ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މިއަދު އިއްވާފައި ވަނީ ސިޔާސީ ހުކުމެއް ކަމަށާއި، އެމަނިކުފާނު މިނިވަންކުރަން ކުރާ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށް ދާދިފަހުން ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުން ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމް ކޮށްފަ އެވެ.
އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ވެސް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
ރައީސް ޔާމީނަށް އިއްވި ހުކުމާ ގުޅިގެން ކްރިމިނަލް ކޯޓު ދޮށުގައި އެމަނިކުފާނުގެ ސަޕޯޓަރުން އަންނަނީ އަޑު އުފުލަމުންނެވެ. އެތަނުގައި ހުންނަވާ ޗެނަލް 13 އަށް ދެއްވި އިންޓަވިއުއެއްގައި މެމްބަރު ހުސައިން ވިދާޅުވީ އިދިކޮޅުގެ އެ ހުކުމް ގަބޫލުނުކުރައްވާ ކަމަށާއި ހުކުމާ ދެކޮޅަށް އިހްތިޖާޖް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ހުކުމަ ދެކޮޅަށް އިހްތިޖާޖު ކުރާނަން އަޅުގަނޑުމެންނަށް ކުރެވެން އޮތް ވަރަކަށް. ރައްޔިތުންގެ މަޖިލީހުގައި ވެސް އެކަން ސާބިތުކަމާއެކު، ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދާކަށް ވެސް ފުރުސަތެއް ނުދޭނަން،" މެމްބަރު ވިދާޅުވި އެވެ.
މި ދައުވާއަކީ ރައީސް ޔާމީންގެ މައްޗަށް ކުރެވިގެންވާނެ ދައުވާއެއް ވެސް ނޫން ކަމަށާއި އެހެންކަމުން މިއީ ފެށުމުގައި ވެސް ބާތިލް ދައުވާއެއް ކަމަށް މެމްބަރު ވިދާޅުވި އެވެ. އަދި މިއަދު އިއްވި ހުކުމާއެކު، ބެންޗުގައި ތިއްބެވި ފަސް ފަނޑިޔާރުން ރާއްޖޭގެ ޖުޑީޝަރީއަށް ކަޅު ސޮފްހާއެއް އިތުރުކޮށްފައިވާ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.
ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ރައީސް ޔާމީން ޖަލަށް ލައި، ރާއްޖޭގައި ލާދީނީ ފިކުރު ފަތުރަން ކަމަށާއި، އެކަމަށް ޖާގަ ނުދިނުމަށް ޕީޕީއެމްގެ ފިކުރުގައި ހުރިހާ ރައްޔިތުން މަސައްކަތް ފަށަން ޖެހިފައިވާ ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.