އިސްލާމީ ގައުމުތަކުގައި ރައްޔިތުން އިންތިހާބުކުރާ މަޖިލީހެއް އޮންނަން ރާއްޖެއިން ބާރުއަޅާނެ: ނަޝީދު

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ/ މަޖިލިސް

އިސްލާމީ ގައުމުތަކުގައި ރައްޔިތުން އިންތިހާބުކުރާ މަޖިލީހެއް އޮންނަން ރާއްޖެއިން ބާރުއަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވިދާޅުވީ އިސްލާމީ ގައުމުތަކުގައި ހިމެނޭ ހުރިހާ ގާނޫނު ހަދާ މަޖިލީސްތައް ހިމެނޭ ގޮތަށް ބާއްވާ ކޮންފަރެންސެއް އަންނަ ޖެނުއަރީ މަހު އޮންނާނެ ކަމަށާއި އެ ކޮންފަރެންސަށް އެމަނިކުފާނަށް ދައުވަތު ލިބިފައިވާ ކަމަށެވެ.

ހުޅަނގު އެފްރީކޯގެ ގައުމެއް ކަމަށްވާ، ބުރުކީނޯ ފާސޯގައި އޮންނަ މި ބައްދަލުވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ އެ ކޮންފަރެންސުގައި ބައިވެރިވާ ގައުމުތަކުގެ ތެރެއިން އިންތިހާބުވެގެން ހިންގޭ މަޖިލީހެއް އޮތީ ކޮން ގައުމެއްގައިތޯ އެކަނިކުފާނުގެ ހިތަށް އަރައިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އިސްލާމީ ގައުމުތަކުގެ ތެރެއިން އިންތިހާބުވާ މަޖިލީހެއް އޮންނަނީ ރާއްޖެ އާއި މެލޭޝިއާ، ޕާކިސްތާނު ފަދަ މަދު ގައުމެއްގައި ކަމަށެވެ. އެހެން ނަމަވެސް، ގައުމުތަކުގެ ކަންކަން ނިންމުމުގައި އެ ގައުމުގެ ރައްޔިތުންގެ ބަސް އޮންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް އެއީ އިސްލާމީ ދައުލަތްތަކުގައި ރައްޔިތުން އިންތިހާބުކުރާ ގާނޫނު ހަދާ މަޖިލިސްތައް އެކުލަވާލުމުގެ ވާހަކަތައް [ދެއްކުން]. އެ މަޝްވަރާތައް އަދި އެމަގަށް ބާރުއެޅުމަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން މަސައްކަތްކުރަންޖެހޭ ކަމެއް،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މެދުއިރުމަތީގެ ގިނަ ގައުމުތަކުގެ ބޮޑެތި މައްސަލަތަކަކީ އެ ގައުމުތަކުގެ ރައްޔިތުންގެ އިހުސާސްތަކާއި ރައްޔިތުންގެ ބޭނުންތަކާ ވިންދާ އެއްގޮތަށް އެ ގައުމުތަކުގައި ހިނގާ ކަންތައްތަކެއް ނޫން ކަމަށެވެ. އެކަން ބަދަލު ވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެކަމަށް ބާރު އަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

comment ކޮމެންޓް