ށ. ނޫމަރާ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ހިލަ ހިފައިގެން އެރަށަށް ގޮސް އޮތް ބާޖުގެ ނަގިލި ކަނޑައިގެން ގޮސް ކަނޑިންމައަށް ބީހިފާ އޮތުމުގެ ސަބަބުން ރަށުން ލަފާ ފުރަން ދަތިވެއްޖެއެވެ.
ނޫމަރާއިން ވާހަކަ ދެއްކި މީހަކު ބުނީ ކަނޑިންމަ ބެދި، ކުދި ލޯންޗާއި ޑިންގީތަކަށްވެސް ރަށުން ބޭރަށް ނުނިކުމެވޭ ކަމަށެވެ. ލަފާފުރަން ދަތިވުމުގެ ސަބަބުން ރަށުން ކާޑުގެ ބާވަތްތައްވެސް ހުސްވާން ކައިރިވެފައިވާ ކަމަށް އޭނާ ބުންޏެވެ.
ނޫމަރާ ކައުންސިލުގެ ރައީސް ހަސަން އަބްދުﷲ މިރޭ "ސަން" އަށް ވިދާޅުވީ ބާޖުގެ ނަގިލި ކެނޑި، ކަނޑިންމަ ކައިރިއަށް ބީހުމުގެެ ސަބަބުން ކަނޑިންމަ ބޭނުން ނުކުރެވޭތާ މަހެއްހައި ދުވަސް ވާން ކައިރިވެފައިވާ ކަމަށެވެ.
"އެކަން ދިމާވި ދުވަހުން ފެށިގެން ބާޖު އެތަނުން ނެގުމަށް މިދަނީ މަސައްކަތް ކުރަމުން، ބާޖަކީ އިންޑިއާ ކުންފުންޏެއްގެ ބާޖެއް. އެމީހުންގެ ޕްރޮސީޖާ ދިގުވުމުގެ ސަބަބުން އެތަނުން ބާޖު ނުނެގި ލަސްވަނީ. ކުރިއަށް އޮތް ފަސް ވަރަށް ދުވަހުގެ ތެރޭގައި ބާޖު ފުންކުރަން އުޅަނދެއް އަންނާނެ ކަމަށް މައުލޫމާތު ލިބެނީ،" އަބްދުﷲ ވިދާޅުވިއެވެ.
އަބްދުﷲ ވިދާޅުވީ ބާޖުގައި ހުރި ހިލަ އަކީ އެރަށުގެ ކަނޑިންމައިގެ ފައިކަށީގައި ޖަހަން ގެންގޮސްފައި ހުރި ހިލަ ކަމަށެވެ. ބާޖުގައި ހުރި ހިލަތައް މިހާރު ހުސްކޮށްފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ރަށުން ފުރާ އުޅަނދުތަކަށް ނުނިކުމެވޭ މޫސުން ގޯސްވުމުގެ ސަބަބުން. މޫސުން ރަނގަޅަށް އޮތްއިރު އޮވޭ އެ ބާޖު ހުރަސްވެފައި އިންނަތަނުން 50 ވަރަކަށް ފޫޓު. ކުދި ލޯންޗު ތަކަށް ނިކުމެވޭވަރަށް. އޭރު ލިބިފައި ހުރި ކާބޯތަކެތި މިހާރު ހުރީ. މިހާރު މޫސުން ގޯސްވިފަހުން އެވަރަށް ޖާގައެއް ނުލިބޭ. ރަށުން ކާޑުވެސް ހުސްވަމުން ދަނީ،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"މިރަށަށް ކާޑު ގެންނަނީ ފޭދޫ ބޯޓަކުން. ކާޑު ހިފައިގެން އެ ބޯޓު ދަތުރު ކުރަމުން ދަނީ .އެކަމަކު ކަނޑިންމަ އިން ޖާގަ ނުލިބޭތީ ރަށަށް އެތަކެތި އަރުވާނީ ކިހިނެއް ކަމެއް ނޭނގެ،"
ނޫމަރާ އަކީ 500 އެއްހައި މީހުންގެ އާބާދީ އެއް އޮންނަ ރަށެއް ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.