14 ވަނަ ސައުތު އޭޝިއަން ގޭމްސް ފަސްކުރަން ނިންމައިފި

2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ބައިވެރިވި ޓީމަށް މަރުޙަބާ ކިޔުމުގެ ތެރެއިން----

ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލް (ސީއޭއޯސީ)ގެ މެންބަރު ގައުމުތަކުން 14 ވަނަ ސައުތު އޭޝިއަން ގޭމްސް 2024 ވަނަ އަހަރަަށް ފަސް ކުރަން ނިންމައިފިއެވެ.

މިއަދު ކެމްބޯޑިއާގައި ބޭއްވި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ)ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގައި ނިންމީ އެ މުބާރާތް 2024 ވަނަ އަހަރުގެ މާޗު މަހު ބޭއްވުމަށެވެ.

އެ ކޮމެޓީން އެގޮތަށް ނިންމީ އޭޝިއަން ގޭމްސް ނިންމާގޮތަށް ސައުތު އޭޝިއަން ގޭމްސް ފަށާނަމަ ހަރަދުގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން މުބާރާތަށް އަސަރުކުރާނެތީއެވެ.

ސައުތު އޭޝިއަން ގޭމްސް ފަސްކުރުމުގެ ކުރިން މުބާރާތް ބާއްވަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ މޭ މަހުގެ ފަސްވަނަ ދުވަހުގައެވެ. އަދި އޭޝިއަން ގޭމްސް ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގައެވެ.

އޭޝިއަން ގޭމްސްއަކީ ކުރިން މިއަހަރުގެ ޑިސެމްބަރަށް ތާވަލުކޮށްފައި އޮތް މުބާރާތެކެވެ. ނަމަވެސް އެ މުބާރާތް އަންނަ އަހަރަށް ފަސްކުރީ ކޮވިޑުގެ ސަބަބުންނެވެ.

ފަސްކޮށްފައިވާ ސައުތު އޭޝިއަން ގޭމްސް ފަށާނެ ވަކި ތާރީޚެއް އަދި ކަނޑަނާޅެއެވެ. އެ މުބާރާތް ފަށާނެ ތާރީޚެއް ކަނޑައެޅުމަށް ހަވާލުކޮށްފައިވަނީ އެ މުބާރާތް ބާއްވާ ގައުމު ޕާކިސްތާނަށެވެ. އެ ގައުމުން އެ މުބާރާތް ބާއްވާނެ ތާރީޚެއް އަވަސް މުސްތަގުބަލެއްގައި ކަނޑައަޅާނެކަމަށް ވަނީ ބުނެފައެވެ.

comment ކޮމެންޓް