ކޮންމެ ގައުމެއްގައި އުޅުނަސް ދިވެހިންނަށް ތަފާތެއް ނުކުރާނަން: ނައިބު ރައީސް

އިންޑިއާގައި ދިރިއުޅޭ ދިވެހިންނާ ނައިބު ރައީސް ބައްދަލު ކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

ކޮންމެ ގައުމެއްގައި ދިރިއުޅުނު ނަމަވެސް ދިވެހިންނަށް ކުރިމަތިވާ ކަންތައް ހައްލުކޮށްދިނުމުގައި ތަފާތުކުރުން ނުގެންގުޅުއްވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޓްރެވިންޑްރަމްގައި އުޅޭ ދިވެހިންނާ ބައްދަލު ކުރައްވާ ވިދާޅުވީ ދިވެހިންނަކީ ކޮންމެ ތަނެއްގައި އުޅުނަސް، އެތަނެއްގެ ރައްޔިތުންނާ ގުޅިގެން އުޅޭ ބަޔެއް ކަމަށެވެ.

ގައުމުން ބޭރުގައި އުޅޭއިރު، އެތަނެއްގެ ގާނޫނުތަކާއި ގަވައިދުތަކަށް އިހުތިރާމު ކުރުމަށް ނައިބު ރައީސް އިލްތިމާސް ކުރެެއްވި އެވެ.

ޓްރެވިންޑްރަމްގެ ހޮޓެލް އެޕޯލޯގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ނައިބު ރައީސް ވިދާޅުވީ އިންޑިއާގައި އުޅޭ ދިވެހިންނަށް އިންޑިއާ ސަރުކާރުން ލުއިފަސޭހަ ކޮށްދީފައިވާ ކަމަށާއި ބޭސްފަރުވާ އަށް އިންޑިއާ އަށް ދާ ދިވެހިންނަށް ލުއިކޮށްދިނުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

"މިސަރުކާރު ދެމި އޮންނާނީ އަބަދުވެސް ރައްޔިތުންނަށް ދަތިވާކަންކަން ހައްލުކޮށްދިނުުމުގައި. އެކަމުގައި، ބޭރުގައުމުތަކުގައި އުޅޭ ދިވެހިން އިސްތިސްނާ ނުވާނެކަމުގެ ޔަގީންކަން އަރުވަން،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވަނީ ދަރިންނަށް ތައުލީމު ދީ ތަރުބިއްޔަތު ކުރާއިރު ކާބަފައިންގެ ފަރާތުން ވާސިލްވެފައިވާ ރީތި އަދަބުތަކުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރުމުގެ މުހިއްމުކަން ފާހަގަ ކުރައްވާ ވާހަކަ ދައްކަވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ތައުލީމު ދިނުމުގެ ތެރެއިން ދަރިންނަކީ މަސައްކަތްތެރި ބަޔަކަށް ހެދުމަށް އިސްކަމެއްދިނުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ޓްރެވިންޑްރަމްއަކީ ބޭސްފަރުވާ އަށާއި ތައުލީމަށް އަދި ދިރިއުޅުމުގެ އެހެން ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން ގޮސްއުޅޭ އަދި ގިނަ އަދަދެއްގެ ދިވެހިން ވަޒަންވެރިވެފައިވާ ސިޓީ އެކެވެ.

ނައިބު ރައީސް އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި ކެރަލާ އަދި ކަރުނާޓަކާ ސްޓޭޓަށް ޒިޔާރަތްކުރައްވާނެއެވެ. މިއީ އިންޑިއާ އާއި ރާއްޖެ އާއި އޮންނަ ގުޅުން ބަދަހި ކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ.

comment ކޮމެންޓް