ. ވާދަވެރި ކުޅުމަކަށްފަހު ދެ ޕޮއިންޓްގެ ތަފާތުން 19-21 އިން ނޭޕާލްގެ ޕެއާއިން އެ ސެޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

ދެވަނަ ސެޓުގައި ކުޅެން ނުކުމެ ރާއްޖޭގެ ޕެއާއިން މޮޅު ކުޅުމެއް ދެއްކި އެވެ. އެ ސެޓު ރާއްޖެއިން ކާމިޔާބު ކުރީ 18-21 އިންނެވެ. ނަތީޖާ ނެރުމަށް ކުޅުނު ހަތަރު ވަނަ ސެޓު ފެށުނު ގޮތަށް ރާއްޖޭގެ ޕެއާއިން ވަނީ ބޮޑު ލީޑެއް ނަގައި ފަސޭހަކަމާ އެކު ސެޓުން މޮޅުވެފަ އެވެ. އެ ސެޓުން ރާއްޖޭގެ ޕެއާ މޮޅުވީ 8-15 އިންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ތަޖުރިބާކާރު ކުޅުންތެރިޔާ އެޑަމް ބުނީ މިއީ ރާއްޖޭގެ ބީޗް ވޮލީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މެޗުން ހަނިގޮތަކަށް މޮޅުވި ނަމަވެސް އުފާ ކުރާ ކަމަށެވެ.

"އަސްލު ނާޒުކު ފައްތަރެއްގެ އިނީ މެޗަށް ނުކުތް އިރު. އެ ޕްރެޝަރާ އެކު ކުޅުނީމަ ތިން ސެޓަށް ގޮސްގެން މޮޅުވާން ޖެހުނީ. ސާފް ގޭމްސްގައި ބާއްވާ ފުރަތަމަ ބީޗް ވޮލީ އިވެންޓުގެ ކުއާރޓާއަށް ދެވުނީމަ އަސްލު ވަރަށް އުފާވޭ." އެޑަމް ބުންޏެވެ.

އެޑަމް ބުނީ މިފަހަރުގެ ގޭމްސްއަށް އައި އިރު ޕާޓްނާ ބަދަލުވުމުން ވަރަށް ބޮޑު އުނދަގުލެއް ދިމާވި ކަމަށެވެ. އެޑަމްއާ އެކު މީގެ ކުރިން ޕާޓްނާއެއްގެ ގޮތުގައި ކުޅުނީ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އެވެ. މަންކޭއާއި އެޑަމްގެ ޕެއާ ވަނީ މިއަހަރު އޮތް އައިއޯއައިޖީގައި ރިހި މެޑަލް ހޯދައިފަ އެވެ. މަންކޭ މި މުބާރާތުގައި ބައިވެރިނުވީ އަނިޔާގެ ސަބަބުންނެވެ.

ނަމަވެސް މަންކޭ އަންނަނީ މުބާރާތުގެ އަންހެން ބީޗް ވޮލީ ޓީމުގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށް ފިރިހެން ޓީމަށް ވެސް އިރުޝާދު ދެމުންނެވެ.

މުބާރާތުގެ ކުއާރޓާ ފައިނަލް މެޗުތަަށް ކުޅުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު އެވެ.

comment ކޮމެންޓް