އިދިކޮޅުން މާލޭގައި ކުރި މުޒާހަރާ ފުލުހުން ރޫޅާލައިފި

ނޮވެމްބަރ 29، 2019: މަނީލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް ޔާމީން ދޫކޮށްލުމަށް އެމަނިކުފާނުގެ ސަޕޯޓަރުން މާލެ ޖަލު ކުރިމައްޗަށް އެއްވެ ކުރި އިހުތިޖާޖުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމް އިންސާފުވެރި ނޫން ކަމަށް ބުނެ އެމަނިކުފާނު މިނިވަންކުރަން ގޮވާލައި މިރޭ އިދިކޮޅު ޕީޕީއެމް-ޕީއެންސީއިން މާލޭގެ މަގުތަކުގައި ކުރި މުޒާހަރާ ފުލުހުން ރޫޅާލައިިފިއެވެ.

މިރޭ އިދިކޮޅުގެ އެއްވުން ފެށުނީ މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ހަތަރުއަނގޮޅު ކައިރިންނެވެ. އެ ހިސާބުގައި އިދިކޮޅުގެ ސަޕޯޓަރުން އެއްވެފައި ތިއްބާ އެސްއޯ ފުލުހުން ވަނީ އެތަނަށް ގޮސް އެއްވުމުގެ ބައިވެރިން ކުނޫޒަށް ފަހަތަށް ޖައްސައިފައެވެ. އެފަހުން އެއްވުމުގެ ބައިވެރިން ވަނީ އެތަން ދޫކޮށް މަޖީދީމަގުން އިރަށް ހިނގައި ޝުއޫރު ފާޅުކޮށްފައެވެ.

އެ އެއްވުމުގެ ތެރެއިން، ޕީޕީއެންގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ޕީޕީއެމް އަދި ޕީއެންސީގެ ބައެއް އިތުރު ފަރާތްތައް ހައްޔަރުކުރިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން ޝިޔާމް މިހާރު ވަނީ ދޫކޮށްލައިފައެވެ. ޝިޔާމް "ސަން"އަށް ވިދާޅުވީ، އޭނާގެ އިތުރުން ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ. އަދި އެ މީހުން ދޫކޮށްލިކަމެއް އެނގިފައި ނުވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އަދި ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގެ ތެރޭގައި، ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ މާލޭގައި ފުލުހުންގެ ހުއްދައާ ނުލައި މުޒާހަރާތައް ނުބޭއްވޭނެ ގޮތަށް ގާނޫނަށް ބަދަލުގެނެސްފައެވެ.

އެމްއެމްޕީއާރްސީ މެދިވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަަން ޑޮލަރު ލޯންޑާ ކުރިކަން ރައީސް ޔާމީންގެ މައްޗަށް ސާބިތުވުމުން އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރީމާނާ ކުރަން ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމް ގަބޫލު ނުކޮށް، އިދިކޮޅުން މިހާރު ވަނީ މާލޭގައި މުޒާހަރާ ކުރަން ފަށައިފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމާ ގުޅިގެން، އަންނަ ބުދަ ދުވަހު ގައުމީ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށްވެސް މިއަދު އިދިކޮޅުން ވަނީ ބުނެފައެވެ.

comment ކޮމެންޓް