ލަންކާގެ އިދާރާތަކަށް މީހުން ހަމަޖައްސަން ހާއްސަ ކޮމިޓީއެއް ގޯޓާބަޔަ އުފައްދަވައިފި

ލަންކާގެ ރައީސް ގޯޓާބަޔަ ރާޖަަޕަކްސަ --

ކޮލަމްބޯ (ޑިސެމްބަރު 3): ސްރީލަންކާގެ ދައުލަތުގެ އިދާރާތަކަށް ޗެއާމަނުންނާއި ބޯޑު މެމްބަރުން އައްޔަން ކުރުމަށް ރައީސަށް ލަފާ ދިނުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ.

މިމަހުގެ 18އިގައި ރައީސްކަމަށް އިސްވެވަޑައިގެންނެވި ގޯޓާބަޔަ ރާޖަޕަކްސަގެ މީޑިއާ ޑިވިޝަނުން ބުނި ގޮތުގައި އެ ހަ މެމްބަރުންގެ ކޮމިޓީގެ ޒިންމާއަކީ ދައުލަތުގެ އިދާރާތަކާއި އެންޓަޕްރައިޒްތަކަށް ޗެއާމަނުންނާއި ބޯޑު މެމްބަރު ކަމަށް ޝައުވެރިކަން ފާޅު ކުރާ މީހުންގެ ތެރެއިން އެންމެ ގާބިލު ކެންޑިޑޭޓުން ބަލާ، ރައީސަށް ލަފާ ދިނުމެވެ. އަދި ލަންކާ ސަރުކާރުން ވަނީ ބޯޑް މެމްބަރުންނާއި ޗެއާޕާސަން ކަމަށް ނަން ހުށަހެޅުމަށް މިމަހުގެ 18އާ ހަމައަށް ފުރުސަތު ހުޅުވާލާފަ އެވެ.

އެކޮމިޓީގެ ޗެއާމަނަކީ ކެބިނެޓް އޮފް މިނިސްޓާސްގެ ކުރީގެ ސެކްރެޓަރީ ސުމިތު އަބޭސިންހު އެވެ. އަދި އިތުރު މެމްބަރުންގެ ތެރޭގައި ލަންކާގެ ޖޯން ކީލްސް ހޯލްޑިންސް ކުންފުނީގެ ކުރީގެ ޗެއާމަން އާއި އެގައުމުގެ ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަންގެ ކުރީގެ ޗެއާމަންއަކާއި ހީލާ ކްލޮތިން ކުންފުނީގެ ޗެއާމަން އާއި ނިއުރޯސާޖަންއަކާއި ސީނިއާ ލެކްޗަރާއެއް ހިމެނެ އެވެ.

ގޯޓާބަޔަގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި، ދައުލަތުގެ އިދާރާތައް އެންމެ ރަނގަޅަށް ހިންގާ، މަންފާ ލިބޭ ގޮތަށް ކުރިއަށްގެންދިޔުމަށްޓަކައި އެއިދާރާއަކާ ގުޅުން ހުރި ދާއިރާގެ މާހިރުން އިދާރާގެ އިސް މަގާމުތަކަށް އައްޔަން ކުރުން ހިމެނެ އެވެ.

comment ކޮމެންޓް