ޕާކިސްތާން ބަލިކޮށް އެޑަމްއާއި ޑެންޒޯގެ ޕެއާ ކުއާޓާގެ އުންމީދު އައު ކޮށްފި

ސައުތް އޭޝިއަން ގޭމްސްގެ ބޯޗް ވޮލީ އިވެންޓުގައި މިއަދު ރާއްޖޭގެ އެޑަމް އާއި ޑެންޒޯގެ ޕެއާއިން ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ: މުހައްމަދު ޝަރުހާން ވަހީދު

ނޭޕާލް، ޕޮކަހަރާ: ނޭޕާލްގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެން ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އާދަމް ނަސީމް (އެޑަމް) އާއި މުހައްމަދު އަލީ (ޑެންޒޯ) ގެ ޕެއާއިން ޕާކިސްތާން ބަލިކޮށް ކުއާރޓާ ފައިނަލަށް ދިއުމުގެ އުންމީދު އައު ކޮށްފި އެވެ.

ޕޮކަހަރާގެ ލޭކް ސައިޑް ބީޗް ވޮލީ ސްޓޭޑިއަމުގައި މިއަދު ކުޅުނު މެޗުގައި އެޑަމްއާއި ޑެންޒޯގެ ޕެއާއިން މެޗު ގެންދިޔައީ ސީދާ ދެ ސެޓުންނެވެ. މި ޕެއާއިން އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ޕާކިސްތާން އަތުން ވަނީ ބަލިވެފަ އެވެ. އެހެން ނަމަވެސް މިއަދުގެ މެޗުގައި ވަނީ ތަފާތު ދައްކާ ކުއާރޓާއަށް ދިއުމަށް އަމާޒުހިފާފަ އެވެ.

ސައުތް އޭޝިއަން ގޭމްސްގެ ބޯޗް ވޮލީ އިވެންޓުގައި މިއަދު ރާއްޖޭގެ އެޑަމް އާއި ޑެންޒޯގެ ޕެއާއިން ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ: މުހައްމަދު ޝަރުހާން ވަހީދު

މިއަދުގެ މެޗުގެ ފުރަތަމަ ސެޓުގައި ޕާކިސްތާނުގެ ރައްޒާގް މުހައްމަދާއި ވަސީން މުހައްމަދުގެ ޕެއާއާ ވާދަކޮށް ރާއްޖޭގެ ޕެއާއިން ވަނީ ވާދަވެރި ކުޅުމެއް ކުޅެފަ އެވެ. ޖުމުލަކޮށް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ އެ ސެޓު އެޑަމްއާއި ޑެންޒޯގެ ޕެއާއިން ގެންދިޔައީ ދެ ޕޮއިންޓްގެ ތަފާތުންނެވެ.

ދެވަނަ ސެޓު ފެށިގެން ރާއްޖޭގެ ޕެއާއިން ބޮޑު ލީޑެއްގައި އޮވެގެން ކުޅެމުން ދިޔަ އިރު އެ ސެޓު ވަނީ ފަސޭހަކަމާ އެކު ކާމިޔާބު ކޮށްފަ އެވެ. އެ ސެޓު ރާއްޖޭގެ ޕެއާއިން ގެންދިޔައީ 17-19 އިންނެވެ.

އިއްޔެ ޕާކިސްތާނާ ދެކޮޅަށް ވާދަކުރި ރާއްޖޭގެ ދެވަނަ ޕެއާގައި ހިމެނޭ އަބްދުﷲ ޒަޔާން އާއި އަހުމަދު މުހައްމަދު (ކޮކޭ) މިއަދު ވަނީ ޕާކިސްތާނުގެ ޚާން ޒަސްރބަބް އަދި ޚާން އަފާގްއާ ވާދަކޮށް ބަލިވެފަ އެވެ. މިއަދުގެ މެޗުން ރާއްޖޭގެ ޒަޔާން އާއި ކޮކޭގެ ޕެއާއިން ބަލިވީ ސީދާ ދެ ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ޕާކިސްތާނުގެ ޕެއާއިން ގެންދިޔައީ 18-21 އަދި 13-21 އިންނެވެ.

ރާއްޖޭގެ ދެ ޕެއާ ވެސް ތިންވަނަ މެޗަކަށް މިއަދު މެންދުރު ފަހު ނުކުންނާނީ ސަރަހައްދުގެ އެންމެ ވަރުގަދަ ސްރީ ލަންކާއާ ދެކޮޅަށެވެ. އަދި އެއަށްފަހު މާދަން ހެނދުނު ނުކުންނާނީ މުބާރާތް ކުރިއަށްދާ ނޭޕާލާ ދެކޮޅަށެވެ.

މިފަހަރުގެ ބީޗް ވޮލީ އިވެންޓުގައި އިންޑިއާއާއި ބޫޓާން ބައިވެރިވެފައެއް ނުވެއެވެ. އެހެން ކަމުން ކުއާޓާއަށް ދަތުރު ކުރާނީ ދެ ގުރޫޕުގައި ހިމެނޭ ފަސް ޓީމުގެ ތެރެއިން ހަތަރު ޓީމެވެ.

މިއަދުގެ މެޗަށްފަހު ވާހަކަ ދައްކަމުން ރާއްޖޭގެ ތަޖުރިބާކާރު ކުޅުންތެރިޔާ އެޑަމް ބުނީ އިއްޔެގެ މެޗުން ލިބުނު ބައްޔާ އެކު މިއަދުގެ މެޗަށް ނުކުތީ ބަދަލުހިފަން ކަމަށާއި މެޗުން މޮޅުވެވުނީތީ އުފާ ކުރާ ކަމަށެވެ. އަދި ދެން އޮތް މެޗު އުނދަގޫވީ ނަމަވެސް މޮޅުވާން މަސައްކަތް ކުރާނެ ކަމަށެވެ.

comment ކޮމެންޓް