ގައުމީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އަށް ބޭނުންވާ މީހުން މީހުން ތަމްރީން ކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއަދު ހެނދުނު އެމްޑަބްލިއުއެސްސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްއެވެ. އަދި ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ސީީއީއޯ އަހުމަދު ނާސިރުއެވެ.
މިއީ އެއް އަހަރު ދުވަހަށް ދެ ފަރާތުންވި އެއްބަސްވުމެކެވެ.
މިއަދު ވި އެއްބަސްވުމާ ގުޅޭ ގޮތުން ނާސިރު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން މައިގަނޑުގޮތެއްގައި އިސްކަންދޭނީ އެމްޑަބްލިއުއެސްސީން މިހާރު ކުރަމުންދާ މަސައްކަތަށް ބޭނުންވާ މީހުންގެ ދައިރާތަކަށް މީހުން ތަމްރީންކުރުން ކަމަށެވެ.
އޭގެ އިތުރަށް އެ އެއްބަސްވުމުގެ ތެރެއިން ޕޮލިޓެކްނިކް އިތުރަށް ހަރުދަނާކުރުމަށް އެމްޑަބްލިއުއެސްސީން އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ހަމަޖެހިފަިއވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެމްޑަބްލިއުއެސްސީއަކީ މިހާރު ހަމައެކަނި ފެން އުފައްދާ ކުންފުންޏެއް ވެސް ނޫން. ވަރަށް ފުޅާދާއިރާއެއްގައި އިންޖިނިއަރިން މަސައްކަތްތަކެއް ކުރާ ކުންފުންޏެއް. އެހެންވީމާ އަޅުގަނޑުމެން މިބަލަނީ އިންޖިނިއަރިން ރިލޭޓެޑް ހުރިހާ މަސައްކަތެއް [ދަސްކޮށްދޭން]،" ނާސިރު ވިދާޅުވި އެވެ.
އެގޮތުން ރެފްރިޖިރޭޝަން ފަދަ މަސައްކަތްތައް ކުރުމަކީ އެމްޑަބްލިއުއެސްސީ އިން ފުޅާ ދާއިރާއެއްގައި ކުރާ މަސައްކަތެއް ކަމަށާއި އިލެކްޓްރިކް ރިޕެއަރިން ފަދަަ މަސައްކަތަކީ ވެސް ކޮންމެ ދުވަހަކުން އެކުންފުނިން ވަރަށް ބޮޑަށް ކުރަމުންދާ މަސައްކަތްތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
"މިއިން ކޮންމެ ދާއިރާއަކަށް ބެލިކަމުގައި ވިޔަސް މި ކުންފުންޏަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި. އެހެންވީމާ މި ހުރިހާ ދާއިރާތަކުން ޕޮލިޓެކްނިކްއަށް އެހީތެރިކަން ދޭން އެއްބަސްވެވެނީ،" ނާސިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަމާޒަކީ ވީހާ ވެސް ގިނަ ބަޔަކު ތަމްރީން ކުރުންކަމަށާއި އަދި ޕޮލިޓެކްނިކްއިން އަންނަ ޖެނުއަރީގައި ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 15 އާ ހަމައަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.
ޕޮލިޓެކްކިން މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދުގައި ހަތަރު ކެމްޕަސްއެއް ހިންގަމުންދާ އިރު ލާނިން ސެންޓަރުގެ ތިން ތަން ވެސް ދަނީ ހިންގަމުންނެވެ.