ޝަމީމްގެ މައްސަލައެއް އޭސީސީއަށް ހުށަހަޅައިފި

ޕީޖީގެ މަގާމަށް ކުރިމަތިލައްވާފައިވާ ހުސެއިން ޝަމީމް: އޭނާއަށް ތުހުމަތު ކުރާ މައްސަލައެއް އޭސީސީއަށް ވަނީ ހުށަހަޅާފައި -- ސަން ފޮޓޯ

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރަން ރައީސް ނަން ފޮނުވާފައިވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ޕީޖީ ކަމުން އައިޝަތު ބިޝާމް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރޭގައި ޝަމީމް ހިމެނެ އެވެ. ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވީވެސް ޝަމީމްގެ ނަމެވެ. މިހާރު އޭނާގެ ނަން ދިރާސާ ކުރަން ވަނީ ޖުޑިޝަރީއަށް ފޮނުވައިފަ އެވެ.

އޭސީސީގެ އިންފޮމޭޝަން އޮފިސަރު މިއަދު "ސަން"އަށް ވިދާޅުވީ ޝަމީމް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މީހަކަށް ދައުވާ ނުކުރަން ނިންމި މައްސަލައެއް އިއްޔެ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު، އަދި އެ މައްސަލަ ބެލުމާ މެދު އަދި ގޮތެއް ނިންމާފައި ނުވެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި، ޝަމީމްއާ ދެކޮޅަށް ހުށަހެޅި މައްސަލައަކީ އޭނާ ޑީޕީޖީގެ މަގާމުގައި ހުންނެވި އިރު، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެނަކު، ގަވައިދާ ހިލާފަށް ރާއްޖެއަށް ބުދެއް އެތެރެ ކުރި މައްސަލައިގައި ދައުވާ ނުކުރަން ނިންމި ކަމަށް ބުނާ މައްސަލައެކެވެ.

އެކަމާ ގުޅިގެން ޝަމީމްއަށް ގުޅުމުން ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ލިބިފައެއް ނުވެ އެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ޝަމީމްއާ އިންޓަވިއު ކުރުން އޮތީ މިރެ އެވެ. އޭނާއާ ގުޅޭ ޝަކުވާއެއް އޮތް ނަމަ މިރޭ 8:00 ގެ ކުރިން އެ ކޮމިޓީއަށް ހުށަހެޅުމަށް މަޖިލީހުން ވަނީ އެދިފަ އެވެ.

ޝަމީމްގެ އިތުރުން ދެން އެ މަގާމަށް ކުރިމަތިލެއްވި ދެ ބޭފުޅުން ކަމަށްވާ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް މަރިޔަމް ނިހާޔަތާއި ގާނޫނީ ވަކީލު އަހްމަދު ޒަނީންގެ ނަން ރައީސް މަޖިލީހަށް ނުފޮނުވަ އެވެ.

comment ކޮމެންޓް