ސައުތް އޭޝިއަން ގޭމްސް: ޓީޓީގެ ފިރިހެން ޓީމް އިވެންޓުގައި ލަންކާ އަތުން ރާއްޖެ ބަލިވެއްޖެ

ރާއްޖޭގެ ފިރިހެން ޓީޓީ ޓީމް --- ފޮޓޯ/ އެމްއޯސީ

ނޭޕާލް، ކަތަމަންޑޫ: ނޭޕާލްގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގެ ޓީޓީ ޓީމް އިވެންޓުގައި މިއަދު ރާއްޖޭގެ ފިރިހެން ޓީމު ފުރަތަމަ ތިން ގޭމުން ބަލިކޮށް ސްރީ ލަންކާ މެޗު ކާމިޔާބު ކޮށްފި އެވެ.

ނޭޕާލްގެ ކަތަމަންޑޫގައި މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވި ނަމަވެސް ވާދަވެރި ކުޅުމެއް ވަނީ ދައްކައިފަ އެވެ. މި މެޗުން ބަލިވި ނަމަވެސް ރާއްޖެއަށް އަދި ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ރާއްޖެއިން ކުރިއަށް އޮތް ދެ މެޗުގައި ބައްދަލު ކުރާނީ މުބާރާތް ބާއްވާ ގައުމުކަމަށްވާ ނޭޕާލްގެ އިތުރުން އިންޑިއާއާ ދެކޮޅަށެވެ.

ރާއްޖޭގެ ޓީޓީ ކުޅުންތެރިޔާ ޒީސްތް މިއަދު ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

މިއަދު ކުޅުނު ފުރަތަމަ ރާއްޖޭގެ މޫސާ މުންސިފް އަހްމަދު ކުޅުނު އިރު ވާދަވެރި ކުޅުމަކަށްފަހު ލަންކާގެ ކުޅުންތެރިޔާ އެ މެޗުގެ ސެޓުތައް ގެންދިޔައީ 8،11، 9،11 އަދި 8،11 އިންނެވެ.

ދެވަނަ ސެޓުގައި މުހައްމަދު ޝައްްފާން ކުޅުނު އިރު އެ މެޗު ލަންކާ ކުޅުންތެރިޔާ ކާމިޔާބު ކުރީ 1-3 އިންނެވެ. އެ މެޗުގެ ފުރަތަމަ ސެޓު 11-7 އިން ޝައްފާން ބަލިވި ނަމަވެސ ދެވަނަ ސެޓުގައި މޮޅަށް ކުޅެ ޝައްފާން ވަނީ 13-15 އިން ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ޖެހިގެން އައި ދެ ސެޓު ލަންކާ ކުޅުންތެރިޔާ ކާމިޔާބު ކުރީ 11-7 އަދި 11-6 އިންނެވެ.

ތިންވަނަ ސެޓުގައި ރާއްޖޭގެ މުހައްމަދު ޒީސްތް ނަސީމްއާ ވާދަކޮށް ލަންކާ ކުޅުންތެރިޔާ މެޗު ކާމިޔާބު ކުރީ ސީދާ ތިންސެޓުން މޮޅުވެގެންނެވެ. އެ މެޗުގެ ސެޓުތައް ލަންކާ ކުޅުންތެރިޔާ ގެންދިޔައީ 11-4، 11-8 އަދި 11-8 އިންނެވެ.

ރާއްޖޭގެ ފިރިހެން ޓީޓީ ޓީމުގެ ދެވަނަ މެޗު އޮންނާނީ މާދަމާ އެވެ. ބައްދަލު ކުރާނީ ނޭޕާލްއާ އެވެ. މި އިވެންޓުގެ އަންހެން ކެޓަގަރީ މެޗު މިއަދު ހަވީރު ކުޅޭ އިރު އަންހެން ޓީމު ބައްދަލު ކުރާނީ ސަރަހައްދުގެ އެންމެ ވަރުގަދަ އިންޑިއާއާ އެވެ. އަންހެން ޓީމުން އެންމެ ފަހުން މޮރިޝަސްގައި ބޭއްވި އައިއޯއައިޖީގައި ވެސް ވަނީ ޓީމް އިވެންޓް އަދި ސިންގަލްސްގެ އިތުރުން ޑަބަލްސް އިވެންޓުން ވެސް ރަން މެޑަލް ހޯދައިފަ އެވެ.

comment ކޮމެންޓް