"ސްޓްރީޓް ޑާންސާ" ގެ ޓްރެއިލާ އަންނަ މަހު

ފިލްމުގެ ޕޯސްޓަރެއް--

ޑައިރެކްޓަރު/ކޮރެއޯގްރާފަރު ރޭމޯ ޑިސޫޒާ، އެކްޓަރު ވަރުން ދަވާން އާއެކު ގެނެސްދޭ "ސްޓްރީޓް ޑާންސާ" އަކީ ގިނަ ބަޔަކު އެންމެ އިންތިޒާރުކުރާ އެއް ފިލްމެވެ.

ފިލްމު އަންނަ އަހަރު ޖަނަވަރީ މަހުގެ 24 ވަނަ ދުވަހު ރިލީޒްކުރާކަމަށް އިއުލާންކުރުމާއެކު ގިނަ ބަޔަކު އިންތިޒާރުކުރީ ފިލްމުގެ ޓްރެއިލާ ދައްކާލާނެ ދުވަހަކަށެވެ. އެ ފިލްމުގެ ޓްރެއިލާ އަންނަ މަހުގެ 12 ވަނަ ދުވަހު ބެލުންތެރިންނަށް ދައްކާލާނެ ކަމަށް ހަބަރުތައް ވަނީ ބުނެފައެވެ.

މި ފިލްމަކީ މިހާތަނަށް އިންޑިއާއިން ގެނެސްދޭ އެންމެ ބޮޑު ޑާންސް ފިލްމެވެ. ޑާންސް ގްރޫޕްތަކެއްގެ ކުރިމަތިލުން ފިލްމުގައި ފެނިގެންދާނެއެވެ. މި ފިލްމުގައި ކޮރިއޮގްރާފަރު ޕްރަބޫދޭވާގެ ސަޅި ނެށުންތަކެއް ފެނިގެންދާ ލަވަ "މުގާބަލާ"ގެ ރީމޭކެއް ފެނިގެންދާނެއެވެ. "މުގާބަލާ" އަކީ 1994 ވަނަ އަހަރު ނުކުތް ފިލްމު "ކަދުލާން" ގެ ލަވައެކެވެ.

ފިލްމުގައި ވަރުން އާއެކު ފެނިގެންދާނީ 'އޭބީސީޑީ 2' އިން ވެސް ފެނިގެން ދިޔަ ޝްރައްދާ ކަޕޫރެވެ. އެ ފިލްމުގައި ވަރުން އަދާކުރާނީ ޕަންޖާބަށް ނިސްބަތްވާ ނެށުންތެރިއެއްގެ ރޯލު ކަމަށާއި، ޝްރައްދާ ފެނިގެންދާނީ ޕާކިސްތާނަށް ނިސްބަތްވާ ނެށުންތެރިއެއްގެ ރޯލުން ކަމަށް ޚަބަރުތައް ބުނެ އެވެ.

comment ކޮމެންޓް