ޖޭއެސްސީގެ މެމްބަރުކަމަށް ފަނޑިޔާރު ސަމީރު އައްޔަނުކުރައްވައިފި

ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަނުކުރައްވާފައިވަނީ އަލީ ސަމީރު

ހައިކޯޓްގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖެއެސްސީއަށް) އަށް އައްޔަން ކުރަން ހޮއްވެވި، ފަނޑިޔާރު އަލީ ސަމީރު އެ ކޮމިޝަންގެ މެންބަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ފަނޑިޔާރު ސަމީރު ކޮމިޝަންގެ ހުވާ ކުރެއްވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ. ރައީސްގެ ކުރިފުޅުމަތީގައި ކުރެއްވި ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ޖޭއެސްސީގެ މެމްބަރު ކަމުގެ މަގާމު ހުސްވީ، މިދިޔަ އާދިއްތަ ދުވަހު އެ މަގާމުގައި ހުންނެވި ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފު އިބްރާޙިމް އެ މަގާމުންސް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަނު ކުރި އަލީ ސަމީރަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަރސިޓީ އިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށްފަހު، މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

comment ކޮމެންޓް