ކުރިން ވޯލްޑް ރޭންކިންގްގެ އަށްވަނަ ހޯދި ތަޖުރިބާކާރު ޓެނިސް ކުޅުންތެރިޔާ ޔަންކޯ ޓިޕްސަރެވިޗް ރާއްޖޭގައި ޓެނިސް އެކެޑެމީއެއް ހުޅުވުމާ ގާތަށް ޖެހިލައިފައިވާކަމަށް ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ރަސްމީ ދަތުރުފުޅެއްގައި ސްވިޒަލެންޑަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ އައިސް މަހްލޫފް ވަނީ ފެއާމޮންޓް މޯލްޑިވްސް ސިއްރުފެންފުށި ރިސޯޓަށް ވަޑައިގެން، އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދާ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ޓިޕްސަރެވިޗްއާ ބައްދަލުކުރައްވާފައެވެ. އަދި އެއަށްފަހު މަހްލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔޭގެ އަށްވަނަ ކުރިން ހޯދި ޓެނިސް ކުޅުންތެރިޔާ ޓިޕްސަރެވިޗްގެ އެކެޑެމީއެއް ރާއްޖޭގައި ހުޅުވުމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށެވެ.
"އެތައް މަހެއް ވަންދެން މަޝްވަރާ ކުރުމަށްފަހު ދުނިޔޭގެ އަށްވަނަ މީގެ ކުރިން ހޯދި ޓެނިސް ކުޅުންތެރިޔާ ޔަންކޯ ޓިޕްސަރެވިޗް ވަނީ ރާއްޖޭގައި އޭނަގެ ޓެނިސް އެކެޑެމީއެއް ހުޅުވުމާއި ވަރަށް ގާތަށް ޖެހިލައިފަ. މިކަން ކުރިއަށް ގެންދާނީ ޓެނިސް އެސޯސިއޭޝަނާއި ވެސް ގުޅިގެން،" މަހްލޫފް ވިދާޅުވިއެވެ.
ޓިޕްސެރަވިޗްއަކީ ކުރިން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޓެނިސްކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ސާބިއާގެ ކުޅުންތެރިޔެކެވެ. ދެ އަތުންވެސް އެއް ފެންވަރެއްގައ ކުޅޭ ޓިޕްސެރަވިޗް 2002 ވަނަ އަހަރު ޕްރޮފެޝަނަލް ކެރިއަރު ފެށި އިރު އޭނާ އަދިވެސް އަންނަނީ ޓެނިހުގެ އެންމެ މަތީ އުދަރެހުގައި ފައިތިލަ ސާބިތުކުރަމުންނެވެ.
ޓެނިސް ހަޔާތުގައި މިހާތަނަށް ހަތަރު ޓްރޮފީއެއް އުފުލާލި ޓިޕްސެރަވިޗް 2012 ވަނަ އަހަރު ވަނީ ދުނިޔޭގެ އެންމެ މޮޅު 10 ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.
ޓެނިސް އެސޯސިއޭޝަނުން "ސަން"އަށް މައުލޫމާތުދެމުން ބުނީ ޓެނިސް އެސޯސިއޭޝަނާއި މީގެ ކުރިން ވެސް އެކަމުގެ ވާހަކަ ކޮންމެވެސް ވަރަކަށް ހިއްސާ ކުރެވުނު ކަމަށާއި މިއަދު ލިބުނު މި ޚަބަރަކީ ވަރަށްވެސް އުފާވެރި، އަދި ކާމިޔާބީގެ ފެށުމަށް ވެގެންދާނެ ވަރުގެ ޚަބަރެއް ކަމަށެވެ.
ރާއްޖޭގައި ޓެނިސް ކުޅޭތާ 50 އަހަރުވުން ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ ތެރޭގައި ޓެނިސް އެސޯސިއޭޝަނާއި މިނިސްޓްރީ ގުޅިގެން ގިނަހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތން ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ޓެނިސް މުބާރާތެއް މިއަހަރު ވަނީ ރާއްޖޭގައި ބާއްވައިފައެވެ.