ލަންޑަން (ނޮވެމްބަރު 30): އިނގިރޭސިވިލާތުގެ ލަންޑަން ބްރިޖުގައި އިއްޔެ ފަސް މީހަކަށް ވަޅިން ހަމަލާދިން މީހާ އަކީ މީގެ ކުރިން ޓެރަރިޒަމްގެ ކުށް ސާބިތުވެ، އެގައުމުގައި ޖަލު ހުކުމެއް ތަންފީޒު ކުރި މީހެއް ކަމަށް އިނގިރޭސި ފުލުހުން ބުނެފި އެވެ.
ލަންޑަން ފުލުހުންގެ ކައުންޓާޓެރަރިޒަމް ޔުނިޓުން ބުނި ގޮތުގައި އިއްޔެ އެ ހަމަލާ ދިނީ އުސްމާން ޚާން ކިޔާ 28 އަހަރުގެ މީހެކެވެ. އިނގިރޭސިވިލާތުގައި ޕާކިސްތާނުގެ އާއިލާއަކަށް އުފަންވި ޚާން ފުރާވަރު އުމުރުގައި ޕާކިސްތާނުގައި ދުވަސްކޮޅެއް ހޭދަކޮށްފައިވާ ކަމަށް ދި ޓެލެގްރާފްއިން ރިޕޯޓު ކުރި އެވެ.
ދެހާސްބާރަ ވަނަ އަހަރު ޚާން ޖަލަށްލީ އަލްގައިދާގެ ފިކުރަށް ތާއިދު ކުރާ ބަޔަކާ އެކު ލަންޑަން ސްޓޮކް އެކްސްޗޭންޖަށް ހަމަލާ ދޭން ރޭވި ކަމުގެ ކުށުގަ އެވެ. އޭރު އޭނާ އަށް އަހަރަށް ޖަލަށް ލާން ހުކުމް ކުރި ނަމަވެސް ޖެހިގެން އައި އަހަރު އެހުކުމް 16 އަހަރަށް އިތުރު ކުރި އެވެ.
ނަމަވެސް މިދިޔަ އަހަރު ޚާންގެ ފައިގައި ޓެގް އެޅުވުމަށް ފަހު އޭނާ ޖަލުން ދޫކޮށްލި އެވެ. އަދި އޭނާ ދިޔައީ ގައިދީން އިސްލާހު ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއްގައި ބައިވެރިވަމުން ކަމަށް ފުލުހުން ބުންޏެވެ.
އިއްޔެ ލަންޑަން ބުރިޖު މަތީގައި ޚާން ދިން ހަމަލާގައި ދެ މީހަކު މަރުވެ، ތިން މީހުންނަށް އަނިޔާވި އެވެ. އޭނާ ހަމަލާ ދިނީ ގޮވާތަކެތި ހަރުކޮށްފައިވާ ޖެކެޓެއް އަޅައިގެން ހުރެ ކަމަށް ބުނި ނަމަވެސް ފުލުހުން ވަނީ އެއީ އަސްލު ގޮވާ ތަކެއްޗެއް ނޫން ކަމަށް ބުނެފަ އެވެ.
ޚާން ހުއްޓުވުމުގައި އެސަރަހައްދުގައި ތިބި އާއްމުން ވަނީ އިސް ދައުރެއް އަދާކޮށްފަ އެވެ. އަދި ފުލުހުން އޭނާ ހުއްޓުވަން އުޅުމުގެ ތެރޭގައި ބަޑި ޖެހުމުން ޚާން ވަނީ މަރުވެފަ އެވެ.
ލަންޑަނުގެ ފުލުހުން ދަނީ އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.