ކައުންސިލަރުން ވަކި ނުކުރެވޭ ގޮތަށް ބަދަލުކޮށް ބިލު ފާސްކޮށްފި

19މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ކައުންސިލަރުން މަގާމުން ވަކި ނުކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް ރައްޔިތުންގެ މަޖިލީހުން އެ ގާނޫނު ފާސްކޮށްފި އެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އެވެ. އެ އިސްލާހު ލާމަރުކަޒީ ކޮމިޓީއިން ދިރާސާކޮށްގެން ތަޅުމާ ހަަމައަށް ގެނައިއިރު ކައުންސިލަރުން މަގާމުން ވަކިކުރެވޭ ގޮތަށް ވަނީ ބަދަލުގެނެސްފަ އެވެ. އެގޮތުން އެލްޖީއޭއިން މައްސަލަ ބަލައި މަޖިލީހަށް ފޮނުވުމުން މަޖިލީހަށް ކައުންސިލަރުން ވަކި ކުރެވޭ ގޮތަށް ކޮމިޓީއިން ވަނީ ބަދަލުގެނެސްފަ އެވެ.

ނަމަވެސް ކޮމިޓީއިން އެ ނިންމުން ބަދަލު ކުރުމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް މަޖިލީހުގެ ތަޅުމަށް ވަނީ އިސްލާހު ހުށަހަޅުއްވާފަ އެވެ. ސަނީފުގެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުގުނީ އެވެ. އެ އިސްލާހު ފާސްވީ މަޖިލީހަށް މިއަދު ހާޒިރުވެސް ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 75 މެމްބަރުންގެ ވޯޓާ އެކު އެވެ.

އަދި އެ އިސްލާހާ އެކު ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފައިވަނީ 76 މެމްބަރުން ވޯޓާ އެކު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކޮށް ނިންމައި ތަޅުމަށް ފޮނުވިއިރު ކައުންސިލަރުން މަގާމުން ވަކިކުރެވޭ ގޮތަށް ހަދައި، އެބާރު މަޖިލީހަށް ދީފައި އޮތުމުން ގިނަ ރައްޔިތުން ވަނީ އެކަމަށް ފާޑު ކިޔާފަ އެވެ. އެގޮތަށް އޮތް އޮތުމަށް ބަދަލު ގެނެސް މިހާރު ބިލަށް ގެނައި އިސްލާޙު ތަކުގައި ވާގޮތުން އެލްޖީއޭއަށް ކައުންސިލަރުން ސަސްޕެންޑް ކުރުމުގެ ބާރު ލިބިދެވެ އެވެ.

އެލްޖީއޭއިން އެކުލަވާލާ އިންކުއަރީ ކޮމިޝަނަކުން މައްސަލަ ބަލައި، އަދި އެ މައްސަލައިގެ ރިޕޯޓު އެލްޖީއޭއިން ދިރާސާ ކުރުމަށް ފަހު ކައުންސިލަރުންނަށް ކަންކަން އިސްލާހު ކުރުމަށް އެންގޭނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ. އަދި އިސްލާޙު ނުކޮށްފި ނަމަ ތިން މަސްދުވަހަށްވުރެ ދިގު ނޫން މުއްދަތަަކަށް ކައުންސިލަރުން ސަސްޕެންޑް ކުރުމުގެ ބާރު ބިލުން ވަނީ އެލްޖީއޭއަށް ދީފަ އެވެ. މިހާރު ބިލު އިސްލާހު ކުރިގޮތުން ކައުންސިލަރުންނަށް އަޅާ ފިޔަވަޅެއްގައި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނޯންނާނެ އެވެ.

އޭގެ އިތުރުން ވެސް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ވަނީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިސްލާޙުތަކެއް ހުށަހަޅާފަ އެވެ. އެގޮތުން ކޮންމެ ރަށެއްގައިވެސް އެންމެ މަދުވެގެން ފަސް ކައުންސިލަރުން ބައިތިއްބަން ޖެހޭ ގޮތަށް ވަނީ ބަދަލު ގެނެސްފަ އެވެ.

އާބާދީގައި 3000 މީހުންނަށްވުރެ މަދު މީހުން ތިބޭ ރަށްރަށުގައި ފަސް ކައުންސިލަރުން އަދި އޭގެ ތެރެއިން ދެ ކައުންސިލަރުންނަކީ އަންހެނުން ކަމަށް ކަނޑައަޅަން ވަނީ ގާނޫނަށް ބަދަލުގެނެސްފަ އެވެ. އަދި އާބާދީގައި 3000 ކައުންސިލަރުންނަށްވުރެ ގިނަ ވާނަމަ އެރަށެއްހައި ހަތް ކައުންސިލަރުން އަދި އޭގެތެރެއިން ތިން ކައުންސިލަރުންނަކީ އަންހެނުންނަށް ވާން ޖެހޭނެ އެވެ.

މިހާރު ފާސްކުރި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވާގޮތުން ކޮންމެ ކައުންސިލެއްގެވެސް 33 ޕަސެންޓް އަންހެނުންނަށް ދޭން ޖެހޭނެ އެވެ.

އޭގެ އިތުރުންވެސް ކައުންސިލުތަކަށް ބޮޑެތި ބާރުތަކާއި މާލީ ބާރުވެރިކަން ދިނުމަށް ލާމަރުކަޒީ ގާނޫނަށް ވަނީ ބަދަލުގެނެސްފަ އެވެ.

comment ކޮމެންޓް