ކައުންސިލް އިންތިހާބުގައި ގިނަ އަދަދެއްގެ އަންހެނުން ވާދަކުރުމަށް އެމްއާރުއެމް ގޮވާލައިފި

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ރައީސް މައުމޫން އަބްދުލްގައްޔޫމް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވީހާވެސް ގިނަ އަދަދެއްގެ އަންހެނުން ވާދަކުރުމަށް މޯލްޑިވްސް ރިފޯމް މޫމަންޓް (އެމްއާރުއެމް)އިން ގޮވާލައިފިއެވެ.

ލާމަރުކަޒީ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ގެނައި އިސްލާހާއެކު ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި ހާއްސަވާނީ އަންހެނުންނަށެވެ. މިކަން ފާހަގަކޮށް އެމްއާރުއެމްއިން ނެރުނު ބަޔާނުގައި ބުނީ ކައުންސިލްތަކުގައި އަންހެނުންނަށް ހާއްސަ ކޯޓާއެއް ކަނޑައެޅުމާ ގުޅިގެން ދިވެހި އަންހެނުންނަށް މަރުހަބާ ކިޔާ ކަމަށެވެ. މިއީ ސަރުކާރު ކޯލިޝަނުން، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރުމަށް ވީ ވައުދެއަކަމަށް އެ ޕާޓީ އިން ބުންޏެވެ.

ލާމަރުކަޒީ ގާނޫނަށް މި އިސްލާހު ގެނައުމަށްް މަސައްކަތް ކޮށްދެންކަމަށްޓަކާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެމްއާރުއެމްއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކައުންސިލްތަކުގައި އަންހެނުންނަށް ކޯޓާއެއް ކަނޑައެޅުމަކީ އަންހެނުން ސިޔާސި މައިދާނުގައި ހަރަކާތްތެރިވެ ބަސްބުނުމަށް ފުރުސަތު ހޯދައިދިނުމަށް އެޅުނު ބިންގަލެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ. އެމްއާރުއެމްގެ ބަޔާނުގައި ބުނީ މި ބަދަލާއެކު ރާއްޖޭގެ ސިޔާސީ މައިދާނުގައި ގިނަ އަންހެނުންގެ ބައިވެރިވުމާއި އަދި މުހިންމު ކަންކަން ނިންމުމުގައި، އަންހެނުން ކުރީސަފުގައި ފެނިގެން ދާނެކަމަށް އެ ޕާޓީ އިން އުއްމީދުކުރާ ކަމަށެވެ.

އަދި އެ ޕާޓީން އަބަދުވެސް ސިޔާސީ މައިދާނުގައި އަންހެނުން ހަރަކާތްތެރި ވުމަށް ފުރުސަތު ހޯދައިދޭނެ ކަމަށާއި އެގޮތުން ޕާޓީގެ އަސާސީ ގަވައިދުގައި، ޕާޓީގެ ހުރިހާ ކޮމިޓީތަކުގެ 50 ޕަސެންޓް އަންހެނުންނަށް ހާއްސަ ކޮށްފައިވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި އަންހެނުންނަށް ހާއްސަ ކުރުމުގެ އިތުރުން ކައުންސިލްތަކަށް މާލީ ބާރު ދީފައިވެއެވެ. ސަރުކާރުން ބުނީ އާ އަހަރު ފަށާނީ ބާރުވެރި ކައުންސިލްތަކަކާއެކު ކަމަށެވެ.

https://sun.mv/128448

comment ކޮމެންޓް