ރޭ ހުޅުމާލޭގައި އަނިޔާވެރި ގޮތަކަށް މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަނަކީ ދަންނަ މީހެއް ނޫންކަމަށާއި އޭނާއަށް އެއްވެސް ލޯނެއްވެސް ނުދެއްވާކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ހިތިގަސްމަގުގައި ޑްރައިވަރު ގާސިމް ޒަހަމްތަކަކާއެކު ވެއްޓިފައި އޮތްކަމުގެ ރިޕޯޓު ފުލުހުނަށް ލިބުނީ، ރޭ 9:07ގައެވެ. އޭނާ މަރާލީ ކަރަށް ވަޅި ހަރައިގެންނެވެ. އެ މައްސަލަ ފުލުހުންގެ ސީރިއަސް ކްރައިމް ޑިޕާޓްމަންޓާއި ފޮރެންސިކްސް ޑިޕާޓްމަންޓު ގުޅިގެން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ޑްރައިވަރު ގާސިމްގެ މަރާއި، މެމްބރަު ޝަހީމްއާ ގުޅުމެއް އޮތް ކަމަށް މިހާރު ސޯޝަލް މީޑިއާގައި ވަނީ އަޑު ފަތުރާފައެވެ. އެއީ ގާސިމް ޝަހީމް އަތުން ނެގިކަމަށް ބުނާ ހަތަރު ލައްކައެއްހާ ރުފިޔާގެ ލޯނެއް އަނބުރާ ނުދައްކައިގެން، ގާސިމަށް އިންޒާރު ދޭން ޝަހީމް ގޭންގެއް ފޮނުވި ކަމަށް ބުނާ ވާހަކަތަކެކެވެ. އެވާހަކަ ބައެއް މީޑިއާތަކުން ރިޕޯޓުވެސް ކޮށްފައިވެއެވެ.
އެކަމާ ގުޅިގެން މެމްބަރު ޝަހީމް "ސަން"އަށް ވިދާޅުވީ، ގާސިމް އަކީ އޭނާ ދަންނަ މީހެއްވެސް ނޫން ކަމަށެވެ. އަދި އެއްވެސް އިރެއްގައި ބައްދަލުވި މީހެއްވެސް ނޫން ކަމަށެވެ.
"އެއްވެސް ވަރެއްގެ ހަގީގަތެއް އޮތް ވާހައެއް ނޫން އެއީ. އަޅުގަނޑު ނުވެސް ދަންނަ މީހެއް އެއީ،" ޝަހީމް ވިދާޅުވިއެވެ.
ގާސިމްގެ މަރުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ، ކުރިން އޭނާއަކީ އެހާ ފައިސާ ހުންނަ މީހެއްވެސް ނޫން ކަމަށެވެ. އެހެންކަމުން މީހަކަށް ބޮޑު ލޯނެއް ދެވޭނީވެސް ކިހިނެއްތޯ އޭނާ ސުވާލު ކުރެއްވިއެވެ.
ޑިސެމްބަރ 4، 2019 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ގާސިމް ހަސަންގެ ހަށިގަނޑު ހުޅުމާލެ ހޮސްޓަލުން ނެރެ އެމްބިއުލަންސަށް އަރުވަނީ - ސަން ފޮޓޯ/ ފަޔާޒު މޫސާ
ގާސިމްގެ ރައްޓެހި ޓެކްސީ ޑްރައިވަރަކު "ސަން"އަށް ބުނި ގޮތުގައި އިއްޔެ މެންދުރު ގާސިމްގެ ކާރު ޒުވާނެއްގެ ސައިކަލެއްގައި ޖެހުމުން ސައިކަލު ދުއްވަން އިން ޒުވާނާ މަގުމަތީގައި އޭނާއަށް އިންޒާރު ދިނެވެ.
ގާސިމްގެ ރައްޓެހިން އިތުރަށް ބުނި ގޮތުގައި، ރޭ އަށެއްގެ ފަހުންވެސް އޭނާ ހެންވޭރުގައި ހުންނަ ކޭމާޓު ސައިހޮޓަލުގައި އެހެން ޓެކްސީ ޑްރައިވަރަކާއެކު ކާން އިނެވެ. އޭނާ ހުޅުމާލެއަށް ދިޔައީ މާލެއިން ކަމަށާއި، 8:30 އެހާކަންހާއިރު ހުޅުމާލޭގައި ހުރި ކަމަށް ފޯނުން ގުޅާފައި ބުނިކަމަށްވެސް ރައްޓެއްސަކު ބުންޏެވެ.
ގާސިމް މަރާލާފައި އޮތް ސީން ދެކުނު މީހަކު ބުނި ގޮތުގައި އޭނާގެ ކަރަށް ވަޅި ހަރާފައި ހުރީ ކަރުގެ ފުއްކިބައިންނެވެ. އަދި އޭނާގެ ބޮލަށްވެސް ހަމަލާދީފައި ހުއްޓެވެ. އެކަމަކު، ހަމަލާ ދިން ބަޔަކު ކާރުތެރޭގައި އޮތް އޭނާގެ ފޯނާއި ގަމީހުގެ ޖީބުގައި ހުރި ފައިސާ ނުގެންދެއެވެ.
މިއަދު މެންދުރު ނަމާދަށް ފަހު ގާސިމްގެ ކަށުނަމާދު ވަނީކޮށްފައެވެ. އަދި އޭނާގެ ހަށިގަނޑު މިހާރު ވަނީ އާސަހަރާގައި ވަޅުލައިފައެވެ.
ގާސިމްގެ މަރާ ގުޅިގެން މިހާތަަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.