ވަކިވަކި ފުލުހުންނަށް އަމުރުކުރުމުގެ ބާރު ހޯމް މިނިސްޓަރު އަތުން ނަގަނީ

ގައުމީ ދުވަހުގެ ރަަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ފޮޓޯ/ ހޯމް މިނިސްޓްރީ

މިއަދު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން، ރައީސް އޮފީހަށް ފޮނުވި "ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު" ގައި ހޯމް މިނިސްޓަރަށް، ވަކިވަކި ފުލުހުންނަށް އަމުރު ނުކުރެވޭ ގޮތަށް ހިމަނައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ފުލުހުންގެ ބިލެއް ފޮނުވާފައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަލުން ކަނޑައަޅައި، ފުލުހުން ޖަވާބުދާރީކުރެވޭ ނިޒާމު އިސްލާހުކުރުމަށް ކަމަށެވެ.

އެގޮތުން މިހާރު އަމަލުކުރަމުންދާ ފުލުހުންގެ ގާނޫނުގެ ބަދަލުގައި އާ ގާނޫނެއް ތައާރުފުކޮށް، ފުލުހުންގެ ހިދުމަތް ގާއިމުކުރެވިގެންވާ ގޮތާއި، ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ހިދުމަތާގުޅޭ އެނޫންވެސް ކަންކަން އެ ގާނޫނު މެދުވެރިކޮށް އަލުން ކަނޑައެޅިގެންދާނެ ކަމަށް ބިލުގައިވެއެވެ.

ފުލުހުންގެ ހިދުމަތުގެ ބިލު މެދުވެރިކޮށް އިސްލާކުރުމަށް ހުށަހެޅޭ މައިގަނޑު ކަންކަމުގެ ތެރޭގައި ވަކިވަކި ފުލުހުންނަށް މިނިސްޓަރަށް އަމުރުނުކުރެވޭނެ ކަމުގައި ކަނޑައެޅުމާއެކު، ފުލުހުންގެ ހިދުމަތާގުޅޭ ކަންކަމުގައި މިނިސްޓަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތު މިހާރަށްވުރެ ސާފުކޮށް ބަޔާންކުރުން ހިމެނެއެވެ.

މިހާރު އަމަލުކުރަމުން އަންނަ ފުލުހުންގެ ގާނޫނުގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ފުލުހުންގެ ދައުރު އަދާކުރުމުގެ ސިޔާސަތު ކަނޑައެޅުމާއި ފުލުހުންގެ ހިދުމަތުގެ ފެންވަރު ދެމެހެއްޓުމުގެ އެންމެ އިސްވެރިޔަކީ މިނިސްޓަރެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ އަމުރާ ހިލާފުނުވާ ގޮތެއްގެމަތިން އަދި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ހުދޫދެއްގެ ތެރޭގައި ކޮންމެ ހިނދެއްގައިވެސް ވަކިވަކި ފުލުހުންނަށް ނުވަތަ ފުލުހުންގެ ބަޔަކަށް ނުވަތަ އެންމެހާ ފުލުހުންނަށް ސީދާ އަމުރުކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެންވެއެވެ.

އަދި ގާނޫނުގައި ބަޔާންވެގެންވާ ކަންތައްތަކަށް ފުރިހަމައަށް އަމަލުކުރުމަށާއި، ގާނޫނުގެ މަގްސަދު ހާސިލުކުރުމަށް އެއިރަކަށް ބޭނުންވާކަމަށް މިނިސްޓަރަށް ފެންނަ އެންމެހާ ގަވާއިދުތަކާއި އަމުރުތައް ނެރުމުގެ ބާރުވެސް މިނިސްޓަރަށް ގާނޫނުން ލިބިދީފައިވެއެވެ.

ފުލުހުންގެ ހިދުމަތުގެ ބިލު މެދުވެރިކޮށް އިސްލާހުކުރުމަށް ހުށަހެޅޭ އިތުރު ކަންކަން:

  • ކޮމިއުނިޓީ ޕޮލިސިންގްގެ ފަލްސަފާގެ މައްޗަށް ބިނާވެގެންވާ ފުލުހުންގެ ހިދުމަތެއް، ލާމަރުކަޒީ އުސޫލުން، އިދާރީ ދާއިރާތަކުގައި ފޯރުކޮށްދެވޭނެ އުސޫލު ތައާރުފުކުރުން.
  • ފުލުހުންގެ ޒިންމާތައް އަދާކުރުމުގައި، ގާނޫނުގެ ދަށުން ފުލުހުންނަށް ލިބިދޭ ބާރު ބޭނުންކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވަނީ ކަމާގުޅޭގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ އުސޫލުތަކުގެ ދާއިރާގެ ތެރޭގައިކަން ކަނޑައެޅިގެން ބަޔާންކުރުން.
  • ކޮމިޝަނަރ އޮފް ޕޮލިސް އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް މީހުން އައްޔަނުކުރުމުގެ އިޖުރާއަތު އިތުރަށް ހަރުދަނާކޮށް، މަގާމުގެ ޝަރުތުތައް ކަނޑައެޅުން
  • ގާނޫނުއަސާސީއާއި ގާނޫނުގެ ދާއިރާގެ ތެރޭގައި ފުލުހުންގެ ހިދުމަތް ހިންގުމަށް ކޮމިޝަނަރަށް ދޭންޖެހޭ މަޝްވަރާއާއި ލަފާ ދިނުމަށާއި، އެކަންކަން އެގޮތަށް ހިނގަމުންދާކަން ކަށަވަރުކުރުމަށްޓަކައި، ކޮމިޝަނަރަށް ލަފާދޭ ބަޔަކު ތިބެންވާނެކަމަށް ކަނޑައެޅުން؛
  • ތަހުގީގުތައް ހިންގުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ދައުރު ބަޔާންކުރުން؛
  • ފުލުހުންގެ ހިދުމަތް ޖަވާބުދާރީކުރުވުމުގައި 241 ކޮމިޓީގެ ދައުރު ބަޔާންކުރުން؛
  • ކުށްކުރުން ހުއްޓުވުމާއި، އަމަން ބެލެހެއްޓުމާ ގުޅޭގޮތުން ފުލުހުންނަށް ލިބިދޭ ބާރުތައް އިތުރަށް ތަފްސީލުކޮށް ބަޔާންކުރުން؛
  • ގާނޫނުގައިވާ ގޮތުގެމަތިން މެނުވީ އެއްވުންތައް ރޫޅާލުމުގައި އަމަލުކޮށްގެންނުވާނެ ކަމުގައާއި، ބާރުގެ ބޭނުންކުރަންޖެހޭ ހާލަތެއް އުފަންވެފައިނުވާ ހާލަތެއްގައި ބާރުގެ ބޭނުން ނުކުރުމަށާއި، ބާރުގެ ބޭނުންކުރަންޖެހޭ ހާލަތުގައި، ބޭނުންކުރާ ބާރަކީ، ކުރިމަތިވެފައިވާ ނުރައްކަލާ އެކަށޭނަ، ނިސްބަތް ހަމަ ބާރަކަށް ވާންވާނެކަމަށް ކަނޑައެޅިގެން ބަޔާންކުރުން.
comment ކޮމެންޓް