ސިންގަޕޫރުގެ "ފޭކް ނިއުސް" ގާނޫނުގެ ދަށުން ފޭސްބުކް ޕޯސްޓުތަކެއް ބަދަލު ކުރަން އަންގައިފި

ސިންގަޕޫރުން ވަނީ އެސްޓީއާރުގެ ފޭސްބުކް ޕޯސްޓުގައި ސައްހަ ނޫން މައުލޫމާތު ހުރި ކަމަށް ބުނެފައި ---

ސިންގަޕޫރު (ނޮވެމްބަރު 29): ސިންގަޕޫރުން ދޮގު ހަބަރު ފެތުރުން ހުއްޓުވުމަށް ހަދާފައިވާ ގާނޫނުގެ ދަށުން އެއް ހަފްތާ ތެރޭ ފޭސްބުކް ދެ ޕޯސްޓެއް ބަދަލު ކުރަން އަންގައިފި އެވެ.

މިދިޔަ އޮކްޓޯބަރު މަހު ސިންގަޕޫރުން އަމަލު ކުރަން ފެށި 'ޕްރޮޓެކްޝަން ފްރޮމް އޮންލައިން ފޯލްސްހުޑްސް އެންޑް މެނިޕިއުލޭޝަން' ގާނޫނުގެ ދަށުން ފޭސްބުކް ޕޯސްޓެއް ބަދަލު ކުރަން ފުރަތަމަ އެންގީ މިދިޔަ ހޯމަ ދުވަހުގަ އެވެ. އަދި އިއްޔެ އަނެއްކާ ވެސް އެ ގައުމުގެ ސަރުކާރުގެ "ހަގީގަތްތައް ހޯދާ ބަލާ" ވެބްސައިޓުން ވަނީ ސްޓޭޓް ޓައިމްސް ރިވިއު (އެސްޓީއާރު) ކިޔާ ހަބަރު ގެނެސްދޭ ފޭސްބުކް ޕޭޖެއްގައި ތެދު ނޫން މައުލޫމާތު ހުރި ކަމަށް ބުނެފަ އެވެ.

އޮސްޓްރޭލިއާގައި ހުންނަ ސިންގަޕޫރުގެ ނޫސްވެރިޔަކު ހިންގާ އެސްޓީއާރުގެ ފޭސްބުކް ޕޯސްޓުގައިވާ ގޮތުން ސިންގަޕޫރުން ވަނީ އެގައުމުގެ ވެރިކަން ކުރާ ޕާޓީގެ މެމްބަރުންތަކެއްގެ މައްޗަށް ތުހުމަތުތަކެއް ކުރި ވިސުލްބްލޯވާއެއް ހައްޔަރުކޮށްފަ އެވެ.

ނަމަވެސް ސިންގަޕޫރު ސަރުކާރުން ވަނީ އެފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ބުނެފަ އެވެ. އަދި އެސްޓީއާރުގެ ލިޔުމުގައި ވަނީ އެގައުމުގެ އިލްކެޝަންސް ޑިޕާޓްމެންޓާއި ބޮޑުވަޒީރާއި އިންތިހާބުތައް ކުރިއަށްގެންދާ ގޮތާ ބެހޭ ގޮތުން ސައްހަ ނޫން ތުހުމަތުތަކެއްކޮށްފަ އެވެ.

ނަމަވެސް އެސްޓީއާރުގެ އެޑިޓަރު އެލެކްސް ޓޭން ވަނީ "ބޭރު ގައުމެއްގެ ސަރުކާރަކުން ކުރާ އަމުރަކަށް ބޯނުލަނބާނެ" ކަމަށް ބުނެފަ އެވެ. އަދި އެ ޕޭޖު ހިންގަނީ އޮސްޓްރޭލިއާގައި ކަމަށާއި އެހެންކަމުން އަމަލު ކުރާނީ އޮސްޓްރޭލިއާގެ ގާނޫނުތަކަށް ބުނެފަ އެވެ.

މީގެ ކުރިން ސިންގަޕޫރުން ފޭކް ނިއުސް ގާނޫނުގެ ދަށުން ބަދަލު ކުރަން އެންގީ އެގައުމުގެ އިދިކޮޅު ޕާޓީއެއްގެ މެމްބަރެއް އަދި ވަކީލެއް ކަމަށްވާ ބްރެޑް ބޯޔާގެ ފޭސްބުކް ޕޯސްޓެކެވެ. އެޕޯސްޓުގައި އޭނާ ވަނީ ދައުލަތުގެ ދެ ކުންފުންޏަކުން ކުރާ އިންވެސްޓްމެންޓުތަކަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ނަމަވެސް ސިންގަޕޫރުގެ ފިނޭންސް މިނިސްޓްރީން ވަނީ އެތުހުމަތު ދޮގުކޮށް، އެ ޕޯސްޓު އިސްލާހު ކުރުމަށް އަންގާފަ އެވެ. އަދި ބޯޔާ ވަނީ ސަރުކާރުން އެންގި ބަދަލުތައް ގެނެސްފަ އެވެ.

ސިންގަޕޫރުގެ ފޭކް ނިއުސް ގާނޫނުގައި ވަނީ ސަރުކާރުން ސައްހަ ނޫން މައުލޫމާތުގެ ގޮތުގައި ދެކޭ މައުލޫމާތާއި އާއްމު މަސްލަހަތަށް ގެއްލުން ހުރި ކަމަށް ބެލެވޭ މައުލޫމާތު ނަގަން އޮންލައިން ޕްލެޓްފޯމްތަކަށް އަމުރު ކުރުމުގެ ބާރު ސަރުކާރަށް ދީފަ އެވެ. އަދި އެ ގާނޫނާ ހިލާފުވާ މީހުން ގިނަވެގެން އެއް މިލިއަން ސިންގަޕޫރު ޑޮލަރު (733،700 ޑޮލަރު)ން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރެވިދާނެ އެވެ.

އެގާނޫނަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އެއީ ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އަޅާ، ސަރުކާރުން ނުރުހޭ ހިޔާލުތައް ސެންސަރު ކުރުމުގެ ބާރު އެ ސަރުކާރަށްދޭ ގާނޫނެއް ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް